ލައިފްސްޓައިލް

މާސްކް އަޅަން ދެކޮޅުހެދުމުން ފްލައިޓުން ބާލައި ހައްޔަރުކޮށްފި

އެމެރިކާގެ ސެން ފްރެންސިސްކޯ އިން ސޯލްޓް ލޭކް ސިޓީއަށް ދަތުރުކުރަން އޮތް ޑެލްޓާ އެއާލައިންސްގެ މަތިންދާބޯޓަކަށް އެރި 44 އަހަރުގެ އެމެރިކާ މީހަކު ބޯޓު ތެރޭގައި މާސްކް އަޅައިގެން އިންނަން އިންކާރު ކުރުމުން އޭނާ ބޯޓުން ބާލައި ހައްޔަރުކޮށްފައިވާ ކަމަށް އެމެރިކާގެ މީޑިއާ އިން ބުނެފި އެވެ.

ޖޯޝުއާ ކޮލްބީ ނަމަކަށް ކިޔާ މި މީހާ މަތިންދާބޯޓަށް އަރަން ދިޔައީ ވަރަށް ލަސްވީ ފަހުންނެވެ. ގޭޓުހުރި އެޖެންޓް އޭނާ ހުއްޓުވައި އޭނާ ކައިރީގައި މާސްކް އަޅަން ތަކުރާރުކޮށް ބުނަމުން ދިޔަނަމަވެސް އެމީހާ މާސްކް ނާޅާ ގޮސް މަތިންދާބޯޓަށް އެރީ ކަމަށް ނިއު ޔޯކް ޕޯސްޓްގައިވާ މި ޚަބަރުގައި ބުނެފައި ވެއެވެ.

ގޭޓުގައި ހުރި އެޖެންޓް އެ މީހާގެ ފަހަތުން މާސް އަޅާށޭ ކިޔަމުން މަތިންދާބޯޓާ ހަމަޔަށް ވެސް ދިޔަ އެވެ. ނަމަވެސް އެމީހާ ބޯޓަށް އަރައިގެން ދިޔައީ މާސްކް ނާޅަ އެވެ.

އެމީހާ މަތިންދާބޯޓަށް އަރާ އިށީނުމުން ފްލައިޓް އެޓެންޑެންޓުންނާއި ބޯޓުގެ ކެޕްޓަން ވެސް ތަކުރާރުކޮށް އޭނާ ކައިރީގައި މާސްކް އަޅަން ބުނި ކަމަށާއި ނަމަވެސް އެމީހާ މާސްކް އަޅަން ކުރީ އިންކާރު ކަމަށް މި ޚަބަރުގައި ވެއެވެ.

އެންމެ ފަހުން އެއާޕޯޓު ސެކިއުރިޓީއަށް އަންގައިގެން ސެކިއުރިޓީން އައިސް އެމީހާ ބޯޓުން ބާލަން އުޅުމުން އެމީހާ ބޯޓުން ފައިބަން ވެސް ދެކޮޅު ހެދި އެވެ. އެންމެ ފަހުން ބޯޓުގައި ތިބި ހުރިހާ ފަސިންޖަރުން ބޯޓުން ބޭލުވީ އެވެ. އަދި އެމީހާ އެކަނި ބޯޓުގައި އިންނަން ޖެހުމުން އޭނާއަށް ބޯޓުން ފައިބަން މަޖްބޫރުވީ އެވެ.

މިކަން މިގޮތަށް ހިނގުމުގެ ސަބަބުން ބޯޓު ފުރުން 45 މިނިޓަށް ލަސްވި ކަމަށް ޑެލްޓީ އެއާލައިންސުން ވެސް ބުނެފައި ވެއެވެ.

ބޯޓުން ފޭބުމުން ފުލުހުން އައިސް އެމީހާ ހައްޔަރުކޮށްގެން ގެންދިޔަ ކަމަށާއި ޖަލުން ދޫކޮށްލީ އަނެއް ދުވަހު ހެނދުނު ކަމަށްވެސް މި ޚަބަރުގައި ވެއެވެ.

އެމެރިކާ އަކީ އެންމެ ގަދަޔަށް ކޮވިޑް ފެތުރިފައިވާ ގައުމެވެ. މިހާތަނަށް އެ ގައުމުގެ 264،000 މީހުން އެ ބަލީގައި މަރުވެފައި ވެއެވެ. އަދި ކުރިޔަށް އޮތް ދެ ތިން ހަފުތާގެ ތެރޭގައި އިތުރު 60،000 ގެ ފުރާނަ ދިއުމުގެ ބިރު އޮތް ކަމަށް އެ ގައުމުން ބުނެފައި ވެއެވެ.

ހުކުރު ދުވަހު އެމެރިކާ އިން ނެރުނު ކޮވިޑާ ގުޅޭ ރިޕޯޓު ބުނާ ގޮތުން ލައްކަ އަކަށްވުރެ ގިނަ މީހުން ދުވާލަކު ޕޮޒިޓިވް ވާތާ މިދިޔަ ހުކުރު ދުވަހަށް 25 ދުވަސް ވަނީ ފުރިފަ އެވެ.