މިއީ ނަމޫނާ ދެމަފިރިންނެވެ. އެމީހުންގެ ކައިވެނީގައި ހޭދަކުރި 47 އަހަރު ދެމަފިރިން ހުރިހާ ކަމެއް ވެސް ކުރީ އެކުގައި ބުންޏަސް ދޮގަކަށް ނުވާނެ އެވެ. އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވީ މި ދެމަފިރިން އްނެމް ފަހުން މަރުވެފައި ވަނީ ވެސް ހަމަ ދާދި އެކުއެކުގަ އެވެ.
އެމެރިކާގެ މިޗިގަންގައި ދިރިއުޅުނު ދެމަފިރިންނަށް ކޮވިޑް ޖެހުނީ ވެސް ދާދި އެކުއެކުގަ އެވެ. އަދި މަރުވީ ވެސް ހަމަ އެއް ދުވަހެއްގެ އެއް ގަޑިއެއްގައި ކަމަށް ސީއެންއެންގައިވާ މި ރިޕޯޓުގައި ބުނެފައި ވެއެވެ.
ރިޕޯޓުގައިވާ ގޮތުން ލެސްލީ އާއި ޕެޓްރީޝިއާ މެކްވޯޓާޒް އާ ދެމަފިރިން ވެސް މަރުވީ ކޮވިޑަށް ފަރުވާ ހޯދަމުން ދަނިކޮށް މިދިޔަ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު އެވެ. މަރުވިއިރު ލެސްލީގެ އުމުރުން 75 އެވެ. ޕެޓްރީޝިއާ އަށް 78 އަހަރެވެ.
ދެމަފިރިންނަށް ހޮސްޕިޓަލުގައި ފަރުވާދިން މެޑިކަލް ޓީމުން ސީއެންއެން އަށް ބުނެފައިވާ ގޮތުގައި ދެމަފިރިން މަރުވީ އެއް ވަގުތެއްގައި ބުނުމަކީ ދޮގަކަށް ނުވާނެ އެވެ. ދެ މީހުން މަރުވެފައިވަނީ އެކުއެކުގައި ކަމަށް ވާތީ އެވެ. މި ދެމަފިރިން މަރުވެގެން ޝާއިއުކުރި ތައުޒިޔާގައި ވެސް ޖަހާފައިވަނީ ދެމަފިރިންގެ ފޮޓޯއެވެ.
ޕެޓްރީޝިއާ އަކީ ރެޖިސްޓާޑް ނާސް އެއްގެ ގޮތުގައި 35 އަހަރު މަސައްކަތްކޮށްފައިވާ މީހެކެވެ. ލެސްލީ އަކީ ޓްރަކް ޑްރައިވަރެކެވެ.
ލެސްލީ އާއި ޕެޓްރީޝިއާ ކައިވެނިކުރީ 1973 ގެ އޭޕްރީލް 16 ވަނަ ދުވަހު އެވެ. ދެމަފިރިން ދަންނަ އެންމެން ވެސް އެމީހުން ސިފަ ކުރަނީ މުޅިން އިދިކޮޅު މިޒާޖެއް ހުންނަ "ލަވް ބާޑްސް"ގެ ގޮތުގަ އެވެ.
ޕެޓްރީޝީއާ އަކީ ސީރިއަސް މިޒާޖެއްގެ މީހެކެވެ. ލެސްކީ އަކީ ވަރަށް ހެއްވާ މަޖާ މީހެކެވެ.
ދެމަފިރިންގެ ދަރިފުޅު ޖޯނާ ބުނި ގޮތުގައި ގޭގައި ބާއްވާ ޕޫލް ޕާޓީ ފަދަ ޕާޓީ ތަކުގައި މަންމަ އާއި ބައްޕަ ވަރަށް މަޖާ ކުރާނެ އެވެ. އަދި އެކުގައި ޕާޓީތަކަށް ދިއުމާއި ކުޅިވަރުތައް ކުޅޭތަން ބަލާލަން ގޮސް އުޅޭނެ އެވެ.
"މަންމަ އާއި ބައްޕަ އެއްވެސް ކަމެއް ވަކިންނެއް ނުކުރާނެ. ތަނަކަށް ދިޔަސް ދާނީ އެކުގައި. ކަމެއް ކުރިޔަސް ކުރާނީ އެކުގައި. މިއީ އަހަރެމެންނަށް ކުރިން ވިސްނާ ނުލެވި އޮތް ނަމަވެސް ވަރަށް އަޖައިބެއް ކަހަލަ ކަމެއް. ހަޔާތުގެ ދަތުރު އެމީހުން ނިއްމާލީ ވަރަށް އުފަލާއި ހިތްހަމަޖެހުމާއެކުގައި ގިނަ ދުވަސްތަކެއް އެކުގައި ހޭދަކުރުމަށްފަހު،" ދެމަފިރިންގެ ތިބި ދެ ދަރިންގެ ތެރެއިން އެއް ދަރިފުޅު ޖޯނާ ސީއެންއެން އަށް ބުނެފައި ވެއެވެ.
"މިއީ ވަރަށް ހިތާމަވެރި ނިމުމެއް. ރޯމިއާ އާއި ޖޯލިއަޓްގެ ވާހަކަ ކަހަލަ ރީތި ލޯބީގެ ވާހަކައެއް. ހީވަނީ އެކަކާ ނުލާ އަނެކަކު ދުނިޔޭގައި އުޅެން ވެސް ބޭނުން ނުވީ ހެން،" ޖޯނާ ބުންޏެވެ.