ޖަރުމަން

ލޯ މަގާމުގައި ބަހައްޓަން ނިންމައިފި

ހޫނު ފެނަށް ވެއްޓިފައިވާ، ޖަރުމަންގެ ގައުމީ ޓީމުގެ ކޯޗް ޔޯކިމް ލޯ މަގާމުގައި ބަހައްޓަން ޖަރުމަންގެ އެފްއޭ އިން ނިންމައިފި އެވެ.

ރަޝިއާގައި 2018 ގައި ބޭއްވި ވޯލްޑް ކަޕުން ފެށިގެން ޖަރުމަންގެ ޓީމަށް ވަނީ މައްސަލަ ކުރިމަތި ވެފަ އެވެ. އެފަހަރުގެ ވޯލްޑް ކަޕުން ޖަރުމަން ކެޓީ ގުރޫޕް ސްޓޭޖުންނެވެ. އޭގެ ފަހުން ދެ އަހަރުވީއިރުވެސް ޓީމުގެ މައްސަލަތައް ހައްލު ކުރުމުގައި ލޯ އަށް އެކަށީގެންވާ މަސައްކަތެއް ކުރެވިފައެއް ނުވެ އެވެ.

ޔޫއެފާ ނޭޝަން ލީގްގައި ސްޕެއިން އަތުން 6-0 ގެ ތަފާތު ބޮޑު ނަތީޖާ އަކުން ބަލިވެ ސެމީ ފައިނަލުގެ ފުރުސަތު ޖަރުމަނަށް ބަންދުވި އެވެ. ނޭޝަން ލީގްގައި ކުރިއަށް ދިއުން ބަންދުވުމުން ޔޯގީލޯ ގެ މަގާމާ މެދު ސުވާލު އުފެދުމުން ޖަރުމަންގެ އެފްއޭ އިން ވަނީ އިއްޔަ ލޯ އާއެކު މަޝްވަރާ ކޮށްފަ އެވެ.

މަޝްވަރާތަކަށް ފަހު ޖަރުމަންގެ ފުޓްބޯލް ފެޑްރޭޝަނުން ބުނެފައި ވަނީ، އެންމެ މެޗެއްގެ ނަތީޖާ އަކުން މުޅި ޓީމާއި ޓީމުގެ ކޯޗްގެ ޕާފޯމަންސް ވަޒަން ނުކުރެވޭނެ ކަމަށެވެ. އެހެންވެ ލޯއަށް އިތުބާރު އެބައޮތް ކަމަށް ޖަރުމަންގެ އެފްއޭއިން ބުންޏެވެ.

ބްރެޒިލްގައި 2014 ގެ ބޭއްވި ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ޖަރުމަނަށް ހޯދައިދިން ކޯޗްގެ މިހާރުގެ ކޮންޓްރެކްޓް ހަމަ ވަނީ ގަތަރު ގައި 2022 ގައި ބާއްވާ ވޯލްޑް ކަޕަށް ފަހުގަ އެވެ.