ސައުތު ސުޕަސްޓާ ޕްރަބާސް އާއި ސައިފް އަލީ ޚާންގެ "އަދިޕުރުޝް"ގެ ބަތަލާ އަކަށް ކްރީތީ ސެނޯން ހަމަޖެހިއްޖެ އެވެ. ބޫޝަން ކުމާރުގެ މި ފިލްމަކީ 3ޑީ އެކްޝަން ޑްރާމާ އެކެވެ. އަންނަ ޖެނުއަރީ މަހު ޝޫޓިން ފަށަން ތައްޔާރުވަމުންދާ މި ފިލްމު ޑައިރެކްޓްކުރަނީ އޯމް ރާއުތު އެވެ.
މި ފިލްމުގައި ސައިފް ނުބައިބައި ކުޅޭއިރު ޕްރާބާސް ކުޅޭނީ "ބަހޫބަލީ"ގައި ކުޅުނު ކަހަލަ ވަރުގަދަ ކެރެކްޓާ އެކެވެ.
މިއީ ކުރީ ޒަމާނުގެ ވާހަކައަކަށް ކުޅޭ ފިލްމަކަށް ވާތީ އެ ޒަމާނުގެ ހަނގުރާމަތަކުގައި ގެންގުޅޭ ކަނޑި އާއި ލޮންސި ފަދަ އެއްޗެތިން ހަނގުރާމަކުރަން މިހާރު އެކްޓަރުން ދަނީ ތަމްރީނުތައް ހޯދަމުންނެވެ.
މި ފިލްމުގައި ކްރީތީ ކުޅެނީ ސީތާގެ ކެރެކްޓާ އެވެ. މި ކެރެކްޓާ ކުޅެނީ އަނުޝްކާ ޝަރުމާ ކަމަށް ކުރިން އަޑުތައް ފެތުރުނެވެ. އަދި އަނުޝްކާ ޝެޓީ އާއި ކިއާރާ އަދުވާނީގެ ނަން ވެސް މި ކެރެކްޓާ އާ ގުޅުވައިގެން ކިޔާފައި ވެއެވެ. ނަމަވެސް ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި ސީތާގެ ރޯލަށް އެންމެ ފަހުން ހަމަޖެހުނީ ކްރީތީ އެވެ.
މި ފިލްމުގައި ވީއެފްއެކްސް ޓެކްނީޝަނުންގެ ގޮތުގައި މަސައްކަތްކުރާނީ "ސްޓާ ވޯޒް"ފަދަ ފިލްމުތަކުގައި ޓެކްނީޝަނުންގެ ގޮތުގައި މަސައްކަތްކޮށްފައިވާ ބައިނަލްއަގުވާމީ ފަންނާނުންނެވެ.
"އަދިޕުރުޝް"ގެ ޑައިރެކްޓަރު އޯމް އެންމެ ފަހުން އުފެއްދީ އަޖޭ ދޭވްގަންގެ "ތާނާޖީ: ދި އަންސަންގް ވޮރިއާ" އެވެ. މި އަހަރު ފެށުނުތަނާ ރިލީޒްކުރި މި ފިލްމަށް ބޮކްސް އޮފީހުގައި ވަރަށް ބޮޑު ކާމިޔާބެއް ލިބިފައި ވެއެވެ. އަދި އޯމްގެ ޑައިރެކްޝަން އަށް ގިނަ ބަޔަކު ތައުރީފުކުރި އެވެ.
ކްރީތީ މިވަގުތު މަސައްކަތް ކުރަމުން ދަނީ ރާޖްކުމާރު ރާއޯއާ އެކު ޗަންދީގަޅްގަ އެވެ. "ހަމް ދޯ ހަމާރޭ ދޯ" ކިޔާ ފިލްމެއްގެ ޝޫޓިންގް ގައެވެ. އެ ފިލްމު ނިންމުމަށްފަހު އަކްޝޭ ކުމާރާއެކު ކުޅޭ "ބައްޗަން ޕާންޑޭ"ގެ ޝޫޓިންގްގައި ކްރީތީ ބައިވެރިވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ވަރުން ދަވަން އާއެކު ކުޅޭ "ބީޅިޔާ" ގައި ވެސް ބަތަލާގެ ބައި ކުޅޭނީ ކްރީތީ އެވެ. މި ނޫނަސް އިތުރު ދެ ފިލްމެއް ކުރިޔަށް އޮތް އަހަރު ކްރީތީ ކުޅެން ހަމަޖެހިފައި ވެއެވެ.
ޝެޑިއުލް ވަރަށް ފުލްކޮށް އޮތް ނަމަވެސް ސީތާ ކަހަލަ ކެރެކްޓާއެއް ކުޅެން ލިބުމުން ކްރީތީ އަށް "އަދިޕުރުޝް" ދޫކޮށްލަން ނުކެރުނީ އެވެ. ސަބަބަކީ މިއީ ބަތަލާގެ ފިލްމީ ހަޔާތުގައި ވަރަށް މަދުން ނޫނީ ނުލިބޭ ވަރުގެ ފުރުސަތަކަށް ވާތީ އެވެ.