ސޯޝަލް މީޑިއާ އަކީ ހެޔޮ ގޮތުގައި ބޭނުން ކުރާނަމަ އޭގެ ރަނގަޅު ފައިދާތަކެއް ވެސް ލިބޭ އެއްޗެކެވެ. އިންޑިޔާގެ މި އަންހެންމީހާގެ ތަޖުރިބާ އަކީ ހަމަ ގައިމުވެސް ވަރަށް ރަނގަޅު ތަޖުރިބާ އެކެވެ. ސޯޝަލް މީޑިއާ ނެތްނަމަ ފަހަރެއްގައި މި އަންހެންމީހާ އަށް ދުވަހަކުވެސް އޭނާގެ ދަރިފުޅާ ބައްދަލު ނުވުމަކީ ހަމަ ވަރަށް އެކަށީގެންވާ ކަމެކެވެ.
މި ހާދިސާގެ ފެށިފައިވަނީ 2005 ގައެވެ. ރާމާ ދޭވީ އަކީ އިންޑިޔާގެ ދިއްލީގެ މީހެކެވެ. ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރި ރާމާ ކައިވެނިކުރީ ކަލްކަތާ މީހަކާ އެވެ. އަދި ކައިވެންޏަށްފަހު އުޅެމުންދިޔައީ ކަލްކަތާގައި ހުންނަ ފިރިމީހާގެ ގޭގަ އެވެ.
މީގެ 15 އަހަރު ކުރިން އެއް ދުވަހު ރާމާ އާއި އޭނާގެ ފިރިމީހާ އާ ދެމެދު ވަރުގަދަ ޒުވާބެއް ހިނގި އެވެ. އޭރު އެމީހުންގެ ހުރި ހަމައެކަނި ދަރިފުޅުގެ އުމުރުން ހަތް އަހަރެވެ. ފިރިމީހާ އާ ޒުވާބުކޮށްފައި ރާމާ އެ ގެއިން ނުކުމެގެން ދިޔައީ އެވެ.
ރާމާ ދިޔައީ ދިއްލީ އަށެވެ. އަދި ސުޕްރީމް ކޯޓުން ވަޒީފާ ހޯދައިގެން ދިއްލީގައި އެކަނިމާއެކަނި ދިރިއުޅެން ފެށި އެވެ. އެހެން ދިރިއުޅުމުގެ ތެރޭގައި ރާމާ އަށް ސިކުނޑީގެ ބައްޔެއް ޖެހި ހަނދާންތައް ގެއްލުނީ އެވެ. ސިކުނޑީގެ މައްސަލަ ޖެހިގެން ނުވަ މަސް ދުވަހު އޭނާ ދިއްލީ އިންސްޓިޓިއުޓް އޮފް ހިއުމަން ބިހޭވިއާ އެންޑް އެލައިޑް ސައިންސްގައި ހޭދަކުރި އެވެ. ފަހުން ހޯޕް ރިހެބިލިޓޭޝަން ފެސިލިޓީގައި ހުންނަ ރިހެބް ސެންޓަރަށް އޭނާ ގެންދިޔަ އެވެ. ފާއިތުވީ 14 ވަރަކަށް އަހަރު އޭނާ ހޭދަކޮށްފައިވަނީ އެ ސެންޓަރުގަ އެވެ. އެއްވެސް ހަނދާނެއް ނެތި އެވެ.
އެތަނުގައި އޭނާ ހުންނަވާ 14 އަހަރު ފަހުން އެއް ދުވަހަކު ކުއްލިއަކަށް އޭނާއަށް އޭނާގެ ދަރިފުޅުގެ ނަން ހަނދާން ވިއެވެ. ރާމާގެ ދަރިފުޅަށް ކިޔަނީ މިތުރަޖީތު ޗައުދަރީ އެވެ. އެހާތަނުން އެ ސެންޓަރުގެ މީހުން ރާމާ އާ އޭނާގެ ދަރިފުޅު ބައްދަލުކުރުވަން މަސައްކަތް ފެށި އެވެ. އަދި މިތުރަޖީތު ޗައުދަރީ ކިޔާ ހުރިހާ އެންމެންގެ ނަންބަރު ހޯދައިގެން އެ މީހުންނާ ގުޅަން ފެށީ އެވެ. އަދި ފޭސްބުކްގައި މިތުރަޖީތު ޗައުދަރީ ޖެހުމުން އައި 6-7 މީހަކަށް ވެސް އެމީހުން މެސެޖު ކުރި އެވެ. އެ މެސެޖުތަކަށް ޖަވާބުދިނީ އެންމެ މީހެކެވެ.
ރާމާ ދޭވީ އަކަށް ފޭސްބުކްގައި ހުރި އޭނާގެ ދަރިފުޅުގެ ފޮޓޯތަކުން ވެސް ދަރިފުޅު ވަކިކުރާކަށް ނޭނގުނެވެ. ނަމަވެސް މިތުރަޖީތަށް ވީޑިއޯ ކޯލެއް ކޮށްފައި ރާމާއަށް ދެއްކުމުން އެއީ ދަރިފުޅުކަން ހަނދާންވި އެވެ. އެހިސާބުން ރާމާގެ ދަރިފުޅާއި ފިރިމީހާ ވަނީ ފްލައިޓެއް ނަގައިގެން ވަގުތުން ރާމާ ބަލާ ދިއްލީ އަށް ގޮއްސަ އެވެ.
ރާމާ އާއި އޭނާގެ ދަރިފުޅުގެ ބައްދަލުވުން ވެގެން ދިޔައީ ވަރަށް އުފާވެރި އެހާމެ އަސަރުގަދަ ބައްދަލުވުމަކަށެވެ. ރާމާގެ ދަރިފުޅު ބުނީ ފާއިތުވީ 14 އަހަރުގެ ތެރޭގައި އޭނާ އާއި އާއިލާއިން މަންމަ ފެނޭތޯ ވަރަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ.
"އަހަރެންގެ ހިތް އަބަދުވެސް ބުނޭ ކޮންމެވެސް ދުވަހަކުން މަންމަ ފެންނާނޭ. އަހަރެން މަންމަ ހޯދަން ވަރަށް މަސައްކަތް ކުރިން. ނަމަވެސް އެއްވެސް ތަނަކުން މަންމައެއް ނުފެނުނު. މިހާރު ފެނުނީމަ ވަރަށް އުފާވެއްޖެ. ގެއަށް ގޮސް މަންމައާއެކު ޕާޓީ ބާއްވާނަން. މިޒަމާނުގައި ހުރިހާ ޒުވާނުން ކަހަލަ ގޮތަކަށް ފޭސްބުކް ބޭނުންކުރޭ. އަހަރެން ވެސް ބޭނުންކުރަން. ނަމަވެސް އެފްބީން މަންމަ ހޯދިދާނެކަމަކަށް ކުރިން ހިޔެއް ނުކުރަން،" ރާމާގެ ދަރިފުޅު ބުންޏެވެ.
ކޮންމެއަކަސް ދަރިފުޅާއި ފިރިމީހާ އާއެކު އަނބުރާ ފިރިމީހާގެ ގެއަށް ދާން ރާމާ ނިންމި އެވެ. ކުރީގެ އެއްވެސް ހަނދާނެއް ނެތަސް މުޅިން އާ ހަޔާތެއް ފަށާށެވެ.