ދިޔާނާ ސައީދު

ދައުލަތުގައި ވައްކަމާއި ހިޔާނާތް، ބެލޭނެ ގޮތެއް ނެތް: ދިޔާނާ

މުޅި ދައުލަތުގައި ވައްކަމާއި ހިޔާނާތް އޮތްއިރު އެ މައްސަލަތައް ބެލޭނެ ގޮތެއް ނެތް ކަމަށް ވިދާޅުވެ ކުރީގެ ބަންޑާރަ ނާއިބް ދިޔާނާ ސައީދު ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.

އެމްޕީއެލްގެ ތެރޭގައި ހިންގި ތެލުގެ ވިޔަފާރިއެއް ފެންމަތި ކުރެއްވުމަށްފަހު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޗެއާމަންގެ މަގާމުން މުހައްމަދު ޒަކީ (ނަޒާކީ ޒަކީ) މިއަދު ވަނީ އިސްތިއުފާ ދެއްވާފައެވެ. އެކަމަށް އިޝާރާތް ކުރައްވާ ދިޔާނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުޅި ދައުލަތުގައި ހިޔާނަތާއި ވައްކަން ކަމަށެވެ.

"އެމްއެމްޕީއާރުސީގެ ވައްކަން. އެމްޕީއެލް އިން ވައްކަން. ޕަބްލިކް ޕްރޮކިއުމަންޓުން ވައްކަން،" މި ސަރުކާރުގެ ގެނައުމަށް މަސައްކަތް ކުރެއްވި ދިޔާނާ ސައީދު ވިދާޅުވިއެވެ.

ދިޔާނާ ވިދާޅުވީ ވައްކަމުގެ އެއްވެސް މައްސަލައެއް ބެލޭނެ ގޮތެއް ނެތް ކަމަށެވެެ.

އެމްޕީއެލްގެ ތެރޭގައި ހިންގި ތެލުގެ ވިޔަފާރިއެއް ފެންމަތި ކުރައްވާ ޒަކީ ވިދާޅުވީ އެމްޕީއެލް އިން ތެލުން އަށް މިލިއަން ރުފިޔާގެ ވައްކަމެއް ކޮށްފައިވާ ކަމަށެވެ. އޭނާ ވަނީ މި ވައްކަމަށް ޝާމިލްވި ފަރާތްތައް ސަސްޕެންޑް ކުރަން ބޯޑު މެމްބަރުންގެ އަގުލަބިއްޔަތު ލިބިފައި ނުވާ ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު އެމްޕީއެލް އިން ވަނީ ލޮކްޑައުންގެ ތެރޭގައި ހިންގި މި ތެލުގެ ވައްކަމުގެ މައްސަލާގައި ޝާމިލްވާ މީހުން ނަށް ފިޔަވަޅު އަަޅައި ސަސްޕެންޑްކޮށްފައިވާ ކަމަށް ބުނެފަ އެވެ.