ހަބަރު

ނުކުޅެދޭ މީހުންގެ ހައްގު ގެއްލިގެން ހަތަރު އަހަރު ތެރޭގައި 72 މައްސަލަ

Dec 2, 2020

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ގެއްލިގެން މިދިއަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި 72 މައްސަލައެއް އެޗްއާރްސީއެމަށް ހުށަހަޅާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ބައިނަލްއަގްވާމީ ދުވަހުގެ މުނާސަބަތުގައި އެ ކޮމިޝަނުން ނެރުނު ސްޓޭޓްމެންޓެއްގައި ބުނެފައި ވަނީ އެ ކޮމިޝަނުން ބަލައިފައިވާ މައްސަލަތަކުގެ ތެރޭގައި، އާއިލާގެ ފަރާތުން ލިބެންޖެހޭ އަޅާލުން ނުދިނުމާއި، އިހުމާލުގެ މައްސަލަތަކާއި އަދި އާއިލާއިން އެދިގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ދައުލަތުގެ ބެލުމުގެ ދަށަށް ބަދަލު ކޮށްދިނުމަށް އެދި ހުށަހަޅައިފައިވާ މައްސަލަތައް ހިމެނޭ ކަމަށެވެ.

މީގެއިތުރުން، ދައުލަތުން އިހުމާލުވެފައިވާ މައްސަލަތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ލިބެންވާ މާލީ އެހީތެރިކަން ނުލިބިގެން ހުށަހަޅާފައިވާ މައްސަލަތަކާއި އަދި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މަރުވުމުގެ ސަބަބުން ބަލާފައިވާ މައްސަލަތައް ވެސް ހިމެނެއެވެ.

އެ ބަޔާނުގައި ބުނަނީ ކޮވިޑް19 އާ ގުޅިގެން ޔޫއެންޑީޕީއިން ތައްޔާރުކޮށްފައިވާ "އެޑްރެސިން ދަ ސޯޝިއޯ އިކޮނޯމިކް އިމްޕެކްޓް އޮފް ކޮވިޑް-19 އޮން ދަ މޯލްޑިވްސް" ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ ކޮވިޑް-19 އިގެ ނުރައްކާ ބޮޑު ބައެކެވެ.