ހަބަރު

"މިއީ ވޯލްޑް ބޭންކުގެ އެހީ އެންމެ ބޭނުން ވަގުތު"

މި ދަނޑިވަޅަކީ ވާލްޑް ބޭންކުގެ އެހީތެރިކަން ދިވެހިރާއްޖެއަށް އެންމެ ބޮޑަށް ބޭނުންވާ ދަނޑިވަޅު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ވާލްޑް ބޭންކުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފެރިސް ހަދާދް ޖަވާސް އަދި އެ ޖަމިއްޔާގެ ކަންޓްރީ މެނޭޖަރު ޗިޔޯ ކަންޑާ އާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ވާލްޑް ބޭންކުން މިދިޔަ 42 އަހަރު ދުވަހުގެ ތެރޭގައި ދިވެހިރާއްޖެ އާއި އެކު އޮތް ހާއްސަ ގާތް ގުޅުމެއް ބާއްވާފައިވާއިރު އެ ޖަމާއަތުގެ އެހީގައި އެ މުއްދަތުގައި ދިވެހިރާއްޖޭގައި 295 މިލިއަން އެމެރިކާ ޑޮލަރަށް ވުރެ ބޮޑު ހޭދައެއް ކުރެވި، 32 މަޝްރޫއެއް ހިންގާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިހާރުވެސް ވާލްޑް ބޭންކުގެ އެހީގައި ޕަބްލިކް ފައިނޭންސް އާއި އިއާދަކުރަނިވި ހަކަތައިގެ އިތުރުން ކެޕޭސިޓީ އިތުރު ކުރުމާއި ތައުލީމީ ނިޒާމު ހަރުދަނާ ކުރުމުގެ އިތުރުން މަސްވެރިކަމުގެ ސިނާއަތް ފުޅާކުރުމާއި މީހުން ބިނާކުރުމަށް ދެއްވާފައިވާ ހާއްސަ އަހައްމިއްޔަތު ރައީސް ފާހަގަ ކުރެއްވިއެވެ.

‎ރައީސް ވިދާޅުވީ ކޮވިޑް-19ގެ ހާލަތުގައި ދިވެހިރާއްޖޭގެ އިގްތިސާދު ހުއްޓިފައި އޮތުމަށްފަހު އަލުން ފަތުރުވެރިކަމަށް ރާއްޖެ ހުޅުވިގެންދާ މި ދަނޑިވަޅަކީ ވާލްޑް ބޭންކުގެ އެހީތެރިކަން ދިވެހިރާއްޖެއަށް އެންމެ ބޮޑަށް ބޭނުންވާ ދަނޑިވަޅު ކަމަށެވެ. އަދި ކުރިޔަށް އޮތް ދުވަސްތަކުގައިވެސް ދިވެހިރާއްޖެއަށް މާލީ އެހީތެރިކަން މިހާރަށް ވުރެ ފުޅާކުރައްވާ އެކި ދާއިރާތަކުން ދިވެހިރާއްޖޭގެ ކުރިއެރުމަށް އެހީތެރި ވެދެއްވާނޭ ކަމަށް އުންމީދު ކުރައްވާ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

‎ވާލްޑް ބޭންކުގެ ވަފުދުން ވަނީ ދިވެހިރާއްޖޭގެ އިގްތިސާދު ހަމަ މަގަށް އެޅުވުމުގައި މިހާރުން މިހާރަށް ބޭނުންވާ މެކްރޯ-ފިސްކަލް ބަދަލުތައް ގެނައުމުގެ އިތުރުން އިގްތިސާދު ހަރުދަނާކޮށް ކޮވިޑް-19 ގެ ސަބަބުން ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދޭނެ ކަމަށް ބުނެފައެވެ.