ބޮލީވުޑް

ރާހޫލް ރޯއީއަށް ބްރެއިން ސްޓްރޯކެއް ޖެހި އައިސީޔޫގައި

"އާޝިގީ" އެކްޓަރު ރާހޫލް ރޯއީ އަށް ބްރެއިން ސްޓްރޯކެއް ޖެހިގެން ފަރުވާ ދޭން ފަށައިފި އެވެ. ރާހޫލް އަށް ސްޓްރޯކް ޖެހުނި އޭނާ މިހާރު ކުޅެމުންދާ "އެލްއޭސީ – ލައިވް ދަ ބެޓްލް އިން ކާރްގިލް" ގެ ޝޫޓިންގް އަށް ކާރްގިލްއަށް ގޮސް އުޅެނިކޮށެވެ. އޭނާއަށް ބްރެއިން ސްޓްރޯކް ޖެހުނީ އެ ހިސާބުގަނޑުގެ މޫސުން ހުރި ގޮތުން ކަމަށް އިންޑިޔާގެ މީޑިއާތަކުގައިވާ ރިޕޯޓުތައް ބުނެފައި ވެއެވެ.

ސްޓްރޯކް ޖެހުމުން ހެލިކޮޕްޓަރެއްގައި ވަގުތުން ރާހޫލް މުމްބައި އަށް ގެނެސް މިހާރު އޮތީ ނާނާވަތީ ހޮސްޕިޓަލުގެ އައިސީޔޫގައި އެޑްމިޓް ކޮށްފަ އެވެ.

"އެލްއޭސީ"ގެ ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ނިތިން ކުމާރު ގުޕްތާ ބުނި ގޮތުގައި އޭނާގެ ފިލްމުގައި ރާހޫލް އަދާކުރަން ޖެހޭ ބައިގެ ޝޫޓިން ނޮވެމްބަރު 23 ގައި ވަނީ ނިމިފަ އެވެ. ނަމަވެސް މުމްބައި އަށް އެނބުރި ނުގޮސް ރާހޫލް މަޑުކޮށްލައިގެން ހުރީ އެހިސާބުގެ މޫސުން ރަނގަޅުކަމުން ހިތްހަމަޖައްސާލާށެވެ.

ނިތިން ބުނި މިދިޔަ ބުރާސްފަތި ދުވަހު އޭނާއަށް ރާހޫލްގެ ޚަބަރެއް ނުވެގެން ކޮބައިތޯ ބަލާލަން ހޮޓަލުގައި ރާހޫލް ހުންނަ ކޮޓަރިއަށް ދިޔައިރު ރާހޫލްގެ ހާލު ވަރަށް ގޯސްކަނަ ފާހަގަ ކުރެވުނުކަމަށެވެ. ޚުދް އޭނާ އަކީ ވެސް މެޑިކަލް ޑޮކްޓަރެއް ކަމުގައި ބުނަމުން ނިތިން ބުނީ ރާހޫލްގެ އަނގައިން ވާގި ގޮސް އެއްގޮތަކަށް ވެސް އޭރު ވާހަކަ ވެސް ނުދެއްކޭ ކަމަށެވެ. އެހެންވެ ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ސީޓީ ސްކޭން ހެދުމުން ބްރެއިން ސްޓްރޯކެއް ޖެހިފައިވާ ކަން ޔަގީންވީ އެވެ.

ޕްރޮޑިއުސަރު ނިތިން ވަނީ ފަހުން އޭނާގެ އަމިއްލަ ޚަރަދުގައި ހެލިކޮޕްޓަރެއް ޗާޓަރުކޮށް ރާހޫލް މުމްބައިގެ ނާނާވަތީ ހޮސްޕިޓަލަށް ގެންގޮއްސަ އެވެ.

ރާހޫލްގެ ކޮއްކޮ ރޮމީރު ސެން ބުނި ގޮތުގައި އެކްޓަރުގެ ހާލު މިހާރު އަންނަނީ ރަނގަޅު ވަމުންނެވެ. އަދި އައިސީޔޫގައި އަދިވެސް އޮތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށް ރޮމީރު ބުނެފައި ވެއެވެ.

ރާހޫލް، 52، ފިލްމީ ދުނިޔެއަށް ނުކުތީ އުމުރުން 22 އަހަރުގައި ކުޅުނު "އާޝިގީ" އިންނެވެ. މަހޭޝް ބަޓް ޑައިރެކްޓްކުރި މި ފިލްމަކީ އެ އަހަރު ވެސް ނުކުތް އެންމެ ކާމިޔާބު އެއް ފިލްމަށް ވަނީ ވެފަ އެވެ. އޭގެ ފަހުން މަހޭޝް ބަޓްގެ "ޖުނޫން" ގައި ވެސް ރާހޫލް ވަނީ ލީޑް ރޯލު އަދާ ކޮށްފަ އެވެ. އަދި ޓީވީ ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ ފުރަތަމަ ސީޒަންގައި ބައިވެރިވެ އެ ސީޒަންގެ އެއްވަނަ ވެސް ހޯދީ ރާހޫލް އެވެ.