އެފްސީ ބާސެލޯނާގެ ހޯމް ސްޓޭޑިއަމް "ކޭމްޕް ނޯ" ގެ ނަން، ކެޕްޓަން ލިއޮނެލް މެސީގެ ނަމަށް ބަދަލު ކުރަން ހުށަހަޅާނެ ކަމަށް ބާސާ ރައީސް ކަމަށް ވާދަ ކުރައްވާ ކެނޑިޑޭޓް އެމީލީ ރައުސޯ ވައުދު ވެއްޖެ އެވެ.
ބާސެލޯނާގެ ކުރީގެ ނައިބު ރައީސް، ރައުސޯ ވިދާޅުވީ ޖަނަވަރީ 24 ގައި ބާއްވާ އިންތިހާބު އޭނާއަށް ކާމިޔާބު ވެއްޖެނަމަ ބާސާގެ ސްޓޭޑިއަމްގެ ނަން މެސީގެ ނަމަށް ނިސްބަތް ކުރަން ފެންނަ ނުފެންނަ ވޯޓަކަށް ހުށަހަޅުއްވާނެ ކަމަށެވެ.
"މެސީގެ ކޮންޓްރެކްޓް މި ސީޒަން ނިމުމަށް ފަހު ހަމަވިއަސް މި ކުލަބާއި ދުނިޔޭގެ ފުޓްބޯޅަައިގެ މިހާރަކީ މެސީ އަދި ފުޓްބޯޅައިގެ ދިރި ތާރީހަކީ ވެސް މެސީ އަދި ބާސާގައި ވެސް އެކަން އޮތީ އެހެން،" ރައުސޯ، 54 ވިދާޅުވި އެވެ. "އެހެން ކަމާއެކު އަހަރެން ހުށަހަޅާނަން އަހަރެމެންގެ މެންބަރުގެ ފެންނަ ނުފެންނަށް ވޯޓަކަށް ބާސާގެ ސްޓޭޑިއަމްގެ ނަން 'ކޭމްޕް ނޯ ލިއޯ މެސީ' ގެ ނަމަށް ބަދަލު ކުރަން."
މެސީ، 33 ގެ ކޮންޓްރެކްޓް އަންނަ ޖޫން 30 ގައި ހަމަވުމުން ޓްރާންސްފާ އާ ބެހޭ ގޮތުން އޭނާއާ ވާހަކަ ދެއްކުމުގެ ފުރުސަތު އެހެން ކުލަބުތަކަށް ލިބޭނެ އެވެ. މި ސީޒަން ފެށުމުގެ ކުރިން މެސީ ވަނީ އޭނާ ކުލަބު ދޫކޮށްލަން ބޭނުންވާ ކަމަށް ބުނެފަ އެވެ. އެހެން ނަމަވެސް އެކަމަށް ކުލަބުގައި އޭރު ރައީސް ޖޯސެފް މާރިއާ ބާޓޮމެއުގެ ބޯޑުން ދެކޮޅު ހެދި އެވެ. ބާޓޮމެއުގެގެ ބޯޑުން އެކަމަށް ދެކޮޅު ހެދީ މެސީގެ ޓްރާންސްފާގެ އަގު ކަމަށްވާ 700 މިލިއަން ޔޫރޯ ދެއްކުމަށް ޑިމާންޑް ކޮށްފަ އެވެ.
ބާސާގެ ކެޕްޓަން ދާދި ފަހުން ބުނެފައި ވަނީ ބާސާގެ ހުރިހާ މައްސަލަތަކެއް އޭނާ އާ ގުޅުވާތީ ވަރުބަލި ވެފައި ހުރި ކަމަށެވެ.
ބާޓޮމެއުގެ ކުރީގެ ނައިބު ރައީސް ރައުސޯ ވިދާޅުވީ، ބާސެލޯނާ އާ ދެކޮޅަށް ނޭމާ ހުށަހަޅާފައިވާ ދައުވާ އަނބުރާ ގެންދިއުމުން ނޭމާ އަލުން ކުލަބަށް ގެންނާނެ ކަމަށެވެ. ބާސެލޯނާ ދޫކޮށް ނޭމާ 2017 ގައި ޕީއެސްޖީއަށް ބަދަލުވީ 222 މިލިއަން ޔޫރޯ އަށެވެ.
"އަހަރެމެން މަސައްކަތް މި ކުރަނީ ދުނިޔޭގެ ފެންވަރުގެ ދެ ތަރިން ގެނައުމަށް،" ރައުސޯ ވިދާޅުވި އެވެ. "ބާސާއާ ދެކޮޅަށް އޭނާ [ނާމޭ] ހުށަހަޅާފައިވާ ދައުވާ ނެގުމުން އޭނާ އަލުން މި ކުލަބަށް ގެންނާނަން."