ސައުތުހެމްޓަން އަތުން މެންޗެސްޓާ ޔުނައިޓެޑް ދެ ލަނޑުގެ ޑެފިސިޓަކާއެކު ބަލިވާން ދަނިކޮށް އެޑިންސަން ކަވާނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުމެ ޔުނައިޓެޑް ސަލާމަތް ކޮށްފި އެވެ.
ފަހަތުން އަރައި ޔުނައިޓެޑް މެޗު ކާމިޔާބު ކުރީ 3-2 އިންނެވެ. ފުރަތަމަ ހާފުގައި ސައުތުހެމްޓަން އިން ވަނީ އެ ޓީމުގެ ދެ ލަނޑު ކާމިޔާބު ކޮށްފަ އެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު މެޗުގެ 23 ވަނަ މިނެޓްގައި ޖޭން ބެޑްނަރެކް އެވެ. ދެ ވަނަ ލަނޑު 33 ވަނަ މިނެޓްގައި ޖޭމްސް ވޯޑް ޕްރައުސް އެވެ.
މޭސަން ގްރީންވުޑްގެ ބަދަލުގައި ކަވާނީ ކުޅެން ނުކުތީ ދެ ވަނަ ހާފަށެވެ. ޔުނައިޓެޑްގެ ފުރަތަމަ ލަނޑު ބްރޫނޯ ފެނާންޑޭޒް ކާމިޔާބު ކުރީ ކަވާނީ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. ޔުނައިޓެޑަށް ކަވާނީ ނަތީޖާ ހަމަހަމަ ކޮށްދިނީ 74 ވަނަ މިނެޓްގަ އެވެ. ޔުނައިޓެޑް މޮޅު ކޮށްދިން ލަނޑު ކަވާނީ ކާމިޔާބު ކުރީ މެޗުގެ އިތުރު ވަގުތުގެ ދެ ވަނަ މިނެޓްގަ އެވެ.
ލަންޑަން ޑާބީގައި ޗެލްސީ އާއި ޓޮޓެންހަމް ހޮޓްސްޕާ ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. ފުރަތަމަ ހާފުގައި ޓިމޯ ވާނާ ވަނީ ގޯލެއް ކާމިޔާބު ކޮށްފަ އެވެ. އެހެންނަމަވެސް އޭނާ އޮފް ސައިޑްގައި ހުރުމުން ލަނޑެއް ކަމަށް ބަލައެއް ނުގަތެވެ. ދެ ވަނަ ހާފުގައި ރީސް ޖޭމްސް ވަނީ ނުރައްކާތެރި ބޯޅަތަކެއް ސްޕާސްގެ އޭރިއާގެ ތެރެއަށް ހުރަސް ކޮށްފަ އެވެ. ޓަމީ އޭބްރަހަމްއަށް އެ ފުރުސަތުތައް ބޭނުމެއް ނުކުރެވުނެވެ. މެޗުގެ ފަހު ކޮޅުގައި އޮލިވާ ޖިރޫއަށް ވަނީ ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. ޓޮޓެންހަމްގެ ފަހަތުން އެރިކް ޑަޔާ ފަހަތަށް ބޮލުން ދިން ބޯޅަ ސްޕާސްގެ ކީޕަރު ހޫގޯ ލޮރިސްއަށް ލިބުމުގެ ކުރިން ޖިރޫ ވަނީ ބޯޅަ ފޮނުވާލާފަ އެވެ. އެހެންނަމަވެސް ކުރިއަށް ނުކުމެ ހުރި ލޮރިސް ވަނީ އެ ބޯޅަ ސަލާމަތް ކޮށްފަ އެވެ.
މެޗުގެ އެންމެ ފަހު މިނެޓްގައި ޖިއޮވާނީ ލޮސެލްސޯއަށްވެސް ރަނގަޅު ފުރުސަތެއް ލިބިގެން ދިޔަ އެވެ. ސްޕާސްގެ ކުޅުންތެރިންވެސް އޭރިއާގެ ތެރޭގައި ބޯޅައަށް މަޑުކޮށްގެން ތިބިއިރު އޭނާ އަމިއްލައަށް ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރަށެވެ.
މެޗުން ހޯދި ޕޮއިންޓާ އެކު ސްޕާސް ވަނީ 21 ޕޮއިންޓް ހޯދައި ތާވަލުގެ އެއް ވަނަ މަގާމު ހޯދާފަ އެވެ. ދެ ވަނައިގައި އޮތް ޗެމްޕިއަން ލިވަޕޫލަށް ވެސް ޕޮއިންޓް ލިބިފައި ވަނީ އެ އަދަދަށެވެ ސްޕާސް އަށް ކުރި ލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ.
ވުލްވާހެމްޓަން ވޮންޑަރާސް އާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗުން އާސެނަލް ބަލިވީ 2-1 އޮންނެވެ. ވުލްވްސްގެ ދެ ލަނޑު ކާމިޔާބު ކުރީ ޕެޑްރޯ ނެޓޯ އަދި ޑެނިއެލް ޕޮޑެންސް އެވެ. އާސެނަލްގެ ލަނޑު ކާމިޔާބު ކުރީ ގެބްރިއަލް މެގާލޭސް އެވެ.