ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ވާލްޑް ބޭންކުން ރާއްޖެއަށް 10 މިލިއަން ޑޮލަރުގެ އެހީއެއް

Mar 25, 2020
3

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގުތިސޯދަށް ކުރަމުންދާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި، ވާލްޑް ބޭންކުން ރާއްޖެއަށް 10 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފައިވާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހާމަކުރައްވައިފަ އެވެ.

މިއަދު ރައީސް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވި ގޮތުގައި، ރާއްޖެއަށް ކުރިމަތިވަމުންދާ މާލީ ދަތިކަމުން އަރައިގަތުމަށް ރަހުމަތްތެރި ގައުމުތަކާއި ޖަމިއްޔާތަކާ މަޝްވަރާތައް ކުރެވެމުންދާ ކަމަށެވެ.

އެގޮތުން، ވާލްޑް ބޭންކުން ރާއްޖޭގެ ކޮވިޑް-19 ފަންޑަށް 10 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އޭގެ އިތުރުން، އޭޑީބީ އާއި އޮޕެކް ފަދަ އިތުރު މާލީ އިދާރާތަކުން އެހީ ހޯދުމުގެ މަސައްކަތްވެސް ކުރެވެމުންދާ ކަމަށެވެ.

"އަޅުގަނޑުގެ ވިސްނުމަކީ މުސާރަތައް ކުޑަކޮށް، މީހުން ވަޒީފާއިން ވަކި ކުރުމެއް ނޫން. މިހާރު ސަރުކާރުގެ ވިސްނުމަކީވެސް އަދި ސިޔާސަތަކީވެސް ލިބެންހުރި ތަނަކުން ލޯނު ނަގައިގެން، އިކޮނޮމީއަށް ޕަމްޕުކުރުން،" ރައީސް ވިދާޅުވި އެވެ.

އޭގެ އިތުރުން ރާއްޖޭން ލޯނު ނަގާފައިވާ ގައުމުތަކާއެކު އެ ލޯނުތަކަށް ލުއިތަކެއް ހޯދުމުގެ މަސައްކަތްވެސް ސަރުކާރުން ކުރަމުންދާކަމަށްވެސް ރައީސް ވިދާޅުވި އެވެ. އެގޮތުން، ރާއްޖޭން އެންމެ ބޮޑެތި ލޯނުތައް ނަގާފައިވާ ޗައިނާއާ މަޝްވަރާކުރަން ބޭނުންވާތީ އެކަމަށް އެދި ސިޓީފުޅެއް ފޮނުވާފައިވާކަމަށާއި، ނަމަވެސް، އެ ސިޓީއަށް އަދި ޖަވާބެއް ލިބިފައިނުވާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި، މިހާރު ކޮވިޑް ބަލި ފެތުރުން ކޮންޓްރޯލްވެފައިވާ ޖަރުމަނާއި ޗައިނާ ފަދަ ގައުމުތަކުން ތިން މަސް ދުވަސް ފަހަށް ބުކިން ހެދުމަށް އެދެމުންދާ ކަމަށެވެ. އެހެންކަމުން، ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ޗައިނާ ފަދަ ބައެއް މާކެޓުތަކަށް ރާއްޖެ ހުޅުވާލެވޭނެކަމަށް އުއްމީދުކުރައްވާކަމަށެވެ.