ވިޔަފާރި

ބީއެމްއެލް މުވައްޒަފުން ސައިން ލޭންގުއޭޖު ދަސްކުރަނީ

Dec 4, 2020

ގައުމީ ބޭންކް ބީއެމްއެލްގެ މުވައްޒަފުންނަށް ސައިން ލޭންގުއޭޖު ދަސްކޮށް ދޭން ނިންމައިފި އެވެ.

ނުކުޅެދުންތެރިކަން ހުންނަ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބީއެމްއެލް އިން ހިންގި ހަރަކާތްތަކާ ބެހޭ ގޮތުން އެ ކުންފުނިން ބުނި ގޮތުގައި، އަޑުއިވުމާއި ވާހަކަ ދެއްކުމުގައި ދަތިކަން ހުންނަ މީހުންނަށް ހިދުމަތް ހޯދުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމުގެ ބޭނުމުގައި ބޭންކުގެ މުވައްޒަފުންނަށް ސައިން ލެންގުއޭޖް ޓްރެއިނިން އެއް ހިންގަން ނިންމާފައިވާ ކަމަށެވެ.

ބީއެމްއެލް އިން ވަނީ އަޑުއިވުމުގެ ދަތިކަން ހުންނަ ފަރާތްތަކުގެ ހައްގުގައި މަސައްކަތް ކުރާ ޑެފް އެސޯސިއޭޝަނަށް 30،000 ރުފިޔާ ހަދިޔާ ކޮށްފަ އެވެ. އެ ފައިސާ ބޭނުންކުރާނީ އެ ޖަމިއްޔާ އިން ހިންގާ ހަރަކާތްތައް ކުރި އަށް ގެންދިޔުމަށެވެ.

އެ ޖަމިއްޔާގެ މެންބަރުންވަނީ ބޭންކުގެ މެއިން ބްރާންޗަށް ޒިޔާރަތްކޮށް ބޭންކުގެ ބައެއް މަސައްކަތް ހިނގާ ގޮތް ބަލައި މުވައްޒަފުންނާއެކު ވަގުތު ހޭދަކޮށްފަ އެވެ.

މި ދުވަސް ފާހަގަކުރުމަށް ކުރިއަށް ގެންދެވުނު އިތުރު ހަރަކާތްތަކުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ، ހިނގާ ބިނގާވެ އުޅުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އިތުރު މޮޓޮރައިޒްޑް ވީލްޗެއާ ވެސް ހަދިޔާ ކުރުން ހިމެނެ އެވެ. މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް 125 އަށް ވުރެ ގިނަ ވީލްޗެއާ ވަނީ ހަދިޔާކޮށްފަ އެވެ.

މި އަހަރު ޖަނަވަރީ މަހު ބޭންކުން ވަނީ ރާއްޖޭގެ 10 ސްކޫލެއްގެ ސެން ކްލާސްތަކުގައި ކިޔަވަމުންދާ 300 އެއްހާ ކުދިންނަށް ކިޔަވައިދިނުމަށް އިތުރު ލުއި ފަސޭހަ ތަކެއް ހަމަޖައްސައިދިނުމުގެ ގޮތުން ކިޔަވައިދިނުމަށް ބޭނުންވާ ހާއްސަ ތަކެތި ވެސް ހަދިޔާކޮށްފަ އެވެ.