ދުނިޔެ

ވާދަވެރިކަން ބިމުން ހަވައަށް، ހަނދުން ފަސްނަގަނީ!

އެމެރިކާގެ އުޅަނދުތައް މާސްގައި ވަޅު ކޮންނަނީ އެވެ. ފެންފޮދެއް އަތުޖެހޭތޯ އެވެ. އިންސާނީ ދަރިފަސްކޮޅު ގޮވާން ކުރަން، މާސް އަށްވުރެ ކަމުދާ ބިމެއް ސައިންސްވެރިންގެ ނަޒަރުގައި ނެތެވެ. ޖަޕާނުގެ އުޅަނދެއް ގިނަހިލައަކުން ސާމްޕަލް ނަގައިގެން އެބަ އާދެ އެވެ. އަންނަ އާދީއްތަ ދުވަހުގެ ވަގުތެއްގައި، އޮސްޓްރޭިޔާއާ މާ ދުރު ނޫން ހިސާބަކުން މި އުޅަނދު އިންސާނުންގެ އަތުގައި ޖެހޭނެ އެވެ. އެމެރިކާގެ އުޅަނދަކުން ވެސް ވަނީ ގިނިހިލައަކުން ސާމްޕަލް ނަގާފަ އެވެ.

އެމެރިކާ އާއި ރަޝިޔާއާ ދެމެދު ހިނގައިދިޔަ ފިނި ހަނގުރާމައިގެ ދުވަސްވަރު، މި ދެ ގައުމުން ވެސް ވަނީ ހަނދަށް އަރާފަ އެވެ. އެބައި މީހުންގެ ތެރެއިން ކޮންމެވެސް ބަޔަކު ހަނދުން ގެނައި ގާކޮޅެއް، ސަލްޓަން ޕާކްގައި ހުންނަ ދާރުލްއަސާރުގައި، ބިއްލޫރި ކޮއްޓެއްގެ ތެރެއިން ދުށީމެވެ. ހަނދަށް ގެންގޮސް ގެނައި ދިވެހި ދިދައެއް ވެސް އެ ކޮށި ތެރޭގައި އޮތެވެ.

ޖައްވުން ކުނިހޮވަން "ދަތްޕިލަ" އެއް ފޮނުވަން ޔޫރަޕިއަން ސްޕޭސް އޭޖެންސީން އެބަ ރާވަ އެވެ. އިންސާނުންގެ ޚިދުމަތުގައި ދުނިޔެ ވަށައި އެނބުރޭ ސެޓެލައިޓަށް ވުރެ، ދުނިޔެ ވަށައި ބުރުޖަހާ ކުނިބުނި ގިނަ އެވެ. މި ތަކެތި އަތުގަލައިގަތުމަށް ޖަޕާނުގެ ވިސްނުމަކީ އިލެކްޓްރޯނިކް ދަލެއް އުދުއްސާލުމެވެ.

އެމެރިކާގެ މަހުޖަނު، އީލަން މަސްކު 2021 ގައި ހަނދުގައި ކާރު ރޭހެއް ބާއްވާނެ އެވެ. ރިމޯޓް ކާރު ރޭހެކެވެ. އޭނޭ ނަޒަރުގައި ހަނދަކީ މި ކަހަލަ ކުޅިވަރުތަކަށް ވެސް ފައްކާ ރޭސް ޓްރެކެކެވެ.

ޗައިނާގެ ދެ އުޅަނދު މި ވަގުތު ހަނދުގައި އެބަ އޮތެވެ. ހަނދުގެ ބިއްދޮށުގައި ދުނިޔެއަށް ނުފެންނަ ފަޅީގައި ޗައިނާއިން މުޑުވައްކޮށްފި އެވެ. އެހެން ނަމަވެސް، ދުނިޔެއާ އެއްފަަދައިން ގަަސްގަހާގެހި ހަނދުގައި ހެއްދޭނެ ގޮތެއް އިންސާނުންނަކަށް އަދި ނޭގެ އެވެ.

ޗައިނާގެ އެހެން އުޅަނދަކުން ހަނދު ތޮރުފަން ފަށައިފި އެވެ. ބޭނުމަކީ ދެކިލޯ ވެލި، ގަލާއި ހިރަފުހާ އެކު ބިމަށް ގެނައުމެވެ.

ޗައިނާ އުޅަނދުން ގެނަން ވެލިން އެންމެ ފަުރަތަމަ ވެސް ކުރާނެ ކަމެއް ކަމަށް ބެވެލެވެނީ، މީގެ ކުރިން ހަނދުން ގެނެސްފައި ހުރި ވެއްޔާ އަޅާކިޔުމެވެ. އެއީ ހަމަ ހަގިގަތުގައި ވެސް ހަނދުން ގެނައި ވެލިތޯ ބެލުމެވެ. އެއް ބޭނުމަކީ ގިނަ ބައެއްގެ ހިތުން ޝައްކު ފިލުވުމެވެ. އެމެރިކއާ ރަޝިޔާ ހަނދަށް ދިޔަ ވާހަކަ އަކީ ގިނަ ބައެއްގެ ނަޒަރުގައި ފުލޯކެވެ.