އަބްދުﷲ ޝާހިދު

ކޮވިޑް ގެއްލުންތަކުން އަރައިގަތުމަށް އެހީ ބޭނުންވޭ: ޝާހިދު

ތަރައްގީ ވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ކޮވިޑްގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އެހީވުމަށް ފޮރިން މިނިސްޓަރު ޝާހިދު ގޮވާލައްވައިފި އެވެ.

މިނިސްޓަރު މި ކަމަށް ގޮވާލެއްވީ ކުދި ޖަޒީރާ ގައުމުތަކުގެ ޖަމްއިއްޔާ އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އެއޯސިސް) އުފެދުނުތާ 30 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ވާޗުއަލް އިވެންޓްގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުންނެވެ. ބެލީޒް އިން ރިޔާސަތު ބެލެހެއްޓި މި ބައްދަލުވުމަކީ އެއޯސިސް އިން މިހާރު ކުރަމުން އަންނަ މަސައްކަތްތަކާ، ކުރިއަށް ރޭވިފައި ހުރި މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ބޭއްވުނު ބައްދަލުވުމެކެވެ.

މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް ފަދަ ހާއްސަ ހާލަތްތައް ދިމާވެފައިވާ ގައުމުތަކަށް ކޮވިޑްގެ ސަބަބުން ލިބެމުންދާ ގެއްލުންތަކުން އަރައިގަތުމަށް ބައިނަލްއަގްވާމީ މުޖްތަމައުގެ އެހީތެރިކަން ބޭނުންވާކަން ފެންނަމުންދާ ކަމަށެވެ. މި ދަނޑިވަޅުގައި މާލީ، ފަންނީ އަދި ތަކެތީގެ އެހީތެރިކަން ފޯރުކޮށްދޭ ތަރައްގީގެ ބައިވެރިންނަށް މިނިސްޓަރު ވަނީ ހާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވީ ކޮވިޑްގެ ސަބަބުން މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކަށް އެއްވެސް މަޑުޖެހުމެއް އަޔަދީގެން ނުވާނެ ކަމަށެވެ. އަދި ކޮވިޑްގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތަކީ ތިމާވެއްޓާއި ރައްޓެހި، ދެމެހެއްޓެނިވި ކަންތަކަށް ހެދުމަށް އދ ގެ ސެކްރެޓަރީ ޖެނެރަލް ގޮވާލެއްވި ގޮވާލެއްވުމަށް އަމަލުކުރުމަށް އެއޯސިސްގެ ގައުމުތަކުން މަސައްކަތް ކުރަން ޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މީގެ އިތުރުން މޫސުމީ ބަދަލުތަކުގެ ސަބަބުން ތިމާވެއްޓަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކުދި ގައުމުތަކުން ކުރާ މަސައްކަތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށް ދިނުމުގައި އީޖާދީ ގޮތްތަކެއް ހޯދުމަށް ތަރައްގީ ވެފައިވާ ގައުމުތަކަށް ގޮވާލަން ޖެހޭކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެއޯސިސް އުފެދުނީ ކަނޑުގެ ލޮނުގަނޑު އުފުލާ ގުޅޭ ގޮތުން ބޭއްވި ކުދި ގައުމުތަކުގެ ފުރަތަމަ ކޮންފަރެންސް ދިވެހިރާއްޖޭގައި ބޭއްވުމަށްފަހު، 1990 ވަނަ އަހަރު ސްވިޓްޒަލެންޑްގެ ޖެނީވާގައި ބޭއްވި ދެވަނަ ވޯލްޑް ކްލައިމެޓް ކޮންފަރެންސްގައެވެ. އެއޯސިސް އިން ދަނީ ބައިނަލްއަގްވާމީ މައިދާނުގައި ތަރައްގީ ވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ އަޑު އުފުލުގައި އިސް ދައުރެއް އަދާކުރަމުންނެވެ. އެއޯސިސް އުފެދުނީއްސުރެ ދިވެހިރާއްޖެއަކީ އެޖަމްއިއްޔާގެ މެމްބަރު ގައުމެކެވެ. އަދި 2015 އިން 2018 އަށް އެއޯސިސްގެ ރިޔާސަތު ބެލެހެއްޓީ ދިވެހިރާއްޖެއިންނެވެ.