ރިޔާދު މަހްރޭޒް ހެޓްރިކާއެކު މެންޗެސްޓާ ސިޓީން، ބާންލީގެ މައްޗަށް 5-0 ން މޮޅު ވެއްޖެ އެވެ.
ލަނޑު ޖެހުމުގެ މައްސަލަ ކުރިމަތި ވެފައިވާ ސިޓީން ވަނީ މެޗުގައި ބޮޑު ތަފާތަކުން މޮޅުވެ އެ ޓީމުގެ ކުރީގެ ފޯމަށް އަނބުރާ އައިސްފަ އެވެ. މީގެ ކުރިން ކުޅުނު އަށް މެޗުގައި ގާޑިއޯލާގެ ޓީމަށް ކާމިޔާބު ކުރެވުނީ 10 ލަނޑެވެ.
އެ މެޗަކީ ސިޓީގެ ޓީމުން އިއްތިހާދު ސްޓޭޑިއަމްގައި ބާންލީގެ މައްޗަށް 5-0 ން މޮޅުވި ޖެހިޖެހިގެން ހަތަރު ވަނަ މެޗެވެ. މެޗުގައި ތަރަިއަކަށްވި މަހްރޭޒް ހެޓްރިކް ހެދީ ފިލް ފޯޑެން ތަނަވަސް ކޮށްދިން ބޯޅަ ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިގެނެވެ. ސިޓީގެ ފުރަތަމަ ލަނޑު މަހްރޭޒް ކާމިޔާބު ކުރީ މެޗު ފެށިގެން ހަ ވަނަ މިނެޓްގަ އެވެ. ދެ ވަނަ ލަނޑު ކާމިޔާބު ކުރީ 22 ވަނަ މިނެޓްގަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ބެންޖަމިން މެންޑީ ވަނީ 41 ވަނަ މިނެޓްގައި ސިޓީގެ ތިން ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ. ސިޓީގެ ހަތަރު ވަނަ ލަނޑު ކާމިޔާބު ކުރީ ފެރާން ޓޯރޭޒް އެވެ.
"ޕްރިމިއާ ލީގްގެ މެޗަކުން މޮޅުވެ އެނބުރި އައުމަކީ މުހިންމު ކަމެއް،" މިދިޔަ ހަފުތާގައި ޓޮޓެންހަމް އަތުން ބަލިވި މެޗަށް އިޝާރާތް ކޮށް ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ވާހަކަ ދެއްކި އެވެ. "މިއަދު އެންމެ އުނދަގޫ ކަމަކީ ކުރު މުއްދަތެއްގައި 10 މެޗު ކުޅެން ޖެހުން، މެޗު ކުޅުމުގެ ފޯރި ކުޅުންތެރިންގެ ކިބައިން ގެއްލޭ ގޮތްވޭ."
"މީގެ ކުރިން ފުޓްބޯޅަ ކުޅުމަކީ ހިތްގައިމު ކަމެއް. އޭރު މެޗެއް އޮންނަނީ ހަފުތާ އަކު އެއް ފަހަރު ނުވަތަ ދެ ފަހަރު. މިހާރު މިއޮންނަނީ ކޮންމެ ތިން ދުވަހަކުން."
ބްރައިޓޮން ހޯވް އެލްބިއޯން އާ ދެކޮޅަށް ކުޅުނު މެޗުގައި ލިވަޕޫލުން ވަނީ މެޗުގެ އެންމެ ފަހު ވަގުތު ދެ ޕޮއިންޓް ދޫކޮށްލާފަ އެވެ. މެޗުގެ 60 ވަނަ މިނެޓްގައި ޑިއޭގޯ ޖޮޓާ ލިވަޕޫލަށް ލީޑް ނަގައިދިފައި ވަނިކޮށް މެޗުގެ އިތުރު ވަގުތުގެ ތިން ވަނަ މިނެޓްގައި ޕަސްކަލް ގޮރޮސް ވަނީ ލިބުނު ޕެނަލްޓީ އަކުން ބްރައޮޓޮން އަށް ނަތިޖާ ހަމަހަމަ ކޮށްދީފަ އެވެ.