ފިނިޕޭޖް

ބޮލީވުޑް ތަރިންނާ ހެދި މުޅިން ރާއްޖޭގެ ވާހަކަ

ބޮލީވުޑްގެ ގިނަ ތަރިންތަކެއް ޗުއްޓީ ހޭދަކުރަން ރާއްޖެ އަންނަމުން ދާތީ ސޯޝަލް މީޑީއާގައި ޚާއްސަކޮށް ޓުވިޓާގައި މި ވާހަކަ ވަރަށް ހޫނު އެއްވަނައިގައި ރާއްޖެ ވަނީ ޓްރެންޑް ވެފަ އެވެ.

ކެޓުރީނާ ކައިފް އާއި ދިޝާ ޕަޓާނީ އާއި ޓައިގާ ޝްރޮފް، ތާޕްސީ ޕަންނޫ، ރަކުލް ޕްރީތު ސިންގް، ސޮނާކްޝީ ސިންހާ، ސަމަންތާ އާއި ނާގާ ޗޭތަންޔާ ފަދަ ގިނަ ތަރިންތަކެއް ފާއިތުވީ ދެ ތިން ހަފުތާ ތެރޭ ރާއްޖެ އައިސް ދުވަސްކޮޅަކު ތިބެފައި ވެއެވެ.

ރާއްޖެ ކަހަލަ އަގު ބޮޑު އަދި ރީތި ތަނަކަށް ފިލްމީ ތަރިން އައުމަކީ އިންޓަނެޓު ބޭނުންކުރާ ގިނަ ބަޔަކަށް އެހާ ހަޖަމު ކުރެވޭ ކަމަކަށް ނުވި އެވެ. އެހެންވެ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ މިކަމަށް ތަފާތު ޕޯޓްސްތައް ޖަހާ މޭމްތައް ތައްޔާރުކޮށް ވަރަށް މަޖާ ނަގައިގެން އެމީހުންނަށް ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބޭތޯ މަސައްކަތް ކޮށްފަ އެވެ.
އެގޮތުން އެއް ބަޔަކު ބުނެފައިވަނީ ރާއްޖެއަކީ މިހާރު އާ މުމްބައި ކަމަށެވެ. މުމްބާއިގައި އުޅޭ މިންވަރަށް ރާއްޖެއިން ވެސް ބޮލީވުޑް ތަރިން ފެންނާނެތީ އެވެ.

ބޮލީވުޑް ތަރިން އިންސްޓަގްރާމްގައި ޕޯސްޓްކުރަމުންދާ ފޮޓޯތަކާއި ވާހަކަ ތަކުން ގިނަ ބަޔަކު ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުންދާކަން އެންމެންނަށް ވެސް ވަނީ ޔަގީން ކުރެވިފަ އެވެ. އެއްބަޔަކު ރީތި އާ ފެޝަން ތަކުގެ ސްވިމްސޫޓުތައް ލައިގެން ފަރި ދައްކާއިރު އަނެއް ބަޔަކު އުޅެނީ މޫދާއި ކަނޑުމަތި އަދި ކަނޑު އަޑީގެ ރީތިކަން ބަލާލުމުގަ އެވެ. އަނެއް ބަޔަކު ހިތް އުފާކުރަނީ ޑޮލްފިން ކުޅޭތަން ބަލައިގެންނެވެ. މި ހުރިހާ ކަންކަމެއް ކުރާއިރު ވެސް ފޮޓޯ އާއި ވީޑިއޯ ނަގައި ބަރާބަރަށް ސޯޝަލް މީޑީއާގައި އެ ތަރިންގެ ފޭނުންނާ ޝެއާ ކުރަމުން ދާތީ ރާއްޖެ އާދެވޭނެ ފަދައެއް ނެތް މީހުންގެ ހިތަށް ވަނީ ވަރަށް އަސަރުކޮށްފަ އެވެ. ރާއްޖެއާ ބެހޭ ގޮތުން މި މީހުން ތަފާތު ޖޯކްތައް ޖަހަނީ އެހެންވެ ކަމަށް ބެލެވެ އެވެ.

އެއްވަނައިގައި ރާއްޖެ ޓްރެންޑް ވާން ފެށީ ބޮލީވުޑް ތަރިންނަށް ޖޯކް ޖަހައި ގިނަ ބަޔަކު މީމްސް އާއި ޖޯކްތައް ސޯޝަލް މީޑިއާގައި ޝެއާ ކުރަމުންފެށުމުންނެވެ. ރާއްޖެއާ ބެހޭ ގޮތުން ބައެއް މީހުންގެ ހިތުގައި ވަރަށް ގިނަ ސުވާލުތައް ވެސް މިހާރު އުފެދިފައި ވެއެވެ. އެންމެން ރާއްޖެ އަންނަން އެހާ ވަރެއް ދައްކާލައިގެން މި އުޅެނީ ކީއްވެތޯ އެވެ؟

ޝިލްޕާ ކިޔާ މީހަކު ކުރި ޓުވީޓެއްގައި ހުރީ ސެލެބްރިޓީން ރާއްޖެ އަންނަނީ މާ ރަނގަޅު ޑިސްކައުންޓް ދޭތީތޯ ސުވާލު ކޮށްފައި ވެއެވެ. ކޮފީ ލަވާ ކިޔާ މީހެއްގެ ޓުވީޓްގައި އެންމެން ރާއްޖެއަށް ދަނީ އެނޫން ހޮލިޑޭ ޑެސްޓިނޭޝަނެއް ހުޅުވާފައި ނެތީމަ ތޯ އަހާފައި ވެއެވެ. އަދި ޒޫމީ ކިޔާ މީހަކު ބުނީ ބޮލީވުޑް ތަރިން މާގިނައިން އަންނާނީ ރާއްޖޭގެ ނަން ބާންޑްރާ (މުމްބައިގެ އަވަށެއް) އަށް ބަދަލުކުރަން އުޅޭތީ ކަމަށެވެ.

ބައެއް މީހުން ޝެއާ ކުރި މީމްތަކުގައި އިންޑިޔާގެ ރޭލްތަކަށް މީހުން އަރާ ފުރި ބާރުވެގެން ބޭރުގައި ވެސް ބައެއް މީހުން އެލިގެން ތިބޭ ގޮތަށް މަތިންދާބޯޓެއްގައި މީހުންތައް ފުރި ބާރުވެގެން އޭގެ ބޭރުގަޔާއެކު މީހުންތައް އެލިގެން ތިއްބާ ފޮޓޮއެއް ހަދާފައި ޝެއާ ކޮށްފައި ވެއެވެ. އަދި މިއީ ރާއްޖެ އަންނަން ފަންނާނުން މިހާރު އުޅޭ ގޮތް ކަމަށް ބުނެފައި ވެއެވެ.
ސިންހާ ވިނީޝާ ކިޔާ މީހެއްގެ ޓުވިޓްގައި ބޮލިވުޑް ސެލެބްރިޓީން ރާއްޖެ އައިސް އެކުވެރިންނަށް ގުޅާފައި ބުނަނީ "މަ މިހިރީ ހަނދުގައި އޭ" ކަމަށެވެ.

އެހެން މީހެއްގެ ޓުވީޓްގައި ވަނީ ބޮލީވުޑް ތަރިން ރާއްޖެ އައިސް ފޮޓޯތައް ނަގާފައި ސޯޝަލް މީޑިއާގައި ޝެއާ ކުރަން ފެށުމުން ދެން ތިބި އެންމެން ވެސް "އަހަރެމެން ވެސް އެބަ އަންނަމޭ" ބުނާ ކަމަށެވެ.

ކާރްތިކް އާރްޔަންގެ ފޮޓޮއެއްގައި މީހަކު ތައްޔާރުކޮށްފައިވާ މީމްސް އެއްގައި ބޮލީވުޑް ސެލެބްރިޓީން ރާއްޖޭގައި ނަގާފައިވާ ފޮޓޯތައް ބަލާފައި ރާއްޖެ ދާހިތުން ހުރި ކަމަށާއި ނަމަވެސް ގަރީބީ -- ފަގީރުކަމާހެދި -- އެކަން ވާން ނެތް ކަމަށެވެ. އަދި "ހަޔާތުގެ އެންމެ ފަހު ދުވަހާ ހަމަޔަށް ކަލާ އާއެކު ވާނަމޭ" ފަގީރުކަން އޭނާ ކައިރީގައި ބުނާ ކަމަށެވެ.

މުރުތުންޖޭ ކިޔާ މީހަކު ބުނީ ހުރިހާ ފަގީރުން ޗުއްޓީ ހޭދަކުރަން ދަނީ ގޯއާ ކަމަށާއި މުއްސަނދިން ދަނީ ރާއްޖެއަށް ކަމަށެވެ. އަދި ޓުވިޓާގައި އުޅޭ މީހުން އަނގަ ނަގައިގެން ހަމަ ތިބެން ޖެހޭނީ ޓުވިޓާގައި ކަމަށެވެ.

ބޮލީވުޑް ތަރިންނަށް ރާއްޖެ ފޭވަރިޓް ތަނަކަށްވީ ކީއްވެ؟

ހަގީގަތުގައި މިކަން ވެގެން އުޅޭ ގޮތަކީ ރާއްޖެ އާއި އިންޑިއާ އާ ދެމެދު ހަދާފައިވާ އެއާ ބަބްލް އެރޭންޖްމެންޓްގެ ސަބަބުން އެއް ގައުމުން އަނެއް ގައުމަށް މީހުންނަށް ދަތުރު ކުރުމުގައި ހުރި ބޮޑެތި ފަސޭހަ ތަކެއްގެ ސަބަބުންނެވެ.
އިންޑިއާ ޓުޑޭގައިވާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން ކޮރޯނަވައިރަހުގެ ވަބާ އާ ހެދި ހުއްޓާލާފައި އޮތް ފްލައިޓް ދަތުރުތައް އަލުން ފަށާފައިވާއިރު އެއާ ބަބްލް އެރޭންޖްމަންޓް ހަދާފައި އޮތުމުން ވަޒީފާ އަށާއި ޓޫރިޒަމް އަދި މެޑިކަލް އިމަޖެންސީސް އަށް އެއް ގައުމުން އަނެއް ގައުމަށް ވަރަށް ފަސޭހަކަމާއެކު ދަތުރުކުރެވޭނެ ގޮތް ވަނީ ހަމަޖެހިފަ އެވެ. އިންޑިޔާއިން ރާއްޖެއަށް އަދި ރާއްޖެއިން އިންޑިޔާއަށް ދާ މީހުންނަށް އެ ގައުމެއްގެ ސަރުކާރުގެ ގައިޑްލައިންތައް ފޮލޯ ކުރަން ޖެހުނަސް ރާއްޖެ އެތެރެވުމަށްޓަކައި އިންޑިޔާ މީހުންނަށް ހަމައެކަނި ކުރަން ޖެހޭ ކަމަކީ އައިސީއެމްއާރް ގަބޫލުކުރާ ލެބޯޓްރީ އަކުން ހަދާފައިވާ ކޮވިޑް-19 ޓެސްޓްގެ ނެގެޓިވް ނަތީޖާއެއް އޮތުން އެކަންޏެވެ. ރާއްޖެ އައިސް ކަރަންޓީން ވާން ނުޖެހި އެދާ ރިސޯޓެއްގައި ވަރަށް މިނިވަން ކަމާއެކު އުޅުމުގެ ފުރުސަތު ލިބިފައިވުމާއި މި ދުވަސްވަރަކީ އެންމެ ގިނަ ބަޔަކު އެންމެ ހިތްހަމަޖެހޭ މޫސުން ރާއްޖޭގައި އޮތް ދުވަސްވަރަށް ވުމީ ވެސް ގިނަ ބައެއްގެ ޝައުގުވެރިކަން ރާއްޖެއަށް ހުއްޓުމުގެ ސަބަބެކެވެ.