ދިވެހި ސިނަމާ

"ރޫމީ އާ ޖަންނަތު" ޝޫޓިން ބާރަށް ކުރިއަށް

ޑާކްރެއިން އެންޓަޓެއިމަންޓްގެ ވެބް ސީރީޒް "ރޫމީ އާ ޖަންނަތު" ގެ ފުރަތަމަ ސީޒަންގެ ބޮޑު ބައެއް ޝޫޓްކޮށް ނިންމާލައިފި އެވެ. މީޑިއާނެޓް އޮރިޖިނަލްސްއިން ގެނެސް ދިނުމަށް ހަމަޖެހިފައިވާ މި ވެބް ސީރީޒްގެ ތަރިންވެސް މި މަހު ކުރީކޮޅު ވަނީ ދައްކާލާފައެވެ.

ގިނަ ތަރިންތަކެއް ފެނިގެންދާ މި ވެބްސީރީޒްގައި އެންމެ މުހިންމު ރޯލްތަކުން ފެނިގެންދާނީ އަބްދުﷲ ޝާފިއު (ފުބޫ) އާއި މަރިޔަމް މަޖުދާ (މަޖޫ) އެވެ. މީގެ އިތުރުން ޝީލާ ނަޖީބް އަދި ރޯނު ހަސަން މަނިކުވެސް ފެނިގެންދާނެ އެވެ. އަދި މުހައްމަަދު ފައިސަލް އާއި އަހުމަދު ސައީދުގެ އިތުރުން އާދަމް ރިޒްވީ (ރެކްސް) ގެ އިތުރުން ތެރީސާ މޭ ވެސް މި ވެބްސީރީޒުން ފެނިގެންދާނެ އެވެ.

"ރޫމީ އާ ޖަންނަތު" ގެ މައިގަނޑު ކާސްޓުގެ އިތުރުން ކުދިކުދި ރޯލްތަކުން އަދިވެސް ގިނަ ތަރިންތަކެއް ފެނިގެންދާނެ އެވެ. "ރޫމީ އާ ޖަންނަތު" ގެ ތަރިންގެ ޕޯސްޓަރުތަކުން ފެންނަ ގޮތުގައި މަޖޫއަކީ ސިފައިންގެ މީހެކެވެ. އަދި ފުބޫއަކީ ޝެފެކެވެ.

އަވަސްއާ ވާހަކަ ދައްކަމުން ޑާކްރެެއިންގެ ބާނީ މުހައްމަދު އަލީ (މޮގާ) ބުނީ ވެބްސީރީޒްގެ ފުރަތަމަ ސީޒަންގެ ޝޫޓިން ބާރަށް ކުރިއަށްދާ ކަމަށެވެ. ޝޫޓިންއަށް ހާއްސަކޮށްގެން މާލެެއިން ވަނީ އެޕާޓްމަންޓެއްވެސް ކުއްޔަށް ނަގާފައެވެ.

"މިހާރު ފުރަތަމަ ހަތް އެޕިސޯޑްގެ މަސައްކަތް ވަނީ ނިމިފައި. އަޅުގަނޑުމެން މި ދަނީ ޝޫޓިން ކުރިއަށްދާ ވަރަކަށް އެޑިޓިންގެ މަސައްކަތްވެސް ނިންމަމުން. ޑަބްކުރުމާއި ފައިނަލް އެޑިޓިން ދެން އޮންނާނީ،" މޮގާ ބުންޏެވެ.

"ރޫމީ އާ ޖަންނަތު" ގެ ސްކްރީންޕްލޭ ލިޔެފައިވަނީ އައިޝަތު ފުއާދު އަދި އަހުމަދު ތޮލާލެވެ. ޑައިރެކްޓަރަކީ އަލީ ޝިފާއު (ޗިއްޕެ) އަދި މުހައްމަދު ފައިސަލްއެވެ. ޕްރޮޑިއުސް ކުރަނީ މޮގާގެ އިތުރުން އައިޝަތު ފުއާދެވެ.

މި ވެބްސީރީޒް މީޑިއާނެޓް އޮރިޖިނަލްސްއިން ދައްކާނެ ވަކި ތާރީހެއް އަދި އިއުލާނު ކޮށްފައެއް ނުވެއެވެ.

އައު ވެބްސީރީޒެއް ގެނެސް ދިނުމުގެ މަސައްކަތް ޑާކްރެއިންއިން ފެށިއިރު އެ ސްޓޫޑިއޯއިން މިހާރު ވަނީ ބެލުންތެރިންނަށް ކުރު ފިލްމުތަކެއް ގެނެސް ދިނުމުގެ މަސައްކަތްވެސް ފަށާފައެވެ. އެ ގޮތުން މިހާތަނަށް "ދައުވަތު" އަދި "އަނގުރު" ގެ ނަމުގައި ކުރު ފިލްމެއް ގެނެސްދީފައިވެއެވެ.

ޑާކްރެއިންއިން މިހާރުވެސް ގެންދަނީ ގިނަ ފިލްމުތަކެއްގެ މަސައްކަތް ކުރަމުންނެވެ. އެ މީހުންގެ ފިލްމް "ނޮވެންބަރު" ގެ މަސައްކަތް މުޅިން ނިމިފައިވާއިރު "ބަޅިނދު" އަދި "ބީވީމާ" ގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ. އަދި "ރެހެނދި ހަދީޖާ" ގެ ނަމުގައި ވެސް ފިލްމެއް އުފެއްދުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.