އަންހެނަކަށް ވިޔަސް އެމީހަކު އެ އިހުތިޔާރު ކުރާ ގޮތަކަށް ދިރިއުޅުން ބިނާ ކުރުމުގެ ހައްގު ލިބެން ޖެހެ އެވެ. އޭނާ ހިތުން ރުހުމުން ގަބޫލު ވެގެން ކަމެއް ކުރުން ދޫކޮށްލާނަމަ އެ ކަމަށް ފާޑު ކިއުމުގެ ބަދަލުގައި އޭނާގެ ނިންމުމަށް އިހްތިރާމް ކުރަން ޖެހެ އެވެ.
ނަމަވެސް ކަން ވަނީ އެހެނެއް ނޫނެވެ. މޮޑެލް ކުރުމުގެ ނުވަތަ ފިލްމު ކުޅުމުގެ ރޮނގުން ކުރިއެރުން ހޯދާފައިވާ މަޝްހޫރު މީހަކު ދީނަށްޓަކައި އެ ކަން ދޫކޮށްލަން ނިންމައިފިނަމަ ވަރަށް ގިނަ ބައެއްގެ ފާޑުކިއުމާއި މަލާމަތް އެ މީހަކަށް ރައްދުވެ އެވެ.
ދުނިޔޭގެ ފުރަތަމަ ބުރުގާ އެޅި ސުޕަމޮޑެލް ހަލީމާ އެޑެންއަށް ވެސް މިފަދަ ފާޑުކިޔުންތަކާ ވަނީ ކުރިމަތިވެފަ އެވެ. މި ވަޒީފާގައި އުޅެމުން ދީނުގެ ހުކުމްތަކަށް އުޅެން އުނދަގޫކަމަށް ބުނެ މޮޑެލްކުރުމުގެ މަސައްކަތް ހުއްޓާލާކަން ހަލީމާ އިއުލާން ކުރުމާ ގުޅިގެންނެވެ.
ހަލީމާގެ އިންސްޓަގްރާމް އެކައުންޓުން ކޮށްފައިވާ މެސެޖެއްގައި އޭނާ ބުނެފައި ވަނީ ފެޝަން އިންޑަސްޓްރީ އަށް އަލްވަދާއު ކިޔަން ނިންމީ އެ މަސައްކަތުގައި ދީނީ ގޮތުން އޭނާއަށް ހުއްދަ ނޫން ބައެއް ކަންތައްތައް ކުރަން ޖެހޭތީ އެކަމާ ހިތް ހަމަނުޖެހޭތީ ކަމަށެވެ.
"މުސްލިމް އަންހެނެއްގެ ހައިސިއްޔަތުން ދީނުގެ އަގީދާގައި ހިފަހެއްޓުމުގެ ގޮތުން އަހަރެން ކުރަން ޖެހޭ ކަންތައްތަކާ މެދު ވިސްނާލުމުގެ ފުރުސަތު އަހަންނަށް ލިބުނީ ކޮރޯނާވައިރަހުގެ ވަބާގައި ހޭދަކުރަން ޖެހުނު ދުވަސްތަކުގައި،" ހަލީމާ ބުނެފައި ވެއެވެ.
އޭނާ ބުނި ގޮތުގައި މޮޑެލް ކުރުން ހުއްޓާލަން އޭނާގެ މަންމަ ނަސޭހަތް ދޭތާ ވަރަށް ގިނަ ދުވަސް ތަކެއް ވެއްޖެ އެވެ. އަދި އޭރު މަންމަ ދެއްކި ވާހަކައާ ދެކޮޅު ނުހެދުނު ނަމައޭ މިހާރު ހިތަށް އަރަ އެވެ. ކޮވިޑްގެ ސަބަބުން އިންޑަސްޓްރީއާ ގުޅުން ކެނޑިފައި އޮތް ދުވަސްތަކުގައި އޭނާއަށް މަންމަ ދެއްކި ވާހަކަތައް ގަބޫލު ކުރެވުނީ ކަމަށް ހަލީމާ ބުންޏެވެ. އަދި ހިޖާބު އަޅައިގެން އިންޑަސްޓްރީގައި ކުރި ދަތުރުގައި އޭނާއަށް ގޯސްކޮށް ކުރެވިފައިވާ ކަންތައްތައް އިހްސާސްވީ ލޮކްޑައުންގެ ދުވަސްވަރު ކަމަށް ހަލީމާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި އިސްލާމް ދީނުގައި އަންގާފައިވާ ކަންކަމާ ދެކޮޅު ކިތަންމެ ކަމެއް ބުރުގާ އަޅައިގެން ފޮޓޯ ޝޫޓްތައް ކުރި ކަމުގައި ވިޔަސް އެ ޝޫޓިން ތަކުގައި އޭނާއަށް ކުރަން މަޖްބޫރުވި އެވެ.
ފެޝަން އިންޑަސްޓްރީގައި އޭނާ މަސައްކަތް ކުރިއިރު ބައެއް ފަހަރު ބުރުގާއަށް ދޭންޖެހޭ އިހްތިރާމާއި ގަދަރު ލިބުނެވެ. ނަމަވެސް އަނެއްބައި ފަހަރު ބުރުގާއަށް އިހުތިރާމް ކުޑަވެގެންދާތަން އޭނާއަށް ފެނުނެވެ. އެކަން އޭނާއަށް އެންމެ ބޮޑަށް އިހްސާސްވީ ބުރުގާގެ ބަދަލުގައި ޖިންސެއް ބޮލުގައި އޮޅައިގެން ފޮޓޯ ޝޫޓެއް ކުރަން ޖެހުމުންނެވެ.
"އަހަންނަކީ އޭރުވެސް ދިގު ސްކާޓާއި އަތްދިގު ހެދުން ލާ މީހެއް. އެމީހުންނަށް އަހަރެންގެ ބުރުގާގެ ބަދަލުގައި ބޮލުގައި ޖީންސެއް ބަނުމުގެ ހުއްދަ އަހަރެން ދިނީ ކީއްވެތޯ އަހަރެންގެ އަމިއްލަ ނަފްސާ ފަހުން ވަރަށް ސުވާލު ކުރެވުނު. އެ ފޮޓޯ ޝޫޓަށް ފަހު އެނބުރި ހޮޓަލަށް އައިސް އަހަރެން ހިތުގައި ޖެހިގެން ވަރަށް ރުއިން. މިއީ ކުރަން ޖެހޭ ކަމެއް ނޫން ކަމަށް އަހަރެންނަށް ހިތުގެ އަޑިން ގަބޫލު ކުރެވުނު. ނަމަވެސް އެ ވާހަކަ ދައްކަން އަހަރެން ވަރަށް ބިރުގަތް. ހަގީގަތަށް ބުނާނަމަ ބުނެވޭނީ އެގޮތަށް ފޮޓޯ ޝޫޓްތައް ކުރަން އަހަރެން ވަރަށް ހިތްހަމަނުޖެހޭ. އަހަންނަށް އެކަންކަން އެއްގޮތަކަށް ވެސް ކަމަކު ނުދެޔޭ ކުރާކަށް އޭރުވެސް. މިއީ އަހަރެން ހިތުން ރުހުމުން ކުރާ ކަހަލަ ކަމެއް ނޫންކަން އިހްސާސްވި،" ހަލީމާގެ މެސެޖުގައި ބުނެފައި ވެއެވެ.
ސުޕަމޮޑެލް ހަލީމާ މޮޑެލްކުރީ ޔުނިސެފާ ގުޅިގެން ސޮމާލީ ކޮމިއުނިޓީގައި ތިބި އަންހެނުންނަށް ރަނގަޅު ގޮތްތަކެއް ހޯދާދިނުމުގެ މަގުސަދުގަ އެވެ.
ހަލީމާ ބުނި ގޮތުގައި ދީނުގައި ކަންކަން އޮތް ގޮތާ ޚިލާފަށް މޮޑެލްކުރުމުގެ ފުރުސަތު ހޯދައި އެކަންކަން ކުރުމުގެ ޒިންމާ އޭނާ އަމިއްލައަށް ނަގަ އެވެ. އެއީ އެނގި ހުރި އޭނާ ކުރި ގޯސް ކަމެކެވެ. އިންޑަސްޓްރީގައި މުސްލިމް ސްޓަލިސްޓުން އިންތިހާއަށް މަދުއިރު އޭނާ އެފަދަ ކަމެއް ކުރީ އޭނާގެ ވިޔާނުދާކަމުން ކަމަށް ވެސް ހަލީމާ އަށް މިހާރު ގަބޫލު ކުރެވެ އެވެ.
އޭނާއަށް ބުރުގާ އަޅައިގެން ބުރުގާއަށް ދޭންވާ ޝަރަފާއި އިހުތިރާމް ދީގެން މޮޑެލް ނުކުރެވޭނެ އެންމެ ބޮޑު ސަބަބެއް ކަމަށް ހަލީމާ ގަބޫލުކުރަނީ މުސްލިމް އަންހެން ސްޓައިލިސްޓުން ފެޝަން އިންޑަސްޓްރީގައި ނެތީމަ އެވެ. މުސްލިމް އަންހެނަކަށް ބުރުގާގެ މުހިއްމުކަން ވިސްނޭނީ ހަމައެކަނި މުސްލިމް ބަޔަކަށް ކަމަށް ވާތީ އެވެ.
ފެޝަން އިންޑަސްޓްރީ ދޫކޮށްލަން ހަލީމާ ނިންމި ނިންމުމަށް ލަވަކިޔުންތެރިޔާ ރީއާނާ އާއި ސުޕަމޮޑެލުން ކަމަށްވާ ބެލާ އަދި ޖީޖީ ހަދީދް ވަނީ ތާއީދު ކޮށްފަ އެވެ.