ކުޅިވަރު

މެރަޑޯނާގެ ހަޔާތް ސިފަކޮށްދޭ ދެ ލަނޑު

ހަމަ އެންމެ ދެ ލަނޑެވެ؛ މެކްސިކޯގައި 1986 ގައި ބޭއްވި ވޯލްޑް ކަޕްގެ ކްއާޓާ ފައިނަލުގައި އިންގެލްންޑޮ ކޮޅަށް އާޖެންޓީނާގެ ކެޕްޓަން ޑިއޭގޯ އާމަންޑޯ މެރަޑޯނާ ޖެހި ދެ ލަނޑެވެ. އެ ދެ ލަނޑުގެ ވާހަކައިން އެކަނި ވެސް މެރަޑޯނާ ހަޔާތް ސިފަ ކޮށްދެ އެވެ.

ފުރަތަމަ ލަނޑުގައި ފެނިގެން ދަނީ، އިންގްލެންޑްގެ ކީޕަރު ބޯމަތިން މެރަޑޯނާ ފުންމައިގެން އަރައި ގޯލްގެ ތެރެއަށް ވައްދާލިތަނެވެ. ލަނޑު ޖެހީ ބޮލުން ނޫން ކަމެއް ނޭންގެ އެވެ. މެޗުގެ ރެފްރީއަށްވެސް އެކަން ފާހަގަ ނުކުރެވެއެވެ. އެންމެންގެ ލޯތަކަށް މެރަޑޯނާ އެ ލަނޑު އޮޅުވާލީ އެވެ. ހަގީގަތުގައި އެ ބޯޅަ ގޯލްގެ ތެރެއަށް އޭނާ ކޮށްޕާލީ އަތުންނެވެ. ދެ ވަނަ ލަނޑަކީ އޭނާގެ ކިބައިގައި ހުރި އާދަޔާ ހިލާފް ހުނަރު ފެނިގެންދާ ލަނޑެކެވެ. ވޯލްޑް ކަޕްގެ ތާރީހްގައި ޖެހި އެންމެ މޮޅު އިންޑަވިޖުއަލް ލަނޑަށް އެ ލަނޑު ވެގެންދާނެ އެވެ. އަމިއްލަ ހާފުގެ ތެރެއިން މެދުރޮނގާ ކައިރިންފެށި ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާއަށް ހަމައަށް އޭނާ ދިޔައީ އިންގްލެންޑްގެ ކުޅުންތެރިޔަކަށް ފަހު ކުޅުންތެރިޔަކު ކަޓުވަމުންނެވެ. ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ވެއްޓިގެންފައި ބޯލަ ގޯލްގެ ތެރެއަށް ވައްދާލި އެވެ.

20 ވަނަ ގަރުނުގެ އެންމެ މޮޅު ގޯލަށް ހޮވުނު މެރަޑޯނާގެ ގޯލް

މި ދެ ލަނޑުގެ މަންޒަރުތައް ސިފަކޮށް މަރަޑޯނާގެ ހާޔަތާ ވަރަށް ރަނގަޅަށް ގުޅުވާލެވޭނެ އެވެ. މެކްސިކޯގެ ވޯލްޑްކަޕަކީ ފުޓްބޯޅައިގެ އެންމެ އުހަށް މެރަޑޯނާގެ ނަން އަރައިގެން ދިޔަ މުބާރާތެވެ. ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާގެ ގޮތުގައި މެރަޑޯނާ މަޝްހޫރުވީ އެ މުބާރާތުގައި އޭނާ ދެއްކި ޖާދޫއިންނެވެ. އެވަރުގެ ދެ ވަނަ ކުޅުންތެރިޔަކަށް އެކަނިމާއެކަނި މެޗު ޑޮމިނޭޓް ކުރެވިފައެއް އަދިއެއް ނެތެވެ.

އޭނާގެ މެޗު ވޯމްއަޕާއި ބޯޅައާ ކުޅެލާގޮތުން އެތަށް ބަޔަކަށް ހިތްހަމަޖެހުން ގެނެސްދެ އެވެ. ދަނޑުމަތީގައި އޭނާގެ މަސައްކަތުގެ ރޭޓާއި މެޗަށް އޭނާ ތައްޔާރުވާ ގޮތަކީ އެހެން ކުޅުންތެރިން އެކަމުން މިސާލު ލިބިގަންނަން ޖެހޭ ކަމެކެވެ.

ދެހަފުތާ ކުރިން ހޮސްޕިޓަލްގައި ސިކުނޑީގެ އޮޕަރޭޝަނެއް ކުރި މެރަޑޯނާ ހާޓް އޓޭކެއް ޖެހި އިއްޔަ މަރުވީ އެވެ. މިދިޔަ މަހު 30 ވަނަ ދުވަހު ކުޅިވަރުގެ ދުނިޔޭގެ އެންމެން އޭނާއަށް 60 އަހަރު ފުރިގެން 61 ވަނަ އުފަން ދުވަހުގެ ތަހުނިޔާ ފޮނުވި އެވެ. އެ އުފަލުގައި ބައިވެރި ނުވާ މަޝްހޫރު އެންމެ ތަރިއެއްވެސް ނެތެވެ. އޭގެ ފަހުން ހޮސްޕިޓަލްގައި ސިކުނޑީގެ އޮޕަރޭޝަނެއް ކުރިއިރުވެސް އޭނާއަށް ހޮޔެ އޮދޭ މެސެޖުތައް ފުލުފުލުގައި ފޮނުވަމުން ދިޔަ އެވެ. އުފަންދުވަހުގެ ތަހުނިޔާތަކާއި އަވަސް ޝިފާއަކަށް އެދި މެސެޖު ފޮނުވިތާ މާގިނަ ދުވަހެއް ނުވެ މެރަޑޯނާ އަހަރެމެންނާ ވަކި ވެއްޖެ އެވެ. ކޮންމެ މަރަކުން ދިރިތިބީންނަށް އިބުރަތެއް ވެއެވެ.

މުޅި ދުނިޔެއަށް ލިބުނީ ކުއްލި ޝޮކޮކެވެ. އެހެންނަމަވެސް މެރަޑޯނާގެ ހަނދާންތައް އަހަރެމެންނާ ވަކި ނުވާނެ އެވެ. އާޖެންޓީނާގެ މިހާރުގެ ކެޕްޓަން ލިއޮނެލް މެސީ އޭނާގެ ކުރީގެ ކޯޗާ ބެހޭގޮތުން ބުނީ، މެރަޑޯނާ މަރުވިޔަސް އަހަރެމެންނާ އޭނާ ވަކި ނުވާނެ ކަމަށެވެ. އޭނާގެ ލެގަސީ އާއި ހަނދާތައް ދެމިހުންނާ އެވެ.

ނަޕޯލީން ސޭރިއޭ މިހާތަނަށް ކާމިޔާބު ކުރީ ދެ ފަހަރު އެވެ. އެއީ މެރަޑޯނާގެ ބޮޑު ހިއްސާއާއެކު އެވެ. އެ ކުލަބަށް އޭނާ ހޯދައިދިން ކާމިޔާބާ ގުޅިގެން އޭނާ ބޭނުން ކުރި 10 ނަންބަރު ޖޯޒީ އެ ޓީމުން އޮންނަނީ ރިޒާވް ކޮށްފަ އެވެ. ދެހާސް ވަނަ އަހަރުން ފެށިގެން ނަޕޯލީގެ އެއްވެސް ކުޅުންތެރިޔަކި 10 ނަންބަރު ޖޯޒީ ބޭނުމެއް ނުކުރެ އެވެ.

ދެން އޮތީ މެރަޑޯނާގެ އެންމެ މަޝްހޫރު ގޯލެވެ. އެ ގޯލްގެ ސަބަބުން އޭނާއަށް "ހޭންޑް އޮފް ގޯޑް" ނަމުން މުހާތަބު ކުރެވޭ ގޯލެވެ. އެންމެންގެ ލޯ ކުރިމައްޗަށް އެ ލަނޑުގެ ހަގީގަތް އޮޅުވާލި އެވެ. ހަގީގަތުގައި މެރަޑޯނާގެ ކެރިއާގެ ފަހު ބައިގައިވެސްވީ އެގޮތެވެ. އޭނާގެ ހަޔާތް ގެނބިގެން ދިޔައީ މަސްތުވާތަކެތީގެ ތެރެއަށެވެ. އެތައް އަހަަރެއް ވަންދެން ޑުރަގު އެޑިކްޓެއްގެ ގޮތުގައި އޭނާ ކަޅު ދުވަސްތަކެއް ހޭދަ ކުރި އެވެ. ޕަފޯމަންސް މަތި ކުރުމަށް މަނާ ބޭސް ބޭނުން ކުރިކަން ފާޅާ އެރުމުން 1994 ގެ ވޯލްޑް ކަޕުން އޭނާ ބޭރު ކޮށްލި އެވެ. އެހާހިސާބުން އޭނާގެ ގައުމީ ޓީމުގެ ކެރިއާ ނިމިގެން ދިޔައީ އެވެ.

ބާރުގަދަ ޑުރަގާއި މަސްތުވުމަށް ބަނގުރާ ބުއިން އެކަންޏެއް ނޫނެވެ. މެރަޑޯނާގެ ކަޅު ހަޔާތް އެހާހިސާބުން ނިމޭކަށް ނެތެވެ. އޭނާގެ ފިރިހެން ދަރިފޫޅު ޑިއޭގޯ އަކީ އޭނާގެ އަމިއްލަ ދަރިއެއް ކަމުގައި ބަލައިގަންނަށް އަހަރުތަކެއް ވަންދެން މެރަޑޯނާ ދެކޮޅު ހެދި އެވެ. އޭނާގެ ކުރީގެ އަންހެނުން ކުލައުޑިއޯ ވިލާފޭން އާއި ދެ އަންހެން ދަރިންނާ މެރަޑޯނާއާ ގުޅުމެއް ނެތެވެ. އޭނާގެ ކުރީގެ ލޯބިވެރިޔާއަށް މެރަޑޯނާ ގެވެށީ އަނިޔާ ކޮށްފައިވާ ކަމުގެ ތުހުމަތުވެސް އޭނާ އަށް ކުރެވުނެވެ. ބާޑި ގެންގުޅުމާއި އޮގަނައިޒް ކުރައިމްގައި މެރަޑޯނާގެ ބައިވެރިވުން އޮތްކަމުގެ ތުހުމަތު ކުރެވުނެވެ.

ގޯސް ހެދިފައިވާކަން އެއްބަސްވާން މެރަޑޯނާ ޖެހިލުމެއް ނުވި އެވެ. އޭނާއަށް ގޯސް ހެދިފައިވާ ކަމާއި އޭނާ މާފު ކޯށްދިނުމަށް މެރަޑޯނާ ހަމަ ކުރި އެވެ. ފަހުން ބާރުގަަދަ މަސްތުވާތަކެތީގެ ވަބާއިން އޭނާ އަރައިގަތެވެ. ބުރަ މަސައްކަތާއި ވަރުގަދަ ހިތްވަރަކުންނެވެ. އޭނާ އަލުން އިހްތިރާމާއި ލޯބި ލިބުނެވެ. ކޯޗެއްގެ ގޮތުގައި އާޖެންޓީނާ ގޮވައިގެން 2006 ވޯލްޑަކަޕަށް މެރަޑޯނާ ނުކުތެވެ. ކޯޗިން ކެރިއާގައި މާބޮޑު ކާމިޔާބެއް ނުހޯދުނެވެ. އެހެންނަމަވެސް ފުޓްބޯޅައިގެ ދުނިޔެއަށް ގެނެސްދިން ހިނިތުންވުން އޭނާ ވަކިވެގެން ދިޔަޔަސް ދެމިހުނާނެ އެވެ.