ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

"ސިފައިންގެ ސިފައަކީ ގާނޫނީ ވެރިކަން ދެމެހެއްޓުން"

ސިފައިން ގައުމަށް ކޮށްދޭ ހިދުމަތަކީ، ރަންރިއްސާއި ޖަވާހިރާއި ފައިސާ އާއިވ މުދަލުން އަގު ކުރެވޭނެ އެއްޗެއް ނޫން ކަމަށާއި ސިފައިންގެ ހިދުމަތުގައި، ދީނާއި ގައުމަށްޓަކައި ގުރުބާންވާ މުޖާހިދުންގެ ހިދުމަތަކީ އަގު ކުރެވޭ ވަރަށްވުރެ މާމަތިވެރި ހިދުމަތެއް ކަމަށް ވިދާޅުވުމާއެކު ގައުމު އިސްކޮށް އެއިރެއްގައި ރައްޔިތުން ގާއިމުކޮށްފައި އޮންނަ ގާނޫނީ ވެރިކަމަށް ކިޔަމަންތެރިވެ، ގާނޫނުގެ ވެރިކަން ދެމެހެއްޓުމަށް އެހީތެރިވާން ރައީސުލް ޖުމްހޫރިއްޔާ އަދި ސިފައިންގެ ވެރިޔާ އިބްރާހިމް މުހައްމަދު ސޯލިހު ސިފައިންނަށް ގޮވާލައްވައިފި އެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ ސިފައިންގެ 66 ވަނަ އަސާސީ ތަމްރީން ފުރިހަމަކުރި ސިފައިން ހުވާ ކުރުމުގެ ރަސްމިއްޔާތުގައި މިއަދު މާފިލާފުށީގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އަލަށް ހުވާ ކުރައްވައި، ސިފައިންނަށް މަރުހަބާ ދެންނެވުމާއެކު ރައީސް ވިދާޅުވީ މިއަދަކީ އެ ސިފައިންގެ ހަޔާތުގައި ވަރަށް ހާއްސަ ދުވަހެއް ކަމަށާއި ހަޔާތުގެ މުޅިން އާ ސަފްހާއެއް ލިޔަން ފަށާ ދުވަހެއް ކަމަށެވެ. އަދި މުޅިން ތަފާތު ހައިސިއްޔަތަކުން، ގައުމުގެ އެންމެ އަގު ހުރި ހިދުމަތަށް ނުކުންނަ ދުވަސް ކަމަށާއި ޒުވާންކަމުގެ ތާޒާ ލޭގެ ވިންދާއެކު، މިއަދު ކުރިމަތިލާނީ ގައުމުގެ އެންމެ މަތިވެރި ޒިންމާއާ ކަމަށެވެ.

ރައީސް ވިދާޅުވީ ސިފައިންގެ ކުރިމަގު އޭގެ މަތީގައި ބިނާ ކޮށްދޭނެ ބިންގަލަކީ މާތްވެގެންވާ އިސްލާމް ދީނުގެ ސައްހަ އަގީދާ އާއި، ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ މަތީގައި ސީދަލަށް އެޅިފައިވާ ބިންގާ ކަމަށެވެ. އެންމެ މުހިންމު ދެ ސިފަޔަކީ، ތެދުވެރިކަމާއި އަމާނާތްތެރިކަން ކަމަށެވެ. ހުވަޔާ އެއްގޮތަށް، ބަޣާވާތްތެރިންގެ ކިބައިން ދިވެހި ދައުލަތް ސަލާމަތްކުރުމުގެ ރޫހު އުފެދޭނީ އެ ދެ ސިފަ ހުރެގެން ކަމަށެވެ. އަދި އިސްލާމް ދީނާއި ގައުމުގެ ހައްގައި ހަށިގަނޑާއި، ފުރާނައިން ގުރުބާންވާން ޖެހިއްޖެ ހާލަތެއްގައި، އެކަންކުރެވޭނީ ވެސް އެ ދެ ސިފަ ހުރެގެން ކަމަށެވެ.

"ދިވެހި އަސްކަރިއްޔާއަކީ، ވަފާތެރިކަމާއި ތެދުވެރިކަމުގައި ދެމިއޮތް، 128 އަހަރުގެ ފަހުރުވެރި މާޒީއެއްގެ މަތީގައި ބިނާވެފައިވާ މުއައްސަސާއެއް. މި ގައުމުގެ ނަން ކިލަނބުކޮށްލަން، ޣަދަރުވެރިން ރޭވި ހުރިހާ ރޭވުންތަކެއް ނާކާމިޔާބުކޮށްލީ، މި މުއައްސަސާއިން އުފެއްދި ގައުމީ ބަތޮލުން. އެހެން ކަމުން ތިޔަ ސިފައިންނަކީ، ފަހުރުވެރި ދިވެހި ޢަސްކަރިއްޔާގެ ޝަރަފާއި ޢިއްޒަތް ދަމަހައްޓާނެ ސިފައިންކަމާ މެދަކު ޝައްކެއް ނެތް." ރައީސް ވިދާޅުވި އެވެ. "އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ތިޔަ ސިފައިންނަކީ، އަސްކަރީ އަހުލާގަށާއި އަސްކަރީ ހުނަރަށް ވަރަށް ރަނގަޅަށް އަހުލުވެރިވެފައިވާ ބައެއް. ދިވެހި އަސްކަރިއްޔާގެ މަދަނީ އަދި އަސްކަރީ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާއި ޒިންމާތައް އަދާކުރުމަށް ފަސްނުޖެހޭ، ހިތްވަރުގަދަ ހުޝިޔާރު ބައެއް. ހަމައެފަދައިން ޖެހިލުން ކުޑަ ޢަޒުމް ވަރުގަދަ ބައެއް"

ރައީސް ވިދާޅުވީ ސިފައިންގެ ޚިދުމަތަކީ، ވަރަށް މަތީ އަހުލާގީ މިންގަނޑުތަކެއްގެ މަތީ މީހާ ތަމްރީނުވެ ތަރުބިއްޔަތުވެގެން އަދާ ކުރެވޭނެ ހިދުމަތެއް ކަމަށާއި އެތަމްރީންތަކާއި ތަރުބިއްޔަތުގެ ހެޔޮ އަސަރު ފެންނަންޖެހޭނެ ކަމަށެވެ. އަދި ތަމްރީން މަރުޙަލާގައި ބެހެއްޓި ފަރުވާތެރިކަމާއި ވަގުތަށް ކަމޭހިތުމުގެ ސިފަ، ހިދުމަތުގައި ސާބިތު ކޮށްދޭން ޖެހޭނެ ކަމަށެވެ

"ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ކޮންމެ މީހެއްގެ ކިބައިގައި، އަހުލާގީ އަދި ގައުމީ ވަރަށް މުހިންމު ތިން ސިފައެއް އަބަދުވެސް ހަރުލާފައި ހުރުމަކީ ކޮންމެހެން ބޭނުންތެރިކަމެއް. އެންމެ ފުރަތަމަ ސިފައަކީ، އިސްލާމީ އަގީދާގައި، އަމަލާއި ބަހުން ސާބިތުވެ ހުރުން. ދެ ވަނަ ކަމަކީ، ކޮންމެ ހާލަތެއްގައި ވެސް، ގައުމީ ހިދުމަތުގައި ތިމާގެ އަމިއްލަ ނަފުސަށްވުރެ ދިވެހި ގައުމު އިސްކުރުން. ތިން ވަނަ ސިފައަކީ، އެއިރެއްގައި ރައްޔިތުން ގާއިމުކޮށްފައި އޮންނަ ގާނޫނީ ވެރިކަމަށް ކިޔަމަންތެރިވެ، ޤާނޫނުގެ ވެރިކަން ދެމެހެއްޓުމަށް އެހީތެރިވުން" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ފުރިހަމަ ގާބިލް އަސްކަރިއްޔާއަކީ، ވަކިވަކި ސިފައިންތަކެއް ނޫން ކަމަށާއި އެއީ ބަދަހި ސަފުތަކެއް. އެއީ އެކަކު އަނެކަކަށް އިހުތިރާމްކުރާ، އެކަކު އަނެކަކު ދެކެ ލޯބިވާ، ގުޅުން ވަރުގަދަ އެއް އާއިލާ ކަމަށެވެ. އަދި ސިފައިންނަކީ، އެމީހުންގެ އަމިއްލަ މަސްލަހަތު އެއްފަރާތްކޮށް، މުޅި އަސްކަރިއްޔާގެ މަސްލަހަތަށް، އަބަދުވެސް އިސްކަން ދޭންޖެހޭނެ ބައެއް ކަމަށެވެ.

"މިއަދުގެ އެންމެ ބޮޑު ގޮންޖެހުމަކީ، ތަފާތު ބާވަތްތަކުގެ ޓެރަރިޒަމްގެ އަމަލުތައް. ބައިނަލްއަގުވާމީ ޞުލްހަޔަށްވެސް، މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު ހުރަހަކީ ޓެރަރިޒަމް. ތިޔަ ސިފައިން ހާސިލްކުރި އިލްމާއި ހޯދި ތަމްރީނަކީ، ޓެރަރިޒަމް ފަދަ ނާތަހުޒީބު ވިސްނުންތަކުން ދުރުހެލިވެ، ޞުލްޙަވެރި މުޖްތަމަޢެއް ބިނާކުރުމަށް މަގުފަހިކުރާނެ ޢިލްމާއި ތަމްރީންތަކެއްކަން އަޅުގަނޑަށް ޔަޤީން" ރައީސް ވިދާޅުވި އެވެ. "ސިފައިންގެ މީހެއްގެ ގޮތުގައި ގައުމަށް ކޮށްދޭ ތެދުވެރި ހިދުމަތަކީ، ރަންރިއްސާއި ޖަވާހިރުން ނުވަތަ ފައިސާއާއި މުދަލުން އަގު ކުރެވޭނެ އެއްޗެއް ނޫން. އަދި ސިފައިންގެ ޚިދުމަތުގައި، ދީނާއި ގައުމަށްޓަކައި ގުރުބާންވެގެންދާ މުޖާހިދުންގެ ޚިދުމަތަކީ، މިދުނިޔެމަތީގައި އެއްވެސް ގޮތަކުން އަގުކުރެވޭ ވަރަށްވުރެ މާމަތިވެރި އަދި އެހާމެ މާތް ޚިދުމަތެއް"