ފިނިޕޭޖް

މިފަހަރު ވެސް "ހެޕީ ބާތު ޑޭ" އާއި "ޔޫސުފް" ގެ ކުރިމަތިލުމެއްތަ؟

މޫމިން ފުއާދު ޑައިރެކްޓްކޮށްފައިވާ ފިލްމު "ހެޕީ ބާތު ޑޭ" އާއި ފާތިމަތު ނަހުލާގެ މަޝްހޫރު ފިލްމު "ޔޫސުފް" އަކީ 2011 ވަނަ އަހަރު ބޭއްވި މޯލްޑިވްސް ފިލްމު އެވޯޑްސްގައި އެންމެ ބޮޑު ވާދަވެރިކަމެއް އުފެދިގެން ދިޔަ ދެ ފިލްމެވެ.

އަނެއްކާވެސް މި ދެ ފިލްމުގެ ވާހަކަ މި އޮތީ ބޮޑު ސްކްރީނަށް އައިސްފަ އެވެ.

ބައެއް ފަހަރު ހީވާ ކަހަލަ އެވެ. ދިވެހި ފިލްމީ ދާއިރާ ދަނީ ފަހަތަށެވެ. ފަހުގެ ފިލްމުތަކަށް އެވޯޑް ދޭ މަންޒަރު އަދި ނުފެނިގެން އުޅެނީ ނުވަތަ ކުރީގެ ފިލްމުތަކަށް އެވޯޑް ދޭން އަނެއްކާވެސް ތައްޔާރުވެފައި މި ވަނީ އަޅުގަނޑުމެންގެ އެވޯޑް ހަފުލާތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ނުގެންދެވޭތީ އެވެ.

ކޮންމެއަކަސް އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބާއްވާ ގައުމީ ފިލްމު އެވޯޑްސްގައި އެންމެ މޮޅު ފީޗާ ފިލްމު ކެޓަގަރީގައި ވާދަކުރާ ފަސް ފިލްމު މިއަދު އެ ވަނީ އިއުލާނުކޮށްފަ އެވެ.

އެ ފަސް ފިލްމަކީ:

  • ހެޕީ ބާތު ޑޭ
  • ޔޫސުފް
  • ވީރާނާ
  • ޒަލްޒަލާ އެނބުރިއައުން
  • ނިއުމާ

މި ފިލްމުތަކެވެ. މި ފަސް ފިލްމު ހޮވާފައި ވަނީ ފީޗާ ފިލްމު ކެޓަގަރީ އަށް ނަން ހުށަހެޅި ނުވަ ފިލްމުގެ ތެރެއިންނެވެ. ކަޓައިގެން ދިޔަ ފިލްމުތަކަކީ:

  • ހިތް ރޮއްވާނުލާ
  • ދިންވޭނުގެ ހިތާމާގައި
  • ހެޔޮނުވާނެ
  • ފަނާ

މި ފިލްމުތަކެވެ.

އެންމެ މޮޅު ފިލްމަށް ނަހުލާގެ ބްލޮކްބަސްޓާ "ޔޫސުފް" އާއި ޑާކް ރެއިންގެ އެންޓަޓެއިންމަންޓްގެ "ހެޕީ ބާޑު ޑޭ" ވާދަކުރާއިރު ފާހަގަކޮށްލަން ޖެހެނީ މި ދެ ފިލްމުގައި ލީޑް ރޯލު ކުޅެފައިވާ ޔޫސުފް ޝަފީއު އާއި ނިއުމާ މުހައްމަދު އެންމެ މޮޅު އެކްޓަރުންގެ ކެޓަގަރީގައި ވެސް ވާދަކުރާ ކަމެކެވެ.

އެގޮތުން "ޔޫސުފް" އާއި "ހެޕީ ބާތު ޑޭ" އިން ޔޫސުފް ޝަފީއު އެންމެ މޮޅު އެކްޓަރުގެ އެވޯޑަށް ވާދަކުރާއިރު ތިން ފިލްމަކުން ނިއުމާ އެންމެ މޮޅު އެކްޓްރެސްގެ އެވޯޑަށް ވާދަކުރެ އެވެ. އެ ފިލްމުތަކަކީ "ޔޫސުފް" އާއި "ހިތްރޮއްވާނުލާ" އަދި ނިއުމާގެ އަމިއްލަ ނަމުން ނަންދީގެން އޭނާ ޑައިރެކްޓްކުރި ކާމިޔާބު ފިލްމު "ނިއުމާ" އެވެ.

މިވީ ގޮތުން އެންމެ މޮޅު އެކްޓްރެސްގެ އެވޯޑް ނިއުމާ އަށް މި އޮތީ މިހާރު ވެސް ގާތްގަނޑަކަށް ކަށަވަރުވެފަ އެވެ. އޭނާއާ މި ކެޓަގަރީގައި ދެން ވާދަކުރަނީ "ޒަލްޒަލާ އެނބުރިއައުން" އިން ޝީލާ ނަޖީބާއި "ފަނާ" އިން އައިމިނަތު ރަޝީދާ އެވެ.

އެންމެ މޮޅު އެކްޓަރުގެ ކެޓަގަރީގައި ތިން ފިލްމަކުން ޔޫސުފް ޝަފީއުއާ ޔޫސުފް ޝަފީއުއާ ވާދަކޮށް ނިމުމަށް ފަހު ދެން މި ކެޓަގަރީ އަށް ނޮމިނޭޓްވެފައި ވަނީ އަހުމަދު ނިމާލް އާއި "ފަނާ" އިން އަހުމަދު އަޒްމީލް އެވެ.

އެންމެ މޮޅު ޑައިރެކްޓަރުންގެ ގޮތުގައި އެވޯޑަށް ވާދަކުރާ ފަސް ޑައިރެކްޓަރުންނަކީ:

  • ނިއުމާ މުހައްމަދު (ފިލްމު ނިއުމާ)
  • އަހުމަދު ނިމާލް (ފިލްމު ޒަލްޒަލާ އެނބުރިއައުން)
  • މޫމިން ފުއާދު (ހެޕީ ބާތު ޑޭ)
  • ފާތިމަތު ނަހުލާ (ފިލްމު ޔޫސުފް)
  • އައިޝަތު ރިޝްމީ (ފިލްމު ފަނާ)

ދެން މިއަދު އިއުލާނުކޮށްފައި ވަނީ ފީޗާ ފިލްމު ކެޓަގަރީގެ އެންމެ މޮޅު ސަޕޯޓިން އެކްޓަރުންގެ ގަދަ ފަހެކެވެ.

ކުރިއަށް އޮތީ ގައުމީ ފިލްމު އެވޯޑްސްގެ ހަ ވަނަ ހަފުލާ އެވެ. މި ހަފުލާގެ ޖަޖުންނަކީ ކުރީގެ މަޝްހޫރު ފިލްމު ޑައިރެކްޓަރު ޓެޑްރީ މުހައްމަދު ނިޔާޒު އާއި އަހުމަދު ފަހުދު އަދި އަލި މަނިކު އާއި އަހުމަދު ޒަރީރު އަދި އަޝްރަފް އަބްދުލް ރަހީމް އާއި ފާތުމަތު ލީޒާ އެވެ.

ޖަޖުން އިއުލާނުކޮށްފައި މި ވަނީ ފިލްމުތައް އެއްކޮށް ޖަޖުކޮށް ނިމުމުން ކަމަށް އެންސީއޭ އިން ބުނެފައިވެ އެވެ.

މިފަހަރު އެވޯޑް ދެނީ 2008 ވަނަ އަހަރުން ފެށިގެން 2010 ވަނަ އަހަރާ ދެމެދު ނުކުތް ފިލްމުތަކަށެވެ. ފީޗާ ފިލްމު ކެޓަގަރީގެ ބައިން ޖުމްލަ 23 އެވޯޑެއް ދޭން ވަނީ ނިންމައިފަ އެވެ.

އެންމެފަހުން ގައުމީ ފިލްމު އެވޯޑްސްގެ ހަފުލާއެއް ބޭއްވީ 2008 ވަނަ އަހަރު އެވެ.