އިދިކޮޅު ފަރާތްތައް

އިދިކޮޅުގެ މުޒާހަރާ މިފަހަރުވެސް ކަނޑުމަތީ

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލުގައި ހުންނަވާތާ އަހަރު ދުވަސް ވުމާއި ދިމާކޮށް މުޅި ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެއްސި މުޒާހަރާ މާދަމާ މުޅި ރާއްޖޭގައި ބާއްވާއިރު މާލޭ ސަރަހައްދުގައި މުޒާހަރާ އޮންނާނީ ކަނޑުމަތީގައި ކަމަށް ކޮންގްރެސް ކޯލިޝަނުން ބުނެފި އެވެ.

ޕީޕީއެމްގެ ނާއިބް ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ ހޮނިހިރު ދުވަހު މުޅި ރާއްޖެެގައި މުޒާހަރާ ކުރިއަށް ގެންދާނެ ކަމަށެވެ. މާލެ ސަރަހައްދުގައިވެސް ހޮނިހިރު ދުވަހު ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށާ މާލޭގައި ކުރިއަށްދާ ހަރަކާތްތައް އޮންނާނީ ކަނޑުމަތީ ކަމަށެވެ.

ކަނޑުމަތީ މުޒާހަރާ ކުރާނީ މުދާ އުފުލާ ބޮޑު ދޯންޏެއްގައެވެ. މިހާރުވެސް ދޯނި ތައްޔާރުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އަތޮޅުތަކުގެ ހަރަކާތްތައް އިންތިޒާމް ކުރުމުގައި އިސްކޮށް ހުންނެވި ޕީއެންސީގެ ނާއިބް ރައީސް މުހައްމަދު ނިމާލް ވިދާޅުވީ ހޮނިހިރު ދުވަހު 185 ރަށުގައި މުޒާހަރާ އޮންނާނެ ކަމަށެވެ. އަދި މުޒާހަރާތަކުގައި ގާނޫނަށް ހުރުމަތްތެރިކޮށް ހިތުމަށާއި އެޗްޕިއޭގެ ގައިޑްލައިންތަކަށް ތަބާވުމަށް ނިމާލް އެދިވަޑައިގެންނެވިއެވެ.

މާދަމާގެ ހަރަކާތާއި ގުޅިގެން އިދިކޮޅުގެ އިސްވެރިން އިއްޔެ ވަނީ ފުލުހަށް ހާޒިރުކޮށްފައެވެ. ޝިޔާމް ވިދާޅުވީ އެމްޑީޕީއަށް ސިޔާސީ ހަރަކާތް ހިންގިފައި އިދިކޮޅަށް ފުރުސަތު ނެތުމުން އެކަމުގެ ޝަކުވާ ފުލުހުންނަށް ހުށައެޅި ކަމަށެވެ. އަދި އިދިކޮޅުގެ އަޑު ކަނޑުވާލަން މަސައްކަތް ކުރަމުންދަނީ ސަރުކާރުން ހިންގަމުންދާ ޖަރީމާތައް ތިލަ ކުރަމުންދާތީ ރައްޔިތުންނަށް ހަގީގަތް އޮޅުވާލުމަށް ކަމަށެވެ.

"ރައްޔިތުން ކަނު ބަދެފައި މޫނު ބަދެފައި ގެއަށް ވައްދާފައި މި ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަތައް އަޅުގަނޑުމެން ރައްޔިތުންނާއި ހަމައަށް ގެންނާތީ އަދި މި ގައުމު ވިއްކާލާ ގައުމުގެ މިނިވަންކަން ނަގާލަން މި ކުރާ މަސައްކަތް ރައްޔިތުންނާއި ހަމައަށް ތިލަ ކުރާތީ އަޅުގަނޑުމެންގެ އަޑު ކަނޑުވާލަން ބޭނުންވަނީ،" ޝިޔާމް ވިދާޅުވިއެވެ.

އިދިކޮޅު ދެ ޕާޓީން ވަނީ މީގެ ކުރިންވެސް ކަނޑުމަތީ މުޒާހަރާކޮށްފައެވެ. އެ ފަހަރު މުޒަހަރާކޮށްފައިވަނީ މާފުށީ ބޭރުން ކަނޑުމަތީއެވެ. އެ މުޒާހަރާއަށް ފުލުހުން ވަނީ ހުރަސް އަޅާފައެވެ.