ހަބަރު

ޝިޕިން އެޖެންސީގެ ލައިސަންސް ކަސްޓަމަށް ހުށަހަޅަން އެދެފި

މޯލްޑިވްސް ކަސްޓަމްސްގައި ރަޖިސްޓަރީކޮށް ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކުން، ޝިޕިން އޭޖެންސީއާ ބެހޭ ގަވާއިދުގައިވާގޮތަށް، ޓްރާންސްޕޯޓް އޮތޯރިޓީއިން ޝިޕިން އޭޖެންސީގެ ހިދުމަތް ދިނުމުގެ ލައިސަންސް ދޫކޮށްފައިވާ ފަރާތެއްކަން އެނގޭނެ ލިޔުމެއް ކަސްޓަމްސް އަށް ހުށަހެޅުމަށް އަންގައިފި އެވެ.

ކަސްޓަމްސް އިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ޝިޕިން އޭޖެންސީގެ ގަވާއިދަށް އަމަލު ކުރަން ފެށުމާއެކު އެގަވާއިދުގައިވާގޮތަށް ޓްރާންސްޕޯޓު އޮތޯރިޓީން، ޝިޕިން އޭޖެންސީގެ ހިދުމަތް ދިނުމަށް ލައިސެންސް ދޫކޮށްފައިވާ ފަރާތެއްކަން އެނގޭނެފަދަ ލިޔުމެއް މިދިޔަ މަހުގެ 26 ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ކަސްޓަމްސް އަށް ހުށަހަޅަންޖެހޭނެ ކަމަށެވެ.

އިއުލާނުގައި ބުނެފައިވަނީ އުޅަނދުފަހަރުގެ އޭޖުންޓުންގެ ލައިސަންސް ހޯދުމަށާއި އުޅަނދު ފަހަރުގެ އޭޖުންޓުންގެ ލައިސަންސް އާކޮށްދިނުމަށް އެދި ކަސްޓަމްސްއަށް ހުށަހަޅާ ކުންފުނިތަކުންވެސް މި ލައިސެންސް ހުށަހަޅާންޖެހޭނެ ކަމަށެވެ.

ޝިޕިން އޭޖެންސީ އާ ބެހޭ ގަވާއިދު ތަސްދީގުކޮށް އަމަލު ކުރަން ފަށާފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ. ނަމަވެސް މި ގަވާއިދާ އެއްގޮތަށް ރާއްޖޭގައި މަސައްކަތްކުރާ އޭޖެންޓް ކުންފުނިތަކުން އަމަލު ކުރަމުން ނުދާ ކަމުގެ ޝަކުވާ މިވަނީ އިތުރުވެފަ އެވެ.