ސްކޫލް ދަރިވަރަކު އަންހެން ކުއްޖަކު ރޭޕް ކުރި ކަމަށް ބުނާ މައްސަލައެއް އެޑިއުކޭޝަން މިނިސްޓްރީން ބަލަން ފަށައިފި އެވެ.
މާލޭގައި ހުންނަ އިންޓަނޭޝަނަލް ސްކޫލެއްގައި ތައުލީމު ހާސިލް ކުރަމުންދާ ފިރިހެން ދަރިވަރަކު އޭނާ މީގެ ކުރިން އަންހެން ކުއްޖަކު ރޭޕްކުރި ކަމަށް އެއްބަސްވެފައިވާ ޗެޓް ލޮގްތަކެއްގެ ސްކްރީންޝޮޓްތަކެއް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފަ އެވެ. މި ކަން ކޮށްފައިވަނީ އުމުރުން 15 އަހަރުގެ ސްކޫލް ދަރިވަރެއް ކަމަށް މައުލޫމާތު ލިބެ އެވެ.
މި މައްސަލަ އާއި ގުޅިގެން ގފިނަ ބަޔަކު އެޑިއުކޭޗަން މިނިސްޓްރީއަށް ފާޑު ކިޔަމުން ދަނިކޮށް އެ މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ އެ މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި މިހާރު ބަލަމުންދާ ކަމަށް ވެސް އެ މިނިސްޓްރީން ކޮށްފައިވާ ޓްވީޓުގައި ބުނެފައިވެ އެވެ.
މި މައްސަލަ އާއި ގުޅިގެން ފުލުހުންނާއި ޖެންޑާ މިނިސްޓްރީގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ދައުރުވަމުންދާ ޗެޓްލޮގް ތަކުގައި ފިރިހެން ދަރިވަރު ބުނެފައި ވަނީ އޭނާ މިދިޔަ އަހަރު ކުއްޖަކު ރޭޕް ކޮށްފައިވާ ކަމަށެވެ. އަދި އެކަމާ އޭނާ މައާފަށް އެދޭ ކަމަށެވެ.