ރިޕޯޓް

ރިފްއަތު: ޓޫރިސްޓުންނާ އަބަދުވެސް ގާތުގައި

Jan 12, 2015
11

ޓޫރިޒަމް ދާއިރާގައި އުޅޭ މީހުންނަށް މިއީ އާ މޫނެއް ނޫނެވެ. ނުފަރިތަ މީހެއް ވެސް ނޫނެވެ. އެންމެން ދަންނަ މޫނެކެވެ. ދެކެ ފަރިތަ ބޭފުޅެކެވެ. ހިތް ހެޔޮ ބޭފުޅެކެވެ. މިއީ ރާއްޖޭގެ އެންމެ ބޮޑު އެއް ޓްރެވަލް ކުންފުނީގެ ވެރިޔާ އެވެ.

"އަޅުގަނޑުގެ ވިސްނުމެއް ނެތް ރިސޯޓު ހެދުމުގެ. އަޅުގަނޑު ބޭނުންވަނީ މި ދާއިރާއިން ކުރިއަށް ދާން،" ޓޫރިޒަމް ދާއިރާ ދޫކޮށްލަފާނެތޯ އެހުމުން ކެޕިޓަލް ޓްރެވަލްގެ ވެރިޔާ ޔޫސުފު ރިފްއަތު (ކެޕިޓަޕް ޓްރެވަލް ރިފްއަތު) ގެ ޖަވާބަކީ މިއީ އެވެ.

އޭނާ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރަން ފެށީ މީގެ 30 ވަރަކަށް އަހަރު ކުރިންނެވެ. އެއީ ރާއްޖޭގެ އެންމެ ބޮޑު އެއް އަމިއްލަ ކުންފުނި ކަމަށްވާ ޔުނިވާސަލް އިން ދިން ފުރުސަތެއްގަ އެވެ. އެ ކުންފުނިން ޓޫރިޒަމް ދާއިރާއަށް މީހުން ތަމްރީން ކުރުމަށް ނެގި ދަރިވަރުންގެ ތެރޭގައި ލައްވާލައިގެންނެވެ.

" އަޅުގަނޑަކަށް މި ދާއިރާއަށް ނުކުމެވުނީ ޔުނިވާސަލް އިން ދިން ފުރުސަތެއްގައި. އެ ކުންފުނިން މީހުން ތަމްރީން ކުރުމަށް ހުޅުވާލި ފުރުސަތުގެ ދަށުން މިގޮތަށް ހުރިހާ ދާއިރާއެއްގެ ޓްރޭނިން ދެމުން ގެންދިޔައީ. އެ ހިސާބުން މި ދާއިރާއަށް ޝައުގުވެރިވީ،" ރިފްއަތު ވިދާޅުވި އެވެ.

ރިފްއަތު ވަނީ ޓްރެވަލް ދާއިރާއިން ގިނަ ތަމްރީން ތަކެއް ފުރިހަމަ ކޮށްފަ އެވެ. ޓޫރިސްޓުންނަށް ހިތްހެޔޮ ކަމާއެކު މުއާމަލާތް ކުރުމުގެ އުކުޅުތަކާއި މި ދާއިރާގެ އެހެނިހެން އުކުޅުތަކަކީ އޭނާ މި ދާއިރާއިން ކުރިއަށް "ދެމިގަތުމުގެ" ބާރެވެ.

"މިހާރު އަޅުގަނޑުގެ ކޮމިއުނިކޭޝަން ވެސް ގިނަ ބަޔަކު ގަބޫލުކޮށްފި. ކަސްޓަމާ ކެއާވެސް ގަބޫލު ކުރޭ،" ރިފްއަތު ވިދާޅުވި އެވެ.

ކެޕިޓަލް ޓްރެވަލް އުފަންވި ދުވަސްވަރަކީ ރާއްޖޭގެ ޓޫރިޒަމްގެ ޅަފަތުގެ ދައުރެވެ. މި ދުވަސްވަރު ޓްރެވަލް ކުންފުނި ހިންގުމުގައި ރިފްއަތު ވަނީ ބޮޑެތި ގުރުބާނީ ތަކެއް ވެފައިވެ އެވެ. ގިނަ މަސައްކަތް ތަކެއް ވެސް ކޮށްފަ އެވެ.

"ކުރިން މަސައްކަތް ފެށިއިރު ރާއްޖޭގައި އުޅެނީ ކުދި ޓުއާ އޮޕަރޭޓަރުން. އޭރު ބޭރުގެ ބޮޑެތި އޮޕަރޭޓަރުން ރާއްޖެ އާދެ ރާއްޖޭގެ އޮޕަރޭޓަރުން ހޯދަން. އޭރު ވަރަށް ބުރަކޮށް މަސައްކަތް ކުރަން ޖެހުނު،" ރިފްއަތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ދުވަސްވަރު އެންމެ ބޮޑު ދަތިކަމެއް ކުރިމަތިވީ ކޮމިއުނިކޭޓް ކުރުމަށް ކަމަށެވެ.

" އޭރު ހުރި އެންމެ ބޮޑު ދައްޗަކީ ކޮމިއުނިކޭޝަން. އެ ދުވަސްވަރު ފެކްސްއެއް ފޮނުވަން ވެސް ނަގާ ގާތްގަނޑަކަށް 100ރ. ވަރު ނޫނީ 300ރ. ވަރު. އެއީ އެންމެ ބޮޑު މައްސަލައެއް ދިމާވީ. އެންމެ ބޮޑު މައްސަލައަކީ ފައިނޭންސް ނެތުން،" ރިފްއަތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކެޕިޓަލް ޓްރެވަލް އުފެއްދި ދުވަސްވަރަކީ ރާއްޖޭގެ ރިސޯޓުތަކުގެ އެނދުތައް ކުޑަ އަގެއްގައި ވިއްކި ދުވަސްވަރު ކަމަށެވެ.

" އޭރު އެނދުތަކުގެ އަގުތައް އުޅެނީ 60 ޑޮލަރާއި 80 ޑޮލަރު ވަރު ފުލްބޯޑް ވިއްކަމުން ދޭ. އޭގެ މާފަހުން އަގު ބޮޑުވެގެން ދިޔައީ،" ރިފްއަތު ވިދާޅުވި އެވެ.

 

"އެކި ގައުމުތަކަށް ދާން ވުމުން އެ ބަހަކުން ފޮތް ތައްޔާރުކުރަނީ. މި މަސައްކަތް ކުރަނީ ވެސް ދިވެހިން. އަޅުގަނޑުގެ ވަޒީފާގައި ގިނައިން އުޅޭނީ ދިވެހިން. ދިވެހި ކުދިން މި ކަމަށް މޮޅު،" ރިފްއަތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޓްރެވަލް ވިޔަފާރީގެ އިތުރުން ޓޫރިޒަމަށް ބޭނުންވާ އެކި ސާމާނު ސަޕްލައި ކުރުމުގެ ވިޔަފާރި ވެސް ފުޅާކޮށް ކުރަމުންނެވެ.

ރިފްއަތު ގަބޫލު ކުރައްވާ ގޮތުގައި ރާއްޖެއަށް އަގު ހެޔޮ ޓްރާންސްޕޯޓް ނިޒާމެއްގެ މުހިންމުކަން ބޮޑެވެ. އެހެން ނޫންނަމަ މާލެއާ ދުރުގައިވާ ރިސޯޓުތަކަށް ބޮޑެތި ގެއްލުންތަކެއް ވާނެ ކަމަށެވެ.

"އަޅުގަނޑު ބުނާނީ ރާއްޖޭގެ ރިސޯޓުތައް އަގު ބޮޑުކޮށް ވިއްކަންޏާ ދުރު ރިސޯޓުތައް ހަމަ ހަލާކު ވެގެންނޭ ދާނީ. ރާއްޖޭގެ ރިސޯޓުތައް މެދު ރޭންޖެއްގައި ބެހެއްޓުން މުހިންމު. ގާތްގަނޑަކަށް 400 ޑޮލަރު ވަރު އެބައަރާ މީހަކު ގޮއްސަ އަންނަން. އެހެން ވީމަ ކޮޓަރިއެއްގައި ދެ މީހުން ތިބޭނަމަ 800 ޑޮލަރު ވަރު އެބަދޭ. މިއީ ވިސްނަން ޖެހޭ ކަމެއް. މިއީ ވަރަށް ބޮޑު އަދަދެއް،" ރިފްއަތު ވިދާޅުވި އެވެ.

އޭނާ ގަބޫލު ކުރައްވާ ގޮތުގައި މުޅިރާއްޖޭގެ ޓޫރިޒަމް ޗައިނާގެ މައްޗަށް ބަރޯސާވެފައި ބޭއްވުމަކީ ބުއްދިވެރި ގޮތެއް ނޫނެވެ.

"ވަރަށް ކުއްލި ކުއްލިއަށް މިވެނި ތަނަކަށް ނުދަން އެލާޓެއް އަޅާ ފިއްޔާ އެ ދިޔައީ ދުވަސް. ވަރަށް ފަހުން ރާއްޖޭގައި މުޒާހަރާތަކެއް ކޮށްގެން ހޮންކޮންގުން އެލާޓެއް އަޅުވާލި އިރަށް އޮކިއުޕެންސީ ދަށް ވެގެން ދިޔައީ. ޗައިނީސް ނިއު އިޔާއަކާ ދިމާކޮށް. މިތަނުގައި މިހާރު މުޒާހަރާ ކުރިއަސް.އެހެންވެ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ހަމައެކަނި ޗައިނީސްއަށް ބަރޯސާވުމަކީ ރަނގަޅު ގޮތެއްނޫން،" ރިފްއަތު ވިދާޅުވި އެވެ.