ސިންގަޕޫރު އަންހެނަކަށް މިދިޔަ މާޗުމަހު ކޮވިޑް-19 ޖެހުނެވެ. އޭރު އޭނާ އިނީ ބަލިވެ އެވެ. މިހާރު އެ އަންހެންމީހާ ވަނީ ވިހާފަ އެވެ. އަދި އޭނާ ވިހޭ ދަރިފުޅު ޓެސްޓްކުރިއިރު އެ ކުއްޖާގެ ހަށިގަނޑުގައި ކޮވިޑް-19ގެ އެންޓިބޮޑީޒް ހުއްޓެވެ. މިއީ ސައިންސްވެރިންނަށް އަދި ސާބިތުކުރެވިފައި ނެތް ކަމެކެވެ. މަންމަގެ ފަރާތުން ކުއްޖާއަށް އިންފެކްޝަން ޖެހޭކަން ނުވަތަ ޖެހިދާނެކަން މީގެ ކުރިން ޔަގީން ކުރެވިފައެއް ނެތެވެ.
ދަ ސްޓްރެއިޓްސް ޓައިމްސް ނޫހުން އާދިއްތަ ދުވަހު ބުނެފައިވާ ގޮތުގައި ކުއްޖާ އުފަންވީއިރު ކުއްޖާގެ ގައިގައި ކޮރޯނާވައިރަސް އިންފެކްޝަނެއް ނެތެވެ. ނަމަވެސް އެ އިންފެކްޝަން ޖެހުމުން އުފެދޭ އެންޓިބޮޑީޒް އެ ކުއްޖާގެ ގައިގައި ހުއްޓެވެ.
ކުއްޖާގެ މަންމަ ސެލިން އެންޖީ-ޗެން ސިންގަޕޫރު ނޫހަށް ދީފައިވާ އިންޓަވިއުގައި ބުނި ގޮތުގައި ޑޮކްޓަރުންނަށް ޝައްކުވަނީ މާބަނޑު ދުވަސްވަރު އޭނާއަށް ކޮވިޑް ޖެހުމުން އޭނާގެ ހަށިގަނޑުގައި އުފެދުނު އެންޓިބޮޑީޒް ދަރިފުޅަށް ވާސިލުވެފައިވަނީ ކަމަށެވެ. އޭނާ އިތުރަށް ބުނި ގޮތުގައި ކޮވިޑް ޖެހިގެން އޭނާއަކަށް އެހާ ބޮޑުވަރެއް ނުވެ އެވެ. ހޮސްޕިޓަލުގައި ދެ ހަފުތާ ބައި ބޭއްވުމަށްފަހު ފަހު ޑިސްޗާޖްކުރީ ކަމަށް ވެސް ބުންޏެވެ.
ޑަބްލިޔުއެޗްއޯ އިން މިހާތަނަށް ބުނަމުން އަންނަނީ މާބަނޑުމިހަކަށް ކޮވިޑް-19 ޖެހުނަސް އޭނާގެ ބަނޑުގައި އޮންނަ ދަރިފުޅަށް ބަލިވެ އިނދެގެން އުޅޭ ދުވަސްވަރު ނުވަތަ ވިހެއުމުގެ ތެރޭގައި ވެސް އެ ވައިރަސް ވާސިލުވެދާނެކަން ހޯދިފައި ނެތް ކަމަށެވެ.
މިހާތަނަށް ހޯދި ހޯދުންތަކުން މައިމީހާގެ ކިރު އަދި ބަނޑުތެރޭގައި ކުއްޖާ އޮންނަ އެމިނިއޯޓިކް ފުލުއިޑް ސާމްޕަލުން އެކްޓިވް ވައިރަސް ފެނިފައެއް ނެތެވެ.
ޗައިނާގެ އަންހެނަކަށް މިފަދަ ގޮތެއް ދިމާވިކަމަށް އެ ގައުމުގެ ސައިންސްވެރިން ތަންކޮޅެއް ކުރިން ބުނެފައި ވެއެވެ. ޖާނަލް އިމާޖިން އިންފެކްޝަސް ޑިޒީޒްގައިވާ ރިޕޯޓެއްގައިވާ ގޮތުން އެ ގައުމުގައި ވިހޭ ބައެއް އަންހެނުންގެ ދަރިންގެ ގައިގައި ކޮވިޑް-19 އެންޓިބޮޑީޒް ހުރިކަން ފާހަގަ ކުރެވިފައި ވެއެވެ. އެ ހުރިހާ އަންހެނުންނަކީ ވެސް ކޮވިޑް-19 ޖެހި ރަނގަޅުވެފައި ތިބި ބައެކެވެ. ނަމަވެސް ދުނިޔޭގެ ސިއްހީ ޖަމިއްޔާއިން އަދި އެނޫންވެސް ފަރާތަކުން މި ރިޕޯޓު ގަބޫލު ކޮށްފައެއް ނެތެވެ.
އާ ކޮރޯނާވައިރަސް މަންމަގެ ގައިން ދަރިފުޅުގެ ގަޔަށް ޓްރާންސިޓް ވުމަކީ ވަރަށް މަދު ހާލަތެއްގައި ނޫނީ ވެފައި ނެތް ކަމަށް ޖާމާ ޕީޑިއެޓްރިކްސް ޖާނަލް އަށް ކޮލަމްބިޔާ ޔުނިވަސިޓީގެ ސައިންސްވެރިން މިދިޔަ އޮކްޓޯބަރުމަހު ލިޔެފައިވާ އާޓިކަލެއްގައި ބުނެފައި ވެއެވެ.