ރައީސް އަބްދުﷲ ޔާމީން

ޔާމީންގެ ޝަރީއަތް މާދަމާ އަށް ތާވަލްކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގެ އަޑުއެހުން މާދަމާއަށް ތާވަލުކޮށްފި އެވެ.

ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިން ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އެވެ. މި ދެ ދައުވާ އުފުލާފައިވަނީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެންނެވެ.

މި ދެ ދައުވާގެ ޝަރީއަތް ފެށީ މިިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. މާދަމާގެ އަޑުއެހުން އޮތީ މެންދުރު 2:00 ގައެވެ.

ޕީޖީ އޮފީހުން ބުނެފައި ވަނީ ރައީސް ޔާމީން ވަނީ ނުފޫޒު ބޭނުން ކޮށްގެން މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަގުތެ ގޮތުގައި 1،117،000 ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުން ކޮށްގެން އެ ފައިސާ ލޯންޑާ ކުރުމަށްޓަކައި ފަށަލަކޮށްފަ ކަމަށެވެ.

މި މައްސަލައަކީ ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން އަދި ކޮރަޕްޝަންތައް ބަލާ ރިޔާސީ ކޮމިޝަން ގުޅިގެން ހިންގާފައިވާ ތަހުގީގެވެ.

ޕީޖީ އޮފީހުން ބުނި ގޮތުގައި، މި މައްސަލާގެ ތެރެއިން ކުށުގައި ހިމެނޭ ފައިސާގެ ގޮތުގައި 1،349،885 ޑޮލަރާއި ކުށުގެ އަމަލުން ހޯދި ފައިސާއާ އެއްކޮށްފައިވާ 2،295،250 ޑޮލަރާއި ޖޫރިމަނާގެ ގޮތުގައި 34،689،425 ޑޮލަރު ދައުލަތަށް އަނބުރާ ހޯދުމަށް މަސައްކަތް ކުރާނެ އެވެ.

ކުރިމިނަލް ކޯޓްގައި އޮތް އިބްތިދާއީ އަޑުއެހުމުގައި މައްސަލަ އާއި ގުޅޭ ހުރިހާ ލިޔެ ކިޔުންތަކެއް ހަމައަށް ލިބި ވަޑައިގެންފައިވޭތޯ ފަނޑިޔާރު ވަނީ އައްސަވާފަ އެެވެ. އަދި ރައީސް ޔާމިން ވިދާޅުވީ މައްސަލައާއި ގުޅިގެން ދައުލަތުން ޝަރީއަތަށް ހުށަހަޅާފައިވާ ހުރިހާ އޯޑިއޯތަކެއް އަޑު އެހުމުގެ ފުރުސަތު ލިބި ވަޑައިގެންފައި ނުވާ ކަމަށެވެ. އަދި އެ ފުރުސަތު ކަރެކްޝަނުން ފަހިކޮށްދީފައި ވެސް ނުވާ ކަމަށެވެ.

އަދި އަމިއްލަ ލެޕްޓޮޕް ހިފައިގެން ޖަލަށް ވަޑައި ނުގަނެވޭތީ ކަރެކްޝަނުން ދިން ލެޕްޓޮޕަކަށް އެ ޑިވައިސް ޖެހުމުން އިތުރު ފައިލްތަކެއް ކްރިއޭޓްވާ ކަމަށް ވިދާޅުވި އެވެ. އަދި ކަރެކްޝަނުން ދިން ލެޕްޓޮޕް ބަގް ކުރުމަށް ބަގިން ޑިވައިސްއެއް ހަރުކޮށްފައިވާ ކަމުގެ ތުހުމަތު ވެސް ވަކީލުން ވަނީ ކުރައްވާފަ އެވެ.

ވަކީލުންގެ އަމިއްލަ ލެޕްޓޮޕް ހިފައިގެން ޖަލަށް ވަދެވޭނެ ގޮތް ހަދައި ދިނުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން އެ ދުވަހު ކޯޓުގައި ވަނީ އެދިވަޑައިގެންފަ އެވެ. އަދި މި މައްސަލާގައި އަދިވެސް ވަކީލުންނާއި ބައްދަލުކޮށް މަޝްވަރާ ކުރެވޭނެ އެކަށިގެންވާ އިންތިޒާމެއް ހަމަޖައްސައިދީފައި ނުވާ ކަމަށާއި އެކަން ހަމަޖައްސައިދިނުމަށް ރައީސް ޔާމީން ވެސް ވަނީ އެދިވަޑައިގެންފަ އެވެ.

މިކަމާ ގުޅިގެން ގާޒީ ވިދާޅުވީ މިހާރު ޝަރީއަތްތަކަށް އަމިއްލަ ލެޕްޓޮޕާއި ފޯނުފަދަ ތަކެތި ވެއްދުމުގެ ހުއްދަ ދީފައިވާ ކަމަށާއި އެހެން ކަމުން ކޯޓުގެ ޝަރީއަތް ކުރާ ކޮޓަރިއެއްގައި އެމަނިކުފާނާއި ވަކީލުންނާއި ބައްދަލު ކުރެވޭނެ ކަމަށެވެ. އަދި އެ ކޮޓަރީގައި އިތުރު އެއްވެސް މީހަކު ނުހުންނާނެ ކަމަށާއި ކެމެރާއެއް ވެސް ހަރުކޮށްފައި ނުހުންނާނެ ކަމަށް ވިދާޅުވި އެވެ.

އެކަމަކު ރައީސް ޔާމީން އެގޮތް ބޭނުންފުޅުވެ ވަޑައެއް ނުގަތެވެ. ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅު ވަނީ ޖަލުގައި ހުންނަ ވަކީލުންނާއި ބައްދަލު ކުރައްވާ ކޮޓަރިއަށް އަމިއްލަ ލެޕްޓޮޕާއެކު ވަޑައިގެން މި މައްސަލައިގައި ހުށަހަޅާފައިވާ އޯޑިއޯތައް އަޑު އައްސަވައި އެހެނިހެން ލިޔެކިޔުންތައް ވެސް ދިރާސާ ކުރެއްވުމަށް ކަމަށެވެ. އެގޮތަށް ހަމަޖައްސައި ދެއްވުމަށް ކޯޓުން ދައުލަތަށް އަންގަވައި ދެއްވުމަށް ވެސް އެދިވަޑައިގަތެވެ.

ދައުލަތުންވެސް އެދުނީ ރައީސް ޔާމީން ބޭނުންފުޅުވެވަޑައިގަތް ގޮތަށް ޖަލުގައި އެ މައްސަލައިގެ ލިޔެ ކިޔުންތަކާއި އޯޑިއޯތައް ދިރާސާ ކުރެވޭނެ އިންތިޒާމެއް ހަމަޖައި ދިނުމަށެވެ. ސަބަބެއް ކަމަށް ބުނީ ޝަރީއަތް ކުރާ މާލަމެއްގައި ދައުވާ ރައްދުވާ ފަރާތުގެ މިނިވަންކަން ގެއްލޭނެތީ ކަމަށެވެ. އެހެން ކަމުން މަދުވާ ލިޔެ ކިޔުންތަކަކީ ކޮބައިކަން ދިފާއީ ވަކީލުން ވިދާޅުވުމުން އެ ލިޔެ ކިޔުންތައް ލިބޭނެ ގޮތް ހަމަޖައްސައި ދިނުމާއެކު އަމިއްލަ ލެޕްޓޮޕް ހިފައިގެން ޖަލަށް ވަދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ކަރެކްޝަނަލްގައި އެދޭނެ ކަމަށް ދައުލަތުން ބުންޏެވެ.