ޗެލްސީ

ޖިރޫއަށް ފާހަގަ ކުރެވޭ ހަފުތާއެއް

ލީޑްސް ޔުނައިޓެޑްގެ މައްޗަށް 3-1 ގެ ނަތީޖާއިން މޮޅުވެ، ތާވަލުގެ އެއްވަނަ އަށް ޗެލްސީ ދަތުރު ކުރި މެޗުގައި އޮލިވާ ޖިރޫޑް ވިދާލައިފި އެވެ.

މި ހަފުތާއަކީ ޖިރޫޑަށް ފާހަގަ ކުރެވޭ ހަފުތާ އެކެވެ. މިދިޔަ ބުދަ ދުވަހު ޗެމްޕިއަންސް ލީގްގައި ސެވިއްޔާ ކޮޅަށް ހަތަރު ލަނޑު ޖަހައި އެ ގުރޫޕްގެ އެއްވަނަ އަށް ޗެލްސީ ގެންގޮސް ދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރީ ޖިރޫޑް އެވެ. ދެ މުބާރާތުގެ ވެސް އެއް ވަނަ މަގާމަށް ޗެލްސީ ގެންގޮސް ދިނުމުގައި މި ހަފުތާއަކީ ޖިރޫޑަށް ފާހަގަ ކުރެވޭ ހަފުތާ އެކެވެ.

ލީޑްސްގެ ޕެޓްރިކް ބަމްފޯޑް މެޗުގެ ހަތަރު ވަނަ މިނެޓްގައި އެ ޓީމަށް ލީޑް ނަގައި ދީފައި ވަނިކޮށް ޗެލްސީ އަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށް ދިނީ ޖިރޫޑް އެވެ. މެޗުގެ 27 ވަނަ މިނެޓްގައި އޭނާ ލަނޑު ޖެހީ ރީސް ޖޭމްސް ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. އެއީ އެއް ހަފުތާގައި ކުޅުނު ދެ މެޗުގައި ޖިރޫޑް ކާމިޔާބު ކުރި ފަސް ވަނަ ލަނޑެވެ. މިދިޔަ ހަފުތާގައި ޓޮޓެންހަމް ހޮޓްސްޕާސް އާ ދެކޮޅަށް ލަނޑެއް ނުޖެހި އެއްވަރުވި މެޗުގައި ޗެލްސީގެ ޓީމުން ލަނޑު ޖަހާނެ އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ޖިރޫޑް އަށެވެ. އޭގެ ކުރިން ޗެމްޕިއަންސް ލީގްގައި ފްރާންސްގެ ރެން އާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވާން ދަނިކޮށް ޗެލްސީ މޮޅު ކޮށްދިން ލަނޑު މެޗުގެ އެންމެ ފަހު ވަގުތުގައި ކާމިޔާބު ކުރީ ޖިރޫޑް އެވެ.

ރޭގެ މެޗުގައި ޗެލްސީގެ އަނެއް ދެ ލަނޑު ކާމިޔާބު ކުރީ ޒޫމާ އާއި ކްރިސްޓިއަން ޕްލިސިޗް އެވެ. ޗެލްސީ އެއް ވަނައިގައި އޮތީ އެންމެ ކުރީގައި ލީޑް ކުރަމުންދާ ޓޮޓެންހަމް އާއި ލިވަޕޫލަށްވުރެ އިތުރަށް މެޗު ކުޅެ އިތުރަށް އެއް ޕޮއިންޓް ހޯދައިގެންނެވެ. މިރޭ ޓޮޓެންހަމް އާއި އާސެނަލް އަދި ލިވަޕޫލާއި ވޯލްވާހެމްޓަން ވޮންޑާސް ކުޅޭ މެޗުތަކުން ސްޕާސް އާއި ލިވަޕޫލް މޮޅުވެއްޖެނަމަ ޗެލްސީގެ މަގާމަަށް ބަދަލު އަންނާނެ އެވެ.

ވެސްޓްހަމް ޔުނައިޓޭޑާ ދެކޮޅަށް ކުޅުނު މެންޗެސްޓާ ޔުނައިޓެޑް މެޗުގެ އެންމެ ފަހު 30 މިނެޓާ ހަމައަށް ދިޔަިއރުވެސް އޮތީ ފަހަތުގަ އެވެ. އެހެންނަމަވެސް އެންމެ ފަހު 30 މިނެޓްގައި ތިން ލަނޑު ކާމިޔާބު ކޮށް މެޗު ކާމިޔާބު ކުރި އެވެ. މިއީ ލީގްގައި އެ ޓީމު ފަހަތުން އަރައި މޮޅުވި ޖެހިޖެހިގެން ދެ ވަނަ މެޗެވެ. ފުރަތަމަ ހާފުގައި ތޯމަސް ސޫސުކް ވެސްޓްހަމްއަށް ލީޑް ނަގައި ދިނެވެ. މެޗުގެ 65 ވަނަ މިނެޓްގައި ޔުނައިޓެޑްގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ ޕައުލް ޕޮގްބާ އެވެ. ތިން މިނެޓް ފަހުން މޭސަން ގްރީންވުޑް ވަނީ ޔުނައިޓެޑަށް ލިޑް ނަގައިދީފަ އެވެ. އެ ޓީމުގެ ތިން ވަނަ ލަނޑު 78 ވަނަ މިނެޓްގައި ކާމިޔާބު ކުރީ މާކޯސް ރަޝްފާޑް އެވެ.

ފުލަމް އާ ދެކޮޅަށް ކުޅުނު މެންޗެސްޓާ ސިޓީ މެޗު ކާމިޔާބު ކުރީ 2-0 ންނެވެ. އެ ޓީމުގެ ލަނޑުތައް ކާމިޔާބު ކުރީ ރަހީމް ސްޓާލިން އަދި ކެވިން ޑި ބްރައިނާ އެވެ. ޑި ބްރައިނާ ލަނޑު ކާމިޔާބު ކުރީ ލިބުނު ޕެނަލްޓީންނެވެ.