ހަބަރު

މަޖިލީހުގެ ދައުރު ޑިސެމްބަރު 7 އާ ހަމައަށް

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓު ފާސް ކުރުން ފަދަ މުހިއްމު މަސައްކަތްތައް ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރު އަންނަ މަހުގެ ހަތް ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފި އެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ތިން ވަނަ ދައުރު ހިނގާނީ އޯގަސްޓް މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. ނަމަވެސް، މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ދައުލަތުގެ ބަޖެޓާއި، ފުލުހުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފަދަ މުހިއްމު މަސައްކަތްތައް ނިންމާލުމަށް ދައުރު ދިގު ދަމާލުމަކީ މުހިއްމު ކަމެއް ކަމަށެވެ.

އެއާއެކު، މަޖިލީހުގެ މި ހިނގާ ތިން ވަނަ ދައުރު އަންނަ ޑިސެމްބަރު މަހުގެ ހަތް ވަނަ ދުވަހާ ހަމައަށް އިތުރުކުރަން ފާސްކޮށްފައި ވަނީ، އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 48 މެންބަރުންގެ އަގުލަބިއްޔަތުންނެވެ. ދައުރު ދަންމާލަން ނުފެންނަކަމަށް އެއް މެންބަރަކު ވޯޓު ދެއްވިއިރު، ވަކިކޮޅަކަށް ވޯޓު ނުދެއްވާ މެންބަރަކުވެސް އިންނެވި އެވެ.

ބަޖެޓުގެ އިތުރުން، އަންނަ އަހަރަށް އާމްދަނީ އިތުރު ކުރުމަށްޓަކައި ރިއަލް އެސްޓޭޓް ޓޫރިޒަމް ތައާރަފުކުރަން ނިންމައި، ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ޓޫރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ މަސައްކަތް ވެސް އަދި އޮތީ މުޅި މަޖިލީހުގެ ކޮމިޓީ މަރުހަލައިގަ އެވެ. ބަޖެޓަށް އަސަރު ކުރާނެ ބިލަކަށް ވާތީ، އެ ބިލުގެ މަސައްކަތް ވެސް މި ދައުރު ނިމުމުގެ ކުރިން ނިންމައި، ބަޖެޓާއެކު ފާސް ކުރަން މަޖިލީހުން ވަނީ އަމާޒު ހިފައިފަ އެވެ.

ބަޖެޓު ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް މިހާރު ބަހުސް ކުރެވެމުންދާއިރު، އެ ކޮމިޓީން ނިންމި ގޮތަށް އަންނަ އަހަރުގެ ބަޖެޓު މި ހަފްތާގެ ތެރޭގައި ފާސްކުރާނެކަމަށް ބެލެވެ އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން 34.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައިވާއިރު، އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރަނީ 17.8 ބިލިއަން ރުފިޔާ އެވެ.

ނަމަވެސް، ބަޖެޓު ދިރާސާ ކުރަމުންދާ ކޮމިޓީން ވަނީ އެ އަދަދުތަކަށް ބައެއް ބަދަލުތައް ގެނެސްފައި އެވެ.

މިގޮތުން، ގިނަ މަޝްރޫއުތަކެއް އިތުރުކޮށް މިނިވަން މުއައްސަސާތަކާއި ބައެއް ސަރުކާރު އޮފީސްތަކުގެ ބަޖެޓު ބޮޑުކޮށްދޭން ކޮމިޓީން ނިންމުމުން، އަންނަ އަހަރުގެ ޖުމްލަ ބަޖެޓު ވަނީ 34.9 ބިލިއަން ރުފިޔާ އަށް އިތުރުވެފައި އެވެ.

ހަރަދުގެ އިތުރުން އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ލަފާކޮށްފައިވާ 17.8 ބިލިއަން ރުފިޔާއަށް ވެސް ކޮމިޓީން ވަނީ ބަދަލުތަކެއް ހުށަހަޅައިފަ އެވެ.

އާމްދަނީ އިތުރުކުރަން ސަރުކާރުން ހުށަހަޅާފައިވާ އާ ކަންތައްތަކުން ލިބޭނެކަމަށް ލަފާކޮށްފައިވާ 1.2 ބިލިއަން ރުފިޔާ އިތުރުކޮށްގެން، ޖުމްލަ އާމްދަނީ 3.3 ބިލިއަން ރުފިޔާ އިން އިތުރުކުރުމަށެވެ.