އެމްޑީޕީ

"ބިލްގެ ސަބަބުން ފުލުހުންގެ ތަސައްވުރު ރަނގަޅުވާނެ"

ރައްޔިތުންގެ މަޖިލީހުން މިހާރު ފާސްކުރުމާ ހަމާގައިވާ، ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލަކީ، އެ ބިލު ފާސްކޮށް ގާނޫނަކަށްވެ ތަންފީޒު ކުރެވުމުން ފުލުހުންނާއި ފުލުހުންގެ މުއައސަސާގެ ތަސައްވަރަށާއި ކުރިއެރުމަށް ބޮޑެތި ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން ބުނެފި އެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައްޔިތުންގެ ރައްކާތެރިކަމާއި އަމަން ބެލެހެއްޓުމާއި އަދި ޖިނާއީ އަދުލުގެ ނިޒާމުގެ މުހިއްމު ބައިވެރިއަކަށް ފުލުހުންގެ މުއައްސަސާ ވާއިރު، އެ ހިދުމަތަކީ އެންމެހައި ރައްޔިތުންނަށް އެކަމުގެ އިތުބާރު އޮންނާނޭހެން ދެވޭ ހިދުމަތަކަށް ވާންޖެހޭ ކަމަށެވެ. އަދި އެ މުއައްސަސާގައި މަސައްކަތްކުރާ ފުލުހުންނަށް ވެސް، ފުލުހުންގެ މައްޗަށާއި ފުލުހުންގެ މުއައްސަސާގެ މައްޗަށް ފުރިހަމަ އިތުބާރު އޮވެގެން މަސައްކަތްކުރާ ތަނަކަށް އެތަން ވާންޖެހެ ކަމަށެވެ. ފުލުހުން އައު ގާނޫނު ތަންފީޒުވެގެންދާއިރު އެކަން ހާސިލުވެގެންދާނެ ކަމަށްވެސް އެމްޑީޕީން ބުންޏެވެ.

"މި ގާނޫނުގެ ޒަރިއްޔާއިން ކަށަވަރު ކޮށްދެވޭނެ އަނެއް ކަމަކީ ލާމަރުކަޒީކޮށް ފުލުހުންގެ ހިދުމަތް ދިނުމާއި ކޮމިޔުނިޓީ ޕޮލިސިންގެ ފަލްސަފާގެ މައްޗަށް އެ ހިދުމަތް ދިނުން. އަދި ފުލުހުންގެ ހިދުމަތުގެ އެންމެހައި ކަންކަން ދުސްތޫރީ ހަމަތަކާއި ގާނޫނުގެ ހުކޫމަތުގެ ތެރެއިން އަދި އިންސާނީ ހައްގުތަކަށް އިހްތިރާމްކުރެވިގެން ފޯރުކޮށްދިނުން. އަދި ފުލުހުންގެ ވާޖިބު އަދާކުރުން މަތީ ދެމިތިބުމަށް ބޭނުންވާ ގާނޫނީ ހައިސިއްޔަތާއި ބާރާއި ވަސީލަތްތައް ފުލުހުންނަށް ލިބިގެންދިން،"

ފުލުހުންނަށް ތައުލީމާއި ތަމްރީނު ދިނުމާއި ކުރިއެރުމާއި ޕްރޮމޯޝަން ދިނުމުގައި އިންސާފާއި ހަމަހަމަ ކަމުގެ މައްޗަށް އެ ފުރުސަތުތައް ލިބޭނޭހެން ގާނޫނުން ބައްޓަން ކޮށްދޭނެ ކަމަށާ އަދި ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް ސިއްހީ ފަރުވާގެ ޚިދުމަތް ކަށަވަރު ކޮށްދިނުމާއި ފުލުހުންގެ ހިދުމަތުން ރިޓަޔާ ކުރުމުން މާލީ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމާއި ހައުސިން ސްކީމްތައް ގާއިމުކޮށް އޭގެ މަންފާ ފުލުންނަށް ލިބޭނޭ ގޮތް ހެދުމަކީ ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ތެރެއިން ކަނޑައެޅިގެންދާ ކަންކަން ކަމަށް އެމްޑީޕީން ބުނެއެވެ.

އެ ޕާޓީން ބުނީ ފުލުހުންގެ ހިދުމަތުގެ ބިލަކީ ފުލުހުންނާއި ދައުލަތުގެ ކަމާބެހޭ ހުރިހާ ވުޒާރާތަކާއި މުއައްސަސާތަކާ އެކު މަޝްވަރާކުރެވި އާންމުންގެ ހިޔާލުތަކުގެ މައްޗަށް ބިނާކޮށް ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީން ވަރަށް ގިނަ ވަގުތު ހޭދަކޮށްގެން ދިރާސާކޮށް ފުރިހަމަ ކޮށްފައިވާ ބިލެއް ކަމަށެވެ.