ހަބަރު

ދީނަށް ފުރައްސާރަކުރި މީހާ ހައްޔަރުކޮށް ފިޔަވަޅު އަޅަން ގޮވާލައިފި

ހައްދު ފަހަނައަޅާފައިވާ މީހަކު ސޯޝަލް މީޑިއާގައި އިސްލާމްދީނަށް ކުޑައިމީސްކޮށް، ފުރައްސާރަ އާއި މަލާމާތް ރައްދު ކޮށް އަދި މާތް ނަބިއްޔާއަށް ހަޖޫ ޖަހާފައި ހުރި ބައެއް ޕޯސްޓުތައް ފަތުރަމުންދާތީ އެކަން ބަލާ ފިޔަވަޅު އެޅުމަށް ރައްޔިތުންގެ އިއްތިހާދުން ގޮވާލައިފި އެވެ.

ރައްޔިތުންގެ އިއްތިހާދުގެ ރައީސް އިބްރާހިމް މުހައްމަަދު އިބްރާހިމް ސޮއިކުރައްވާ ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ ފަހުން ފެށިގެން ހައްދު ފަހަނަ އަޅާފައިވާ މީހަކު ސޯޝަލް މީޑިއާގެ އެކި ޕުލެޓްފޯމްތަކުގައި އިސްލާމްދީނަށް ކުޑައިމީސްކޮށް ފުރައްސާރަ އާއި މަލާމާތް ރައްދުކޮށް އަދި މާތް ރަސޫލާ އަށް ހަޖޫ ޖަހާފައި ހުރި ބައެއް ޕޯސްޓުތައް ފަތުރަމުންދާ ކަމަށެވެ. އަދި އެމީހާގެ ސޯޝަލް މީޑިއާ ޕްރޮފައިލްތަކުންނާއި ދައްކާފައިވާ ވާހަކަތަކުން އެއީ އައްޑޫގައި އުޅޭ މީހެއް ކަމުގައި ހާމަވާ ކަމަށެވެ.

"ހަމައެއާއެކު އެ މީހާ އާއި އެމީހާގެ އާއިލާއަށް ނުރައްކާ އޮތް ކަން އެންގުމަށްޓަކައި އައްޑޫގައި ހުންނަ ފުލުހުންގެ މަރުކަޒުން އެމީހާއަށް ޒިޔާރަތްކޮށް މައުލޫމާތު ދީފައިވާ ކަމަށާއި ފުލުހަށް ހާޒިރުވުމަށް ވެސް އަންގާފައިވާ ކަމަށް އެމީހާގެ ޓުވިޓާގައި ބުނެފައިވޭ،"

މި މައްސަލައަކީ މި ފަސްގަނޑުގައި އަޅައި ނުލައި ދޫކޮށްލެވިގެން ވާނެ މައްސަލަ އެއް ނޫން ކަމަށާ އެމީހާ މިހާރުން މިހާރަށް ހައްޔަރުކޮށް، ހައްޔަރުގައި ބަހައްޓައިގެން މައްސަލަ ތަހުގީގު ކޮށްދިނުމަށް ރައްޔިތުންގެ އިއްތިހާދުން ވަނީ އެދިފައެވެ.

"އަދި ޝަރުއީ ގޮތުން އެ ފަދަ ކަންކަމަށް މާތް ﷲ ބާވައިލައްވާފައިވާ ހުކުމްފުޅު ތަންޒީޒު ކުރުމަށްޓަކައި ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވައި ދެއްވުމަށް ރައްޔިތުންގެ އިއްތިހާދުގެ ފަރާތުން އެދި ހުށައަޅަން،"

ރައްޔިތުންގެ އިއްތިހާދުން ބުނީ މިފަދަ ކަންކަން ތަރުކާރު ވެގެން ދަނީ އެފަދަ ކަންކަން ކުރާ މީހުންނާ މެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި މާ ބޮޑަށްވެސް ލަސްވެ ކަންކަން ދިގުލައިގެން ދާތީ ކަމަށެވެ.

މީގެ ކުރިން ނައިފަރަށް ނިސްބަތްވާ ހައްދު ފަނައަޅާފައިވާ އަންހެނަކު ވެސް ވަނީ އެކި ފަހަރު މަތިން އިސްލާމްދީން ގަބޫލު ނުކުރާ ކަމަށް ބުނެ ސޯޝަލް މީޑީއާގައި ތަފާތު ޕޯސްޓްތައް ކޮށްފައެވެ. އޭނާ ރާއްޖޭގައި ހުރެގެން އެފަދަ ކަންކަން ކުރަމުން ގެންދާތީ އޭނާ ހައްޔަރުކޮށް ފިޔަވަޅު އެޅުމަށް އެތަށް ބަޔަކު ގޮވާލިއެވެ. ނަމަވެސް ރާއްޖެ ދޫކޮށްދާކަަން އިއުލާނުކޮށް ބޭރުގެ އެހީއަށް އެދި އޭނާ ރާއްޖެއިން ފުރައިގެން ދިޔައިރުވެސް އެކަންކަން ހުއްޓުވަން، އަދި އޭނާ ހުއްޓުވަންވެސް ކަމާބެހޭ އިދާރާތަކުން އެއްވެސް ކަމެއް ކޮށްފައެއް ނުވެއެވެ. ބޭރުގައި ހުރެގެންވެސް އޭނާ ދަނީ ދީނަށް ފުރައްސާރަކޮށް ވީޑިއޯ އާންމު ކުރަމުންނެވެ.

ދާދި ފަހުން އިންޑިއާ މީހަކުވެސް ވަނީ މަސްތުގެ ހާލުގައި ހުރެ މަގުމައްޗަށް ނިކުމެ ދީނަށް ހުތުރު ބަސްތައް ރައްދުކޮށްފައެވެ. އެ މީހާ އެކަން ކުރީ ފުލުހުންގެ އެތަށް ބައެއްގެ ކުރިމަތީގައެވެ. ހައްދު ފަހަނަ އެޅި އެ މީހާއަށްވެސް ފިޔަވަޅު އެޅުމެއް ނެތި ފުލުހުން ބުނީ އޭނާ ޑީޕޯޓް ކޮށްލައިފި ކަމަށެވެ.