ރާއްޖެ ކުޅިވަރު

ޝަވީދުގެ ކޮރަޕްޝަނެއް ނެތް: އޭސީސީ

އެފްއޭއެމް އިންތިހާބަށް ކުރިމަތިލާފައިވާ ހަމައެކަނި ކެނޑިޑޭޓް އަދި ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން މުހައްމަދު ޝަވީދުގެ ކޮރަޕްޝަނުގެ އެއްވެސް ކަމެއް ހިންގާފައިނުވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމައިފި އެވެ.

އެ ކޮމިޝަނުން މި ގޮތަށް ނިންމީ އެފްއޭއެމަށް ސަރުކާރާއި ބައިނަލް އަގްވާމީ ޖަމާއަތްތަކުން ދީފައިވާ ފައިސާ އެތަނުގެ ވެރިންގެ އެކައުންޓަށް ބަދަލުކޮށް އިންތިހާބަށް ނުފޫޒު ފޯރުވަން ރިޝްވަތު ދެމުން އަންނަ ކަމަށް ބުނެ އެއިދާރާގެ ކުރީގެ އެގްޒެކްޓިވް ސެކްރެޓަރީ ހުސައިން ރަޝީދު ހުށަހަޅާފައިވާ މައްސަލައެއް ބެލުމަށްފަހު އެވެ.

އެ ކޮމިޝަނުން މި ގޮތަށް ބުނިއިރު އޭއެފްސީ އާއި ފީފާއިން ބުނަނީ އެފްއޭއެމުގެ ފައިސާގެ މުއާމަލާތްތައް ރަނގަޅު ކަމަށެވެ. އަދި ސަރުކާރުން އެފްއޭއެމަށް ނުފޫޒު ފޯރުވާނަމަ ރާއްޖެ ފުޓްބޯޅައިން ސަސްޕެންޑްކުރާނެ ކަމަށް އޭއެފްސީން ވަނީ ބުނެފަ އެވެ. އެއީ އިންތިހާބު ލަސްކުރަން އޭއެފްސީން އަށާއި އެފްއޭއެމަށް ޔޫތު މިނިސްޓްރީން ސިޓީ ފޮނުވުމުންނެވެ.

އެފްއޭއެމުގެ އިންތިހާބު އަންނަ ބުރާސްފަތި ދުވަހު ކުރުނބާ މޯލްޑިވްސްގައި ބާއްވަން ނިންމައި ޒޯން ނުވައެއްގެ ޕްރައިމަރީ މިރޭ ބާއްވަން ވަނީ ނިންމާފަ އެވެ. ޔޫތު މިނިސްޓްރީން ފަސްކުރަން އަންގާފައިވާ އިންތިހާބު ފީފާ އާއި އޭއެފްސީގެ ތާއީދާއި ބެލުމުގެ ދަށުން ބާއްވަން މި ނިންމީ ފީފާއިން އިންތިހާބު ބާއްވަން ދީފައިވާ މުހުލަތު މި މަހުގެ 30 އަށް ހަމަވާތީ އެވެ.

މިރޭ ބާއްވާ ޕްރައިމަރީގައި ވޯޓުލާނީ ތިން ވަނަ ޑިވިޝަނުގެ 12 ކުލަބެވެ. މީގެ ތެރެއިން އިންތިހާބުގައި ވޯޓުލާން ހޮވާނީ އެންމެ ކުލަބެކެވެ. މުޅިއެކު އިންތިހާބުގައި ވޯޓުލާނީ 16 ކުލަބެވެ. އެއީ ފުރަތަމަ ޑިވިޝަނުގެ އަށް ކުލަބާއި ދެ ވަނަ ޑިވިޝަނުގެ ހަތް ކުލަބާއެކުގަ އެވެ.