ދައުލަތުގެ ބަޖެޓް

ބަޖެޓު ނުނިމޭތީ، މަޖިލީހުގެ ދައުރު އިތުރު ކުރަނީ

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓު ފާސް ކުރުން ފަދަ މުހިއްމު މަސައްކަތްތައް ނިންމުމަށް، ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރު އިތުރު ކުރަން ނިންމައިފި އެވެ.

މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ބަޖެޓު ފާސް ކުރުން ފަދަ މުހިއްމު މަސައްކަތްތައް ނިންމުމަށްޓަކައި، މަޖިލީހުގެ މި ހިނގާ ދައުރު އަންނަ ޑިސެމްބަރު މަހުގެ ހަތް ވަނަ ދުވަހަށް އިތުރު ކުރަން މިއަދުގެ ވޯޓަށް އައްސަވާނެ ކަމަށެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ތިން ވަނަ ދައުރު ހިނގާނީ އޯގަސްޓް މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. ނަމަވެސް، ނަޝީދު ވިދާޅުވީ ދައުލަތުގެ ބަޖެޓާއި، ފުލުހުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފަދަ މުހިއްމު މަސައްކަތްތައް ނިންމާލުމަށް ދައުރު ދިގު ދަމާލުމަކީ މުހިއްމު ކަމެއް ކަމަށެވެ.

އާދީއްތަ ދުވަހަކީ އާއްމުކޮށް މަޖިލީހުގެ ޖަލްސާ ބާއްވާ ދުވަހެއް ނޫން ނަމަވެސް، އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓު ދިރާސާ ކުރުމަށް ފަހު މަޖިލީހުގެ ބަޖެޓު ދިރާސާ ކުރާ ކޮމިޓީން އެކުލަވާލި ރިޕޯޓަށް ބަހުސް ކުރުމަށްޓަކައި މިއަދު ޖަލްސާއެއް ވަނީ އެޖެންޑާކޮށްފައި އެވެ.

ކޮމިޓީ ރިޕޯޓަށް ބަހުސް ކުރަން، ކޮންމެ މެންބަރަކަށް ހަތް މިނެއްޓުގެ ވަގުތެއް މަޖިލީހުގެ އާއްމު ކޮމިޓީން މީގެ ކުރިން ވަނީ ކަނޑައަޅައިފަ އެވެ.

މީގެ އިތުރުން، އިންތިގާލީ އިންސާފުގެ ބިލާއި ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ދިރާސާކޮށް އެކުލަވާލާފައިވާ ކޮމިޓީ ރިޕޯޓުތަކަށް ބަހުސް ކުރުމަށް ވެސް ވަނީ އެޖެންޑާ ކޮށްފަ އެވެ.

ބަޖެޓުގެ އިތުރުން، އަންނަ އަހަރަށް އާމްދަނީ އިތުރު ކުރުމަށްޓަކައި ރިއަލް އެސްޓޭޓް ޓޫރިޒަމް ތައާރަފުކުރަން ނިންމައި، ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ޓޫރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ މަސައްކަތް ވެސް އަދި އޮތީ މުޅި މަޖިލީހުގެ ކޮމިޓީ މަރުހަލައިގަ އެވެ. ބަޖެޓަށް އަސަރު ކުރާނެ ބިލަކަށް ވާތީ، އެ ބިލުގެ މަސައްކަތް ވެސް މި ދައުރު ނިމުމުގެ ކުރިން ނިންމައި، ބަޖެޓާއެކު ފާސް ކުރަން މަޖިލީހުން ވަނީ އަމާޒު ހިފައިފަ އެވެ.