ވިޔަފާރި

އެސްޓީއޯގެ ސީއެފްއޯގެ މަގާމަށް އާ ބޭފުޅެއް

Nov 29, 2020
1

ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) ގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) މަގާމަށް އާ ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.

ސަރުކާރުގެ އެންމެ ބޮޑު ކުންފުނި ކަމަށްވާ އެސްޓީއޯގެ ސީއެފްއޯގެ މަގާމަަށް އައްޔަން ކުރީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު ޕްރޮކިއުމަންޓްގެ މަގާމުގައި ހުންނެވި މުހައްމަދު ނިޒާމް އެވެ.

އެ ކުންފުނީގެ ސްޕޯކްސް ޕާސަން އަބްދުﷲ މުހައްމަދު ވިދާޅުވި ގޮތުގައި ނިޒާމް ސީއެފްއޯގެ މަގާމަށް ހަމަޖައްސާފައިވަނީ ކުރިން މި މަގާމުގައި ހުންނެވި މުހައްމަދު މިހާދު ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުން ފެށިގެން އެ ކުންފުނިން ވަކިވެވަޑައިގަންނާތީ ކަމަށެވެ.

މިހާދު ސީއެފްއޯގެ މަގާމުން ވަކިވީ ދުނިޔޭގެ އެންމެ ބޮޑު އޮޑިޓްފާމް ކަމަށްވާ ކޭޕީއެމްގީގެ މަގާމަކަށް ދިއުމުގެ ގޮތުންނެވެ. މިހާދު ދަނީ ކޭޕީއެމްޖީގެ ޕާޓްނަރެއްގެ ގޮތުގައި މަސައްކަތް ކުރުމަށެވެ. މިއީ ދުނިޔޭގެ އެންމެ ބޮޑު އެއް ކޮންސަލްޓަންސީ ފާމެއްގެ ޕާޓްނަރެއްގެ ގޮތުގައި ދިވެއްސަކު އައްޔަންކުރެވުނު ފުރަތަމަ ފަހަރެވެ.

އުމުރުން 26 އަހަރުގައި އެސްޓީއޯގެ ސީއެފްއޯގެ މަގާމަށް ވަޑައިގެންނެވި މިހާދު އަކީ ޕަބްލިކް ލިސްޓެޑް ކުންފުންޏެއްގެ ސީއެފްއޯގެ މަގާމުގައި މި ވަގުތު ހުންނެވި އެންމެ ޒުވާން ސީއެފްއޯ އެވެ. ޗާޓެޑް އެކައުންޓަންޓެއްގެ ގޮތުގައި ހުންނެވި މިހާދު ވަނީ އެސްޓީއޯގައި އެގާރަ އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ނކުރައްވާފައެވެ.