ނުވަ މަސް ދުވަހުގެ މެދުކެނޑުމަކަށް ފަހު ސަޕޯޓަރުން ވައްދައިގެން ކުޅުނު ފުރަތަމަ މެޗުގައި އާސެނަލްއިން އޮސްޓްރިއާގެ ރެޕިޑް ވިއޭނާގެ މައްޗަށް 4-1 މޮޅުވެއްޖެ އެވެ.
ސަޕޯޓަރުން ދަނޑަށް ވަނުމުން ސެނިޓައިޒް ކުރެވުނެވެ. ސޯޝަލް ޑިސްޓެންސް ދެވުނެވެ. މިއީ ދަނޑަށް ވަން އާސެނަލްގް ޕްލެޓިނަމް އަދި ގޯލްޑް ކެޓަގަރީގެ ސަޕޯޓަރުން މީގެ ކުރިން ތަޖުރިބާ ކުރި ކަމެއް ނޫނެވެ. އެހެން ނަމަވެސް ނުވަ މަސް ދުވަހުގެ މެދުކެނޑުމަކަށް ފަހު އެމިރޭޓްސް ސްޓޭޑިއަމްއަށް ވަން 2000 ސަޕޯޓަރުންނަށް ލިބުނީ ބޮޑު ހިތްހަމަ ޖެހުމެކެވެ.
އާސެނަލްގެ ފުރަތަމަ ލަނޑު ޖެހުމަށް ފަހު އެލެގްޒެންޑާ ލަކެޒެޓަށް ވެސް އެ ފޯރި އަ އެވެ. ސަޕޯޓަރުންގެ ފޯރި ދިނުމުން އޭނާއަށް ވެސް ތަފާތު ރޫހެއް އައި ކަހަލަ އެވެ. އެންމެ ފަހު ޕްރިމިއާ ލީގްގައި ކުޅުނު މެޗުތަކުގައި އާސެނަލްގެ ޓީމު އުނިވި ކަންކަން މެޗުގައި ވަރަށް ރަނގަޅަށް ރިކާވާ ކުރި އެވެ. ސަޕޯޓަރުން ދަނޑަށް ވަދެ ދިން ފޯރީގެ ނަތީޖާ އެވެ.
ސަޕޯޓަރުން ތިބެގެން އާސެނަލް މެޗެއްގައި އެންމެ ފަހުން ލަނޑު ޖެހި ކުޅުންތެރިޔަކީ ލަކެޒެޓް އެވެ. އެއީ 271 ދުވަސް ކުރިން ވެސްޓްހަމް އާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އަލުން ސަޕޯޓަރުން ދަނޑަށް ވަން މެޗު ފަށައިގެން 10 މިނެޓް ތެރޭ ލަކެޒެޓް ލަނޑު ކާމިޔާބު ކުރި އެވެ.
އޭގެ އަށް މިނެޓް ފަހުން ވިލާ ޕަބެލޯ މާރީ ވަނީ ވަނީ އާސެނަލްގެ ދެ ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން އެޑީ ނިކާތިއާ ވަނީ އާސެނަލްގެ ތިން ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ. ދެ ވަނަ ހާފަށް ނުކުމެ ރެޕިޑް ވިއޭނާގެ ކޮޔާ ކިޓަގަވާ ވަނީ އެ ޓީމުގެ ހަމައެކަނި ލަނޑު ކާމިޔާބު ކޮށްފަ އެވެ. އާސެނަލްގެ ހަތަރު ވަނަ ލަނޑު އެމިލީ ސްމިޓް ރޯ ކާމިޔާބު ކުރީ 66 ވަނަ މިނެޓްގަ އެވެ.
"މިއީ ވަރަށް ހާއްސަ މެޗެއް،" ސަޕޯޓަރުން ދަނޑަށް ވައްދައިގެ ކުޅެން ފުރުސަތު ލިބުމުން އާސެނަލްގެ ކޯޗް މިކަލް އާޓެޓާ ބުންޏެވެ. "އަހަރެން ވަރަށް އުފާވޭ ސަޕޯޓަރުން އެނބުރި ދަނޑަށް ވަންނަން ފުރުސަތު ލިބުމުން. އެމީހުން ވަރަށް ބޮޑަށް މި މެޗުގައި ހިއްސާވި. އަހަރެމެންގެ 2000 ސަޕޯޓަރުން ދަނޑުގައި ތިއްބަސް ހީވަނީ ވަރަށް ބައިވަރު ތިބިހެން."
އޮސްޓްރިއާގެ ލާސްކް ލިންޒް އާ ދެކޮޅަށް 3-3 އެއްވަރު ކޮށް، ޓޮޓެންހަމް ހޮޓްސްޕާސް ވެސް ވަނީ އަނެއް ބުރުން ޖާގަ ހޯދާފަ އެވެ. އެ މެޗުގައި ޕެނަލްޓީން ގެރެތު ބޭލް ކާމިޔާބު ކުރި ލަނޑަކީ އޭނާގެ 200 ވަނަ ލަނޑެވެ. އަނެއް ދެ ލަނޑު ކާމިޔާބު ކުރީ ސަން ހިއުންގް މިން އަދި އަނެއް ޕެނަލްޓީން ލަނޑު ކާމިޔާބު ކުރި ޑެލީ އަލީ އެވެ. ސެލްޓިކްގެ މައްޗަށް 4-2 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި އޭސީ މިލާންވެސް ވަނީ ގަދަ 32 ށް ދަތުރު ކޮށްފަ އެވެ.