ކުޅިވަރު

މެޑްރިޑްގައި އަލަވޭޒުން ރެއާލް ބަލި ކޮށްލައިފި

ރެއާލް މެޑްރިޑްގެ މިހާރުގެ ހޯމް ސްޓޭޑިއަމް އަލްފްރެޑޯ ޑި ސްޓެފާނޯގައި، ޑިޕޯޓިވޯ އަލަވޭޒްއިން ރެއާލްގެ މައްޗަށް 2-1 ން މޮޅުވެއްޖެ އެވެ.

އެތުލެޓިކޯ މެޑްރިޑްގެ ވަނީ ވެލެންސިއާގެ މައްޗަށް 1-0 ގެ ނަތީޖާ އަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި އޮތް ރެއާލް ސޮސިއެޑާޑް ޕޮއިންޓްގެ ގޮތުން ހަމަހަމަ ކޮށްފަ އެވެ. އެ މެޗަކީ އެތުލެޓިކޯގެ ގޯލްކީޕަރު ޔޭން އޮބްލެކް އެ ކުލަބަށް ކުޅުނު 200 ވަނަ މެޗެވެ.

ރެއާލް މެޑްރިޑް، އަލަވޭޒް އާ ދެކޮޅަށް ކުޅުނު މެޗުގައި އަލަވޭޒްގެ ފުރަތަމަ ލަނޑު މެޗުގެ ކުރީ ކޮޅުގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކުރީ ލޫކަސް ޕެރޭޒް އެވެ. އެ ޕެނަލްޓީ އަކީ ރެއާލްގެ ޕެނަލްޓީ އޭރިއާގެ ތެރެއިން އެ ޓީމުގެ ޑިފެންޑަރު ނަޗޯ ފެނާންޑޭޒް އަތުގައި ބޯޅަ ޖެހުމުން ދިން ޕެނަލްޓީ އެކެވެ. އެޑެން ހަޒާޑަށް ލިބުނު އަނިޔާގައި މެޗުގެ 28 ވަނަ މިނެޓްގައި އޭނާގެ ބަދަލުގައި ރޮޑްރީގޯ ހޮއިސް ކުޅެން ނުކުތެވެ. ފުރަތަމަ ހާފުގައި ޓޯނީ ކްރުޒްއަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފަ އެވެ.

އަލަވޭޒްގެ ޑިފެންޑަރުން އަތުން ބޯޅަ ހޯދައިގެން އޭރިއާއަށް ވަން އިރު މަރިއާނޯ ޑިއަޒްވެސް ހުރީ ހުސްކޮށެވެ. އެހެން ނަމަވެސް މަރިއާނޯއަށް ދިނުމުގެ ބަދަލުގައި ކްރޫޒް ވަނީ އަމިއްލައަށް ބޯޅަ ޖަހަން މަސައްކަތް ކޮށްފަ އެވެ. އޭނާ ފުރަތަމަ ފޮނުވާލި ބޯޅަ އަލަވޭޒްގެ ކީޕަރު ފެނާންޑޯ ޕަޗޭކޯ ވަނީ ދިފާއު ކޮށްފަ އެވެ. އޭނާ ދިފާއު ކުރުމުން ރީބައުންސަށް ނުކުތް ބޯޅަ ކްރޫޒް ދެވަނަ ފަހަރަށް ފޮނުވާލި އެވެ. އެފަހަރުވެސް ޕަޗޭކޯ އެ ބޯޅަ ދިފާއު ކުރި އެވެ.

މެޗުގެ ދެ ވަނަ ހާފުގައި، އަލަވޭޒްގެ ޕެނަލްޓީ އޭރިއާގެ ތެރެއިން، އެ ޓީމުގެ ޑިފެންޑަރު ވިކްޓާ ލަގާޑިއާ ވަނީ ރެއާލްގެ ޑިފެންޑަރު މާސެލޯ ވިއޭރާގެ އިސްތަށި ގަނޑުގައި ހިފަހައްޓައި އޭނާ ހުއްޓުވާފަ އެވެ. ރެއާލްގެ ކުޅުންތެރިން ޕެނަލްޓީއަކަށް އެޕީލް ކުރި ނަމަވެސް މެޗުގެ ރެފްރީ އެކަމަށް ފުރުސަތެއް ނުދެ އެވެ.

އަލަވޭޒްގެ ދެ ވަނަ ލަނޑަކީ ރެއާލްގެ ކީޕަރު ޓީބޯ ކޯޓްއާއަށް ހެދުނު މިސްޓޭކެއްގެ ފައިދާ ނަގައި ހޮސެލޫ ކާމިޔާބު ކުރި ލަނޑެކެވެ. ރެއާލްގެ ޑިފެންޑަރު ރަފޭލް ވަރާން ކޯޓްއާ އަށް ދިން ބޭކްޕާސް ކޯޓްއާ ދިނީ މެދުތެރެއިން ކާލޯސް ކަސެމީރޯ އަށެވެ. އޭރު ދެ އަރިމަތީގައި ވެސް ރެއާލްގެ ޑިފެންޑަރުން ތިއްބެވެ. ކަސެމީރޯއަށް ބޯޅަ ލިބުމުގެ ކުރިން ހޮސްލޫ ވަނީ ބޯޅަ ހޯދައި ހުހަށް އޮތް ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލާފަ އެވެ. ރެއާލްގެ ލަނޑު މެޗުގެ ފަހު ކޮޅުގައި ކާމިޔާބު ކުރީ ކަސެމީރޯ އެވެ.

ހުއެސްކާ އާ ދެކޮޅަށް ކުޅުނު މެޗު ސެވިއްޔާ ކާމިޔާބު ކުރީ 1-0 ންނެވެ. ސެބިއްޔާގެ ލަނޑު ކާމިޔާބު ކުރީ ޔޫސުފް އެން ނެސޭރީ އެވެ.