ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ހުރިހާ ރަށެއްގައި މާސްކު އެޅުން މަޖުބޫރުކޮށްފި

Dec 2, 2020
2

ރާއްޖޭގައި ކަރަންޓީން ވާން ޖެހޭ މުއްދަތު 14 ދުވަހުން 10 ދުވަހަށް ކުރުކޮށް، ކޮވިޑް-19 އާ ގުޅިގެން އަމަލުކުރާ އުސޫލު ބަދަލުކޮށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިއުލާނު ކޮށްފި އެވެ.

މީގެ އިތުރުން، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އަދި އެއާޕޯޓް ހިންގާ ހުރިހާ ރަށެއްގައި ވެސް މީހުން ބޭރުގައި އުޅެންޖެހޭނީ މާސް އަޅައިގެން ކަމަށް ވެސް އެޗްޕީއޭއިން ވަނީ ކަނޑައަޅައިފަ އެވެ.

އެޗްޕީއޭ އިން ކުރި އިއުލާނުގައި ބުނެފައިވަނީ މިގޮތަށް އަމަލުކުރަން ފަށާނީ އަންނަ ހުކުރު ދުވަހުން ފެށިގެން ކަމަށާއި އޭގެ ކުރިން ގޮސް ކަރަންޓީނުވެފައިވާ މީހުން 14 ދުވަސް ހަމަކުރަން ޖެހޭނެ ކަމަށެވެ.

ނަމަވެސް، ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނާއި، ޕޮޒިޓިވް މީހަކާ ޑައިރެކްޓް ކޮންޓެކްޓްވާ މީހުން އަދިވެސް 14 ދުވަހު ކަރަންޓީނުގައި ހުންނަން ޖެހޭނެ ކަމަށްވެސް ބުނެފައިވެ އެވެ.

މީގެ އިތުރުން، ކޮންމެހެން ދޭންޖެހޭ ހިދުމަތެއް ދިނުމަށާއި އެކިއެކި މަޝްރޫއުތަކުގެ މަސައްކަތް ހިންގުމަށް ހުއްދަ ލިބިގެން ކުރު މުއްދަތަށް މާލެއިން އަތޮޅު ތެރެއަށް ދަތުރުކުރާ ފަރާތްތައް 72 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރް ނަތީޖާއަކާއެކު ދަތުރުކުރެވޭ ގޮތަށް އުސޫލު ވަނީ ބަދަލުކޮށްފައި އެވެ.

މިގޮތަށް ހެދޭ ޓެސްޓަށް ހަރަދު ކުރަންވާނީ ދަތުރުކުރާ ފަރާތުން ނުވަތަ ދަތުރުގައި ބައިވެރިވާ ފަރާތްތަކަށް ޒިންމާވާ ކުންފުންޏަކުން ނުވަތަ އޮފީހަކުންނެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 1،027 މީހުންނެވެ. މިހާތަނަށް 11،968 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފައެވެ. ކޮވިޑްގައި 47 މީހަކު ވަނީ މަރުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 89 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

އަތޮޅުތަކުން 15 ރަށެއްގައި 15 މީހަކަށް ބަލިޖެހިފައި ވެއެވެ.