ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ސްރީ ލަންކާ އެއާޕޯޓް ޖެނުއަރީގައި ހުޅުވޭތޯ ބަލަނީ

ސްރީ ލަންކާ އެއާޕޯޓް ޖެނުއަރީގައި، ޓޫރިސްޓުންނަށް ހުޅުވާލެވޭތޯ ބައްލަވަމުން އަންނަ ކަމަށް، ސްރީ ލަންކާ ޓޫރިޒަމް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެސްއެލްޓީޑީއޭ) ގެ ޗެއާމަން، ކިރްމަލީ ފެނާންޑޯ ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ކޮވިޑް-19 މާހައުލެއްގައި، ޓޫރިސްޓުންނާ މެދު އަމަލުކުރެވެން ހުރި ގޮތްތަކެއްގެ މައްޗަށް ގަވާއިދުތަކެއް ހަދަމުން އަންނަ ކަމަށެވެ.

ފެނާންޑޯ ވިދާޅުވީ، ކަރުދާސް ކުރެވިފައި ހުރި ނުކުތާތަކުގެ ތެރޭގައި، ފުރަތަމަ ހިމަނާފައި ވާނީ ޖެނުއަރީ އެކެއްގައި އެއާޕޯޓް ހުޅުވުމެވެ. އަދި ހުއްދައަށް އެދި ތަފުސީލް ލިޔުންތައް ސިއްހީ އިދާރާތަކަށް ހުށަހަޅާފައި ވާނެ ކަމަށެވެ.

އިލެކްޓްރޯނިކް ޓްރަވެލް އޮތޮރައިޒޭޝަން ސިސްޓަމް މެދުވެރިކޮށް އޮންލައިން ވިސާ ހޯދުމުގައި ކޮންމެހެން ފުރިހަމަ ކުރަން ޖެހޭ ކަންތައްތައް ހިމަނާފައި ވާނެ އެވެ. އޭގެ ތެރޭގައި ކަރަންޓީންގެ 14 ދުވަހާއި، ކަރަންޓީންވުމަށް ކަނޑައަޅާ ތަންތަނާއި ތަކެތި ހިމެނެ އެވެ. މި އުސޫލުތަކަށް އަމަލު ކުރެތޯ ހެލްތު މިނިސްޓްރީން ބަލާނެ އެވެ.

ފެނާންޑޯ ވިދާޅުވީ، ގަވާއިދުތައް ތަންފީޒު ކުރާނީ ޓޫރިސްޓުން ތިބޭ މުއްދަތަށް ބަލައިގެން ކަމަށެވެ. އެ ގޮތުގައި، މުއްދަތު އިތުވާ ނިސްބަތުން އެކޮމޮޑޭޝަން އިޚުތިޔާރު ކުރުމަށާއި، ހެލިފެލިވެ އުޅުމަށް ޓޫރިސްޓުންނަށް ލުއި ދެވޭނެ އެވެ. އެހެން ނަމަވެސް، ތިބެވޭނީ "ކޭޕީއެމްޖީ"ން ރައްކާތެރިކަށް ކަށަވަރުކޮށްފައި ހުރި ތަންތަނުގައި ކަމަށެވެ.

ސްރީލަންކާ އެއާޕޯޓް ޓޫރިސްޓުން ހުޅުވާލުމަށް މަޝްވަރާކުރަމުން އަންނައިރު، ރައްކާތެރިކަމުގެ ގޮތުން ސިއްހީ އިދާރާތަކުން ލާޒިމްކުރާ ހުރިހާ ގަވާއިދަކަށް ރިއާޔަތްކުރެވޭނެ އެވެ. އޭގެ ތެރޭގައި ސީޕީއާރު ޓެސްޓް ރިޕޯޓް އަދި ހެލްތު ޑިކްލަރޭޝަން ފޯމް ހުށަހެޅުން ވެސް ހިމެނޭ ކަމަށް ފެނާންޑޯ ވިދާޅުވި އެވެ.