ލައިފްސްޓައިލް

"ލޯބީގެ ކޯޅުމެއްގައި" ފިރިމީހާ ބަނދެ އެއްލާލައިފި

ޗައިނާގެ އަންހެނަކު ބަޔަކު ލައްވާ އޭނާގެ ފިރިމީހާ ބަނދެފައި ކޯރަކަށް އެއްލާލައިފި އެވެ. ފިރިހެންމީހާ ކޯރަށް އެއްލާލީ ވަގު ލޯބިވެރިޔާ އާއެކު ކޮޓަރިއެއްގައި އޮއްވައި ރެޑް ހޭންޑް ކޮށް ހިފުނީމަ އެވެ. އަންހެންމީހާ ވަނީ ހަތަރު ފިރިހެނަކު ލައްވާ ފިރިހެންމީހާ ދަމައި އެ ބިލްޑީންގުން ނެރެފަ އެވެ.

މިކަން ހިނގައިދިޔަ ގޮތް ސީސީޓީވީ ކެމެރާ އަށް ރެކޯޑް ކުރެވިފައި ވެއެވެ. އަދި މި ވީޑިއޯ މިހާރު ސޯޝަލް މީޑިއާގައި ވަނީ ވައިރަލް ވެފަ އެވެ.

މި ވީޑީއޯ އިން ފެންނަނީ އޮނުން ހަދާފައިވާ ކޮއްޓެއްގެ ތެރެއަށް ބަޔަކު މީހުން ވެގެން ގަދަކަމުން ފިރިހެނަކު ލާތަނެވެ. އަދި އެމީހާ އެ ކޮށީ ތެރޭގައި ވަރުގަދަޔަށް ބަންނަ ތަނެވެ.

ފިރިހެންމީހާ އަށް ތަދުވެގެން ހަޅޭއްލަވާ އަޑުވެސް ވީޑިއޯގައި އިވެ އެވެ. މި މީހާ އަތުލައިގަތީ ހިލޭ އަންހެނަކާ އެކު ކޮޓަރިއެއްގެ ތެރޭގައި ބަރަހަނާ ހާލުގައި އޮއްވަ އެވެ. އެ އަތުލައިގަތް އިރުގެ މަންޒަރުތައް ވެސް މި ވީޑީއޯއިން ފެނެ އެވެ.

މި މީހާ ބަނދެގެން ކޮއްޓަށް ލައިގެން ގެންގޮސް ކޯރަކަށް އެއްލާލާތަން ވެސް ވީޑިއޯގައި ފެނެ އެވެ. ނަމަވެސް އެއްލާލި މީހުން ވަނީ މަރުވުމުގެ ކުރިން އެމީހާ ކޯރުން ނަގާފަ އެވެ.

މިއީ ޒިނޭ ކުރާ މީހުންނަށް އަދަބު ދިނުމުގެ ގޮތުން ބޯދާ ޒަމާނުގައި ޗައިނާގައި ކޮށް އުޅުނު ކަމެއް ކަމަށް މި ރިޕޯޓުގައި ފާޙަގަ ކޮށްފައި ވެއެވެ. މި ކަމަށް ޗައިނާ މީހުން ކިޔަނީ "ޑިޕް އިން އަ ޕިގް ކޭޖް" އެވެ. އޫރު ކޮއްޓަށް ލާފައި ކަނޑު ފެއްތުމެވެ. މިއީ (1644-1912 އޭޑީ) އާ ހަމައަށް މިންގް ޑައިނެސްޓީގެ ދުވަސްވަރު ޒިނޭގެ އަދަބެއްގެ ގޮތުން ކުރަމުން ގެންދިޔަ ކަމެކެވެ.

އެ ޒަމާނުގައި މިގޮތަށް ކޮއްޓަށް ލާފައި އެމީހާ ކޮށިތެރޭގައި ބަނދެ އެވެ. އެއީ ފިލައިގެން ދިޔަ ނުދިނުމަށެވެ. ދެން ކޮށި ކޯރަށް އެއްލާލައި އެމީހާ ގެނބިގެން މަރުވާން ދޫކޮށްލަނީ އެވެ.

ޗައިނާގެ ފުލުހުންނަށް މި ހާދިސާގެ ޚަބަރު ލިބުމުން މިކަން ހިނގި ގޮތް ވަނީ ބަލަން ފަށާފަ އެވެ. ކޯރަށް އެއްލާލި މީހާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުނެފައި ވެއެވެ. އަދި މި ކަން ކުރި ހަތަރު ފިރިހެނުން ހޯދާ އެމީހުން ވަނީ ހައްޔަރުކޮށްފަ އެވެ.
ފުލުހުން ބުނެފައިވަނީ މި ހާދިސާ ހިނގީ "ލޯބީގެ ކޯޅުމެއްގައި" ކަމަށެވެ.