ދެ އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހު ފިލްމު ކުޅުމުގެ މަސައްކަތް ޝާހްރުކް ޚާން ފަށައިފި އެވެ. އޭނާ ފުރަތަމަ ކުޅެނީ ޔާޝް ރާޖް ފިލްމްސް އިން އުފައްދާ "ޕަޓާން" އެވެ. މި ފިލްމުގެ ޝޫޓިންގްގައި ޝާހުރުކް އުޅެނިކޮށް ނަގާފައިވާ ފޮޓޯތަކެއް މިހާރު ސޯޝަލް މީޑިއާގައި ދައުރު ވަމުން އެބަދެ އެވެ. މި ފޮޓޯތަކުން ފެންނަނީ މާސްކް އަޅައި އަދި ބޯ ވެސް ފޮރުވައިގެން ޝާހްރުކް ހުއްޓަ އެވެ.
ސިދާރްތު އާނަންދު ޑައިރެކްޓް ކުރާ "ޕަޓާން" ގެ ޝޫޓިން ޝާހްރުކް ފަށާފައި ވަނީ މީގެ ހަފުތާއެއްހާ ދުވަސް ކުރިންނެވެ. އަދި ހޯމަ ދުވަހުން ފެށިގެން ޝާހްރުކް އާއެކު ފިލްމުގެ ބަތަލާ ދީޕިކާ ޕަދުކޯން ވެސް ވަނީ ޝޫޓިން ފަށާފަ އެވެ.
ދީޕިކާ މި ފިލްމުގައި ކުޅެނީ އެޖެންޓެއްގެ ރޯލެވެ. ވަރަށް ވަރުގަދަ އެކްޝަން މަންޒަރުތައް ދީޕިކާ އަށް ވެސް ފިލްމުގައި ކުޅެން ޖެހޭނެ އެވެ.
ދީޕިކާ މި ފިލްމުގައި ކުޅޭ ރޯލަކީ "ޓައިގާ ފްރެންޗައިސް" ގެ ފިލްމުތަކުގައި ކެޓުރީނާ ކައިފް ކުޅުނު ޒޯޔާގެ ކެރެކްޓާ ކަހަލަ ރޯލެއް ކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ބުނެފަ އެވެ.
ފިލްމުގައި ނުބައިބައި ކުޅެނީ ޖޯން އަބްރަހަމެވެ. ޖޯން އަދި ޝޫޓީން ފަށާނީ ދުވަސްކޮޅެއް ފަހުން ޚަމަށް ޚަބަރުތައް ބުނެ އެވެ.
ސެޓުގައި އުޅޭ ވަގުތު ޝާހްރުކް އޭނާގެ ސިފަ ފޮރުވައިގެން އުޅެނީ ފިލްމުގައި އޭނާ ހުންނަ ގޮތް ލީކުވެދާނެތީ ކަމަށް ބެލެވެ އެވެ. އޭނާގެ ކެރެކްޓާ ހުންނަނީ ދިގު އިސްތަށިގަނޑެއް ލާފައި ކަން ލީކުވެފައިވާ ފޮޓޯތަކުން ވަނީ ހާމަވެފަ އެވެ.
އަންގާރަ ދުވަހު މި ފިލްމުގެ ޝޫޓިން ކުރިޔަށް ދިޔައީ ގޭޓްވޭ އޮފް ޗައިނާގަ އެވެ. ހޫޑީ އަކާއި މާސްކެއް އަޅައިގެން ޝާހްރުކް ހުރީ އިސްތަށިގަނޑު ފޮރުވަން ކަމަށް ބެލެވެ އެވެ.
ފިލްމުގެ ދެން އޮތް ބައި ފުރިހަމަކުރަން ހަމަޖެހިފައިވަނީ އަލީބާގްގެ ފާމްހައުސްއެއްގަ އެވެ.
ޝާހްރުކް އެންމެ ފަހުން ކުޅުނީ 2018 ގައި ރިލީޒްކުރި "ޒިރޯ" އެވެ. ކެޓުރީނާ ކައިފް އާއި އަނުޝްކާ ޝަރުމާ އާއެކު އޭނާ ކުޅުނު ފިލްމު ބޮކްސް އޮފީހުގައި ވަނީ ބޮމެއް ހެން ގޮވާފަ އެވެ. ކެރިއަރާ މެދު އިތުރަށް ވިސްނައި ފިކުރު ކުރަން ކުޑަ ބްރޭކެއް ނަގަން ޝާހްރުކް ނިންމީ ފިލްމުތައް ނާކާމިޔާބުވާން ފެށީމަ އެވެ.