ކުޅިވަރު

ސަސްގެ ސޮޕޮންސަރުން: ފަތަހަ އަދި މޯލްޑިވް ވޭވް

ފުރަތަމަ ޑިވިޝަންގައި މުޅިން އަލަށް ވާދަ ކުރަން ތައްޔާރު ވަމުން އަންނަ، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސްޕަޓީސް) ގެ މެއިން ސްޕޮންސަރަކަށް ލޯކަލް ވިޔާފަރި ބުރޭންޑް "ފަތަހަ" އަދި ކޯ ސްޕޮންސަރުންގެ ގޮތުގައި އަތުކުރި ގަޑީގެ ބްރޭންޑް "މޯލްޑިވް ވޭވް" ހަމަޖައްސައިފި އެވެ.

މިދިޔަ ސީޒަންގެ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ފައިނަލުން ޖާގަ ހޯދައި، ފުރަތަމަ ޑިވިޝަނަށް ކޮލިފައިވި ސަސް، ދިވެހި ޕްރިމިއާ ލީގްގައި ވާދަ ކުރަން ނުކުންނަނީ އުނދަގޫ ހާލަތެއްގައި ދިވެހި ކުލަބުތައް އޮތް ދުވަސް ވަރެއްގަ އެވެ. މިދިޔަ ދެ އަހަރަށް ބަލާއިރު އެފްއޭއެމް އިން ދޭ މާލީ އެހީ ފިޔަވައި އެހެން ގޮތަކުން ފައިސާ ހޯދޭނެ ގޮތެއް ގިނަ ކުލަބުތަކަކަށް ނުހޯދުނެވެ.

މާޒިޔާ ފިޔަވައި ބޮޑު ސްޕޮންސަރުންތަކެއް ލިބުނު ކުލަބެއް މިދިޔަ ސީޒަންގައި ނެތެވެ. ލީގްގައި މުޅިން އަލަށް ވާދަ ކުރަން ސަސް ނުކުންނަނީ ވިޔަފާރީގެ ވަރުގަދަ ދެ ބުރޭންޑެއްގެ ސްޕޮންސާޝިޕާ އެކު އެވެ. ކުލަބު މެނޭޖަރު އިސްމާއީލް ތޯރިގް ވިދާޅުވީ، ކުލަބުގެ މެއިން ސްޕޮންސާ "ފަތަހަ" އަކީ ކުލަބު ނިސްބަތްވާ މައްޗަންގޮޅީގެ ކުންފުންޏެއް ކަމަށް ވުމުން އެ ކުންފުންޏާއެކު ރަނގަޅު ގުޅުމެއް އޮންނަ ކަމަށެވެ.

"އޮންނަ ގުޅުން އެކަންޏެއް ނޫން އަޅުގަނޑުމެން ހުށަހެޅި ޕްރަޕޯސަލް ކަމު ދިއުމުން ފަތަހައިން ސްޕޮންސާޝިޕް އެޕްރޫވް ކުރީވެސް،" ތޯރިގް ވިދާޅުވި އެވެ. "ކޯ ސްޕޮންސަރެއްގެ ގޮތުގައި މޯލްޑިވް ވޭވްވެސް ހަމަޖެހިގެން ދިޔައީ އެ ކޮޅަށް [މޯލްޑިވް ވޭވް އަށް] އަޅުގަނޑުމެން ހުށަހެޅި ޕްރަޕޯސަލްއަށް އެބޭފުޅުން ޝައުގުވެރި ވުމުން."

އޭނާ ވިދާޅުވީ، ކޯ ސްޕޮންސަޝިޕްގެ ދަށުން އެހެން ކުންފުނިތަކަށްވެސް ޕްރަޕޯސަލް ހުށަހަޅާފައިވާނެ ކަމަށާއި ބައެއް ކުންފުނިތަކުން މިހާރުވެސް ފެހި ސިގުނަލް ދީފައިވާ ކަމަށެވެ. ސަސްގެ ޖޯޒީގެ ކުރިމަތީގައި ޖަހާނީ "ފަތަހަ" އިގެ ކުޑައިގެ ދަށުން ހިންގާ އެއް ފިހާރަ ކަމަށްވާ "ފަތަހަ މޯލް" ގެ ނަމެވެ. ކުލަބަށް ފައިސާ ހޯދުމަށް "ސަސް" ކޮފީ ކުލަބުގެ ނަމުގައި އެ ކުލަބުގެ އިސްވެރިންގެ ހިއްސާވާ ކޮފީ ޝޮޕެއް މައްޗަންގޮޅި ކާމިނީ މަގުގައި ވަނީ ހުޅުވާފަ އެވެ.

ފުރަތަމަ ޑިވިޝަންގައި ކުޅުނު ތަޖުރިބާކާރު ކުޅުންތެރިންނާއި ޒުވާން ގިނަ ކުޅުންތެރިންނާއެކު ސަސް ވަނީ ރަނގަޅު ޓީމެއް އެކުލަވާލާފަ އެވެ. އެ ކުލަބުގެ އަމާޒަކީ ގަދަ ހައެއްގެ ތެރެއަށް ވަނުމެވެ.

އެ ޓީމުގެ ކޯޗަކަށް ހަމަޖައްސާފައި ވަނީ މީގެ ކުރިން ފުރަތަމަ ޑިވިޝަންގައި މަސައްކަތް ކުރި ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކުރީގެ ކޯޗް އަހްމަދު ނާޝިދު (ނާދު) އެވެ. އޭނާގެ އެސިސްޓެންޓްގެ ގޮތުގައި މަސައްކަތް ކުރާނީ ދެ ވަނަ ޑިވިޝަންގައި ދަ ގުރާންޑޭ އަދި ކުލަބު ޕީކޭއަށް ކުރިން ކޯޗްކޮށް ދިން 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކުރީގެ އެސިސްޓެންޓް ކޯޗް ފަރީދު މުހައްމަދު (ފަރިއްޓޭ)، ކުރިން ނިއު ރޭޑިއަންޓާއި ޔުނައިޓެޑް ވިކްޓަރީ އަދި ސީނިއާ ގައުމީ ޓީމުގެ ގޯލް ކީޕަރު ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރި ހަސަން ހަމީދު (ޑަކޭ) އެވެ.