ހަބަރު

މަރުހަބާ ކިޔަން ދަރިވަރުން ނެރެން ނާންގަން: ރައީސް އޮފީސް

ދައުލަތުގެ އިސް ވެރިން ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި މަރުހަބާ ދެންނެވުމަށް ރަށްރަށުގެ ސްކޫލް މަދަރުސާތަކުގެ ދަރިވަރުން ނެރެގެން އެއްވެސް ހަރަކާތެއް ހިންގުމަކީ ސަރުކާރުން ތަރުހީބުދޭ ކަމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފި އެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލްގައި ސީޓީ ސްކޭންގެ ހިދުމަތް ފައްޓަވައި ދެއްވުމަށާއި ގަމު ތިން އަވަށުގެ ކަރަންޓް އެއް ވިއުގައަކުން ގުޅާލުމާއި ގަމު ޒޯން ސްޓޭޑިއަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މާދަމާ ލ އަތޮޅަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އެ ރަސްމިއްޔާތުގައި ބައިވެރިވުމަށް ވީހާވެސް ގިނަ ދަރިވަރުން ނެރެދިނުމަށް އެދި ގަމުގައި ހުންނަ ހަމަދު ބިން ހަލީފާ ސުކޫލުގެ ޕްރިންސިޕަލަށް، ގަމު ކައުންސިލްގެ ރައީސް ފޮނުވާފައިވާ ސިޓީއެއް ވަނީ ސޯޝަލް މީޑިއާފައި އާންމުވެފައެވެ. އެ ކަމާއި ގުޅިގެން އިދިކޮޅުގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ. މި ސަރުކާރުގައި އިސްކޮށް ތިއްބެވި ބޭފުޅުން އިދިކޮޅުގައި ތިއްބެވި ދުވަސްވަރު ރައީސް ޔާމީންގެ ސަރުކާރުން ބޭއްވި ޖަލްސާތަކަށް މަޖުބޫރު ކޮށްގެން ސުކޫލް ކުދިން ނެރުވާ ކަމަށް ބުނެ ވަރަށް ބޮޑަށް ފާޑުކިޔެވެ. އަދި އެކަންކަން މި ސަރުކާރުގައި ނުކުރާނެ ކަމަށް ވަނީ ބުނެފައެވެ.

ފާޑުކިޔުންތައް އަމާޒުވުމުން ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު މިއަދު ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ ދައުލަތުގެ އިސް ވެރިން ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި މަރުހަބާ ދެންނެވުމަށް ރަށްރަށުގެ ސްކޫލް މަދަރުސާތަކުގެ ދަރިވަރުން ނެރެގެން އެއްވެސް ހަރަކާތެއް ހިންގުމަކީ ސަރުކާރުން ތަރުހީބުދޭ ކަމެއް ނޫން ކަމަށެވެ.

"އެފަދަ އެއްވެސް ހަރަކާތެއްގައި ސްކޫލް މަދަރުސާތަކުގެ ދަރިވަރުން ބައިވެރި ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންވެސް އަދި ސަރުކާރުގެ އެއްވެސް ވުޒާރާއަކުން ވެސް އެއްވެސް ރަށެއްގެ ސްކޫލް މަދަރުސާ އަކަށް އަދި އެއްވެސް ކައުންސިލަކަށްވެސް އަންގައިފައެއް ނުވާނެ،" ހޫދު ވިދާޅުވިއެވެ.

އަދި މިފަދަ ހަރަކާތްތަކުގައި ސުކޫލު މަދަރުސާތަކުގެ ދަރިވަރުން ބައިވެރި ނުކުރުމަށް ކަމާބެހޭ އިދާރާތަކަށް ރައީސް ސޯލިހް އިލްތިމާސް ކުރައްވާފައިވާ ކަމަށްވެސް ހޫދު ވިދާޅުވިއެވެ.