އެމްއެމްޕީއާރްސީ

22 ގައުމަކާ ވާދަކޮށް ލީޑިން ޑެސްޓިނޭޝަން އެވޯޑް ރާއްޖެއަށް

ވޯލްޑް ޓްރެވަލް އެވޯޑްސްއިން ދޭ އެންމެ ޝަރަފުވެރި އެވޯޑު "ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން" އެވޯޑް ފުރަތަމަ ފަހަރަށް ރާއްޖެ އަށް ލިބިއްޖެ އެވެ.

ޓޫރިޒަމް ދާއިރާގެ "އޮސްކާ" ގެ ގޮތުގައި ސިފަކުރާ މި އެވޯޑު ހަފުލާ ރޭ ބޭއްވީ ވާޗުއަލްކޮށެވެ. މި އެވޯޑު ރާއްޖެއަށް ލިބުނީ، 22 ގައުމަކާ ވާދަ ކޮށްގެނެވެ. އެގޮތުން، ގްރީސް އާއި އިންޑިއާ އާއި މޮރިޝަސް ފަދަ ގައުމުތައް ހިމެނެ އެވެ.

ވާޗުއަލްކޮށް ބޭއްވި ހަފްލާގައި ރާއްޖެ އަށް އެވޯޑު ލިބޭ ވީޑިއޯ--

މި އެވޯޑު ލިބުމާ ގުޅިގެން، ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުالله މައުސޫމް ވިދާޅުވީ، އެވޯޑު ލިބުނީ ސަރުކާރުގެ ހަރުދަނާ ސިޔާސަތުގެ ސަބަބުންނާއި އުނދަގޫ ދަނޑިވަޅެއްގައި ފަތުރުވެރިކަން އިސްތިހާރު ކުރެވިގެން ކަމަށެވެ.

މި އެވޯޑްތަކުގެ އިތުރުން، 30 ކެޓަގަރީއަކުން ރާއްޖޭގެ 50 ރިސޯޓަކާއި ހޮޓާތައް ނޮމިނޭޓް ވެފައިވާއިރު ހަތް އެވޯޑެއް ވަނީ ކާމިޔާބު ކޮށްފަ އެވެ.

ރިސޯޓުތަކުން ކާމިޔާބުކުރި އެވޯޑުތައް

  • ވޯލްޑްސް ލީޑިން ނިއު ރިސޯޓް 2020: އެމަރަލްޑް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ
  • ވޯލްޑްސް ލީޑިން ލަގްޒަރީ އައިލެންޑް ރިސޯޓް 2020: ދަ ސެއިންޓް ރެޖިސް މޯލްޑިވްސް ވޮއްމުލި
  • ވޯލްޑް ލީޑިން ލަގްޒަރީ އައިލެންޑް ވިލާސް 2020: ބަރޮސް މޯލްޑިވްސް
  • ވޯލްޑްސް ލީޑިން ހަނީމޫން ރިސޯޓް 2020: ޖޭއޭ މަނަފަރު
  • ވޯލްޑްސް ލީޑިން ވޯޓާ ވިލާ ރިސޯޓް 2020: ފޯ ސީޒަންސް ރިސޯޓް މޯލްޑިވްސް އެޓް ކުޑަ ހުރާ
  • ވޯލްޑްސް ލީޑިން ސީޕްލޭން އޮޕަރޭޓާ 2020: ޓްރާންސް މޯލްޑިވިއަން އެއާވޭސް
  • ވޯލްޑްސް ލީޑިން އެއާޕޯޓް ރިސޯޓް 2020: ހުޅުލެ އައިލެންޑް ހޮޓެލް

މި އެވޯޑުތަކުގެ އިތުރަށް، ރާއްޖެއިން ވަނީ ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ވެސް ހަތަރު އެވޯޑެއް ކާމިޔާބު ކޮށްފަ އެވެ. އެއީ ލީޑިން ބީޗް ޑެސްޓިނޭޝަނާއި ކްރޫޒް ޑެސްޓިނޭޝަން އާއި ލީޑިން
ޑެސްޓިނޭޝަން އަދި ލީޑިން ޑައިވް ޑެސްޓިނޭޝަންގެ އެވޯޑެވެ.

އިންޑިއަން އޯޝަންގެ ލީޑިން ޑެސްޓިނޭޝަންގެ އެވޯޑް ދިވެހިރާއްޖެއަށް ކާމިޔާބުވި މިއީ 13 ވަނަ ފަހަރެވެ. މި އެވޯޑް ދެމުން އަންނަތާ މިއީ 16 ވަނަ އަހަރެވެ.