ހައިކޯޓުގެ އިސް ފަނޑިޔާރު ކަމަށާއި ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށް ބޭފުޅުން އައްޔަން ކުރައްވައިފި އެވެ.
މި ދެ މަގާމަށް ބޭފުޅުން އައްޔަން ކުރެއްވީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ހައިކޯޓުގެ އިސް ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވީ ހާތިފް ހިލްމީ އެވެ. ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށް އައްޔަން ކުރައްވާފައި ވަނީ އަހުމަދު ޝަކީލެވެ.
ޖޭއެސްސީން ބުނީ ހައިކޯޓުގެ އިސް ފަނޑިޔާރު ކަމަށް އަދި ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށް ކުރިމަތިލުމަށް އިއުލާނު ކުރުމުން ކުރިމަތިލެއްވި ބޭފުޅުންނާއި "ފަނޑިޔާރުން އައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ" އިން އިންޓަވިއު ކުރުމަށްފަހު އެ ކޮމިޝަނަށް ހުށަހަޅާފައިވާ ރިޕޯޓުގައި އެ ދެބޭފުޅުން އައްޔަން ކުރުމަށް ލަފާދެއްވާފައިވާ ކަމަށެވެ.
ހިލްމީ އާއި ޝަކީލަށް މަގާމުގެ ފަތްކޮޅު ހަވާލު ކުރެއްވީ ޖޭއެސްސީގެ ރައީސް ހިސާން ހުސެއިނެވެ.
އެ ބޭފުޅުންގެ ތެރެއިން ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށް އައްޔަނުކުރި ހާތިފް ހިލްމީ އަކީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ބްރޫކްސް ޔުނިވާސިޓީ އިން ބެޗްލާ އޮފް ލޯ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި މީގެ އިތުރުން ސިވިލް ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި 10 އަހަރު އަދި ހައިކޯޓުގެ ފަނޑިޔާރު ކަމުގައި 11 މަސް ދުވަސް ވަންދެން ހިދުމަތް ކުރެއްވި ބޭފުޅެކެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ މަގާމަށް އައްޔަން ކުރެއްވި އަހުމަދު ޝަކީލު ވަނީ ވިލާ ކޮލެޖުން ބެޗްލާ އޮފް ޝަރީއާ އަދި ޝަރީއާ އިން މާސްޓާސް ހާސިލް ކުރައްވާފަ އެވެ. މީގެ އޭނާއަކީ ފަނޑިޔާރު ކަމުގައި 17 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. އޭނާ ކުރިން މަސައްކަތް ކުރެއްވި ކޯޓުތަކުގެ ތެރޭގައި ޖުވެނައިލްކޯޓާއި، ސިވިލްކޯޓު އަދި ފެމިލީ ކޯޓާއި ކްރިމިނަލްކޯޓު ހިމެނެ އެވެ.