އީރާން

ނިއުކްލިއާ ސައިންސްޓިސްޓް ފަޚްރިޒާދޭ މަރުގެ ބަދަލު ހިފާނަން: އީރާން

އީރާންގެ ނިއުކްލިއާ ސައިންޓިސްޓް، މުހުސިން ފަހްރިޒާދޭ އަވަހާރަ ކޮށްލީ އިޒްރޭލުންކަން، ޝައްކެއް ނެތް މިންވަަރަށް ސާބިތު ކުރެވިދާނެ ކަމަށް، އެ ގައުމުގެ ރައީސް، ހަސަން ރޫހާނީ ވިދާޅުވެއްޖެ އެވެ. އޭނާ ވިދާޅުވި ގޮތުގައި، ބަދަލު ނުހިފައި ދޫކޮށްލާނެ އެއްވެސް ގޮތެއް ނޯންނާނެ އެވެ.

ހަސަން ރޫހާނީ ސިފަ ކުރެއްވި ގޮތުގައި، އިޒްރޭލަކީ އެމެރިކާގެ ބާޣީންނެވެ. އަދި ބާޣީންނަށް ހައްގު އުގޫބާތް ދިނުން އީރާނަށް ލާޒިމް ކަމަށެވެ. އީރާނުން ބުނި ގޮތުގައި ބައިނަލް އަގްވާމީ އިދާރާތަކަށް ވެސް މިކަން އަންގާނެ އެވެ.

ފަހްރިޒާދޭ އަވަހާރަ ކޮށްލާފައި ވަނީ އީރާންގެ ވެރި ރަށް، ތެހެރާނުން ބޭރުގައި، އޭނާ ދަތުރުކުރައްވަމުން ދިޔަ ކާރަށް ޓެރަރިސްޓުން ދިން ހަމަލާއެއްގަ އެވެ. މަންްޒަރު ދުށް މީހުން ބުނި ގޮތުގައި، ހަމަލާ ދީފައި ވަނީ މެޝިން ބަޑި އާއި ގޮވާ ތަކެތި ބޭނުން ކޮށްގެންނެވެ. ފަހްރިޒާދޭ އަވަހާރަވެފައި ވަނީ ލިބިވަޑައިގެންނެވި ޒަހަމްތަކުގެ ސަބަބުންނެވެ. އަވަހާރަވި އިރު އޮންނެވީ ހޮސްޕިޓަލުގަ އެވެ.

ފަހްރިޒާދޭ އަވަހާރަކޮށްލުމަކީ މެދުއިރުމަށްޗަށް ނެގި ބަނަ ވިލާގަނޑެކެވެ. ސިޔާސީ ގޮތުން ދުނިޔެ ބަދަލުވަމުން އަންނަ ދުވަސްވަރެއްގައި، މަސްލަހަތު އިރައިގެން ދިއުން ނޫން ކަމެއް މި ކަމުގެ ސަބަބުން ނުވާނެ އެވެ.

މި ހަމަލާއާ ބެހޭ ގޮތުން އިޒްރޭލުން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ. އިޒްރޭލަށް ތުހުމަތު ކުރެވޭ މި ފަދަ ބޮޑެތި ހާދިސާތަކާ ބެހޭ ގޮތުން ވާހަކަ ދެއްކުމަކީ، އިޒްރޭލުން އެއްވެސް އިރެއްގައި ކުރާ ކަމެއް ނޫނެވެ. އެހެން ނަމަވެސް، ނިއު ޔޯކް ޓައިމްސް އަށް ލިބިފައި ހުރި ޖާސޫސީ މައުލޫމަތުން އެނގޭ ގޮތުގައި، އެ ހަމަލާ ރާވައި ތަންފީޒް ކޮށްފައި ވަނީ އިޒްރޭލުންނެވެ.

މުހުސިން ފަހްރިޒާދޭ އަކީ، އިޒްރޭލުން ސިފަކުރާ ގޮތުގައި، ނިއުކްލިއާ ބޮންތަކުގެ ބައްޕަ އެވެ. އީރާންގެ މިލިޓަރީން ސިއްރިޔާތުގައި ހިންގި ނިއުކްލިއާ ޕްރޮގްރާމްގެ މޭސްތިރި އަކީ ފަޚްރިޒާދޭ ކަމަށް އިޒްރޭލް ބުނެ އެވެ. ފަހްރިޒާދޭ އަކީ ހުނިޖަހާލަން ޖެހޭ މީހެއް ކަމަށް، އިޒްރޭލުގެ ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫ މީގެ ދުވަސްތަކެއް ކުރިން ވަނީ ވިދާޅުފަ އެވެ.