މެދުކަނޑުމަކަށް ފަހު ލަލީގާއަށް ކޮލިފައިވި ކާޑިޒް އަތުން 2-1 ން އެފްސީ ބާސެލޯނާ ބަލިވުން ތަފްސީލު ކޮށްދޭންގެ ގޮތެއް ނޭންގޭކަމަށް ބާސާގެ ކޯޗް ރޮނަލްޑް ކޫމަން ބުނެފި އެވެ.
ކާޑިޒްގައި ކުޅުނު މެޗުގައި، އެ ޓީމުން ބާސާ ކޮޅަށް ޖެހި ދެ ވަނަ ލަނޑަކީ ބާސާގެ ޑިފެންސަށް ހެދުނު ގޯހަކުން ކާމިޔާބު ކުރި ލަނޑެކެވެ. ކާޑިޒްގެ ފުރަތަމަ ލަނޑު މެޗުގެ އަށް ވަނަ މިނެޓްގައި ކާމިޔާބު ކުރީ އަލްވާރޯ ހިމެނޭޒް އެވެ. ދެ ވަނަ ލަނޑު ކާމިޔާބު ކުރީ ކުރިން ޕްރިމިއާ ލީގް އަދި ލަލީގާގައިވެސް ކުޅުނު އަލްވާރޯ ނެގްރޭޑޯ އެވެ. ބާސާގެ ލަނޑަކީ ކާޑިޒްގެ އަލްކާލާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
"މި ބަލި ވީގޮތް ތަފްސީލް ކޮށްދޭން އުނދަގޫ،" މެޗަށް ފަހު ވާހަކަ ދައްކަމުން ކޫމަން ބުންޏެވެ. "އަހަރެމެން ކާޑިޒް އަށް ވަރަށް ރަނގަޅު މެޗުތަކަކަށް ފަހު. ނަމަވެސް މި މެޗުގެ ފުރަތަމަ ހާފަކީ ރަނގަޅު ހާފެއް ނޫން. ދެ ވަނަ ހާފުގައި އަހަރެމެންގެ ކުޅުނު ރަނގަޅު. އެހެންނަމަވެސް އަހަރެމެން މެޗުން ބަލި ގޮތް އެއީ އާދަޔާ ހިލާފް ގޮތެއް. އަހަރެމެން ބަލވީ ހަދައިގެން ނުވާނެ މިސްޓޭކަކުން."
"އަހަރެމެން ކޮޅަށް މިފަހަކަށް އައިސް ލަނޑު ވަދެގެން ދާ ގޮތާ މެދު އަހަންނަށް ތަފްސީލެއް ދޭކަން ނޭންގެ، އަހަންނަށް ހީވަނީ ފޯކަސް ގެއްލޭތީ ވާ ގޮތެއް ހެން."
ކާޑިޒް ވަނީ މި ސީޒަންގައި، ބާސާގެ އިތުރުން ރެއާލް މެޑްރިޑްވެސް ބަލި ކޮށްފަ އެވެ. ރެއާލް ވަޔަޑޮލިޑްގެ މައްޗަށް 2-0 ގެ ނަތީޖާ އަކުން މޮޅުވެ އތުލެޓިކޯ މެޑްރިޑް ވަނީ ތާވަލުގެ އެއް ވަނައަށް ޖެހިލާފަ އެވެ. ކޮވިޑް-19 ގެ ބަލިން ފަސޭހަވެ، އެތުލެޓިކޯގެ ފޯވަޑް ލުއިސް ސުއަރޭޒް ކުޅުނު ފުރުތަމަ މެޗުގައި އެތުލެޓިކޯގެ ފުރަތަމަ ލަނޑު ތޯމަސް ލެމާ ކާމިޔާބު ކުރީ ކިރަން ޓްރިޕިއާ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. އެތުލެޓިކޯގެ ދެ ވަނަ ލަނޑު މާކޯސް ޔޮރެންޓޭ ކާމިޔާބު ކުރީވެސް ޓްރިޕިއާ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ.
ރެއާލް މެޑްރިޑުން ސެވިއްޔާ އާ ދެކޮޅަށް ކުޅުނު މެޗުގައި، ރެއާލް ކާމިޔާބު ކުރީ 1-0 ންނެވެ. ޖެހިޖެހިގެން ދެ މެޗުން ބަލިވި ފަހުން ސެވިއްޔާ އަތުން ރޭ މޮޅުވުމަކީ ރެއާލްގެ ކޯޗް ޒައިނުއްދީން ޒިދާނަށް ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ. ރެއާލްގެ ލަނޑު ކާމިޔާބު ކުރީ ވިނީސިއުސް ޖޫނިއާ އެވެ. އޭނާ ލަނޑު ޖެހި ލަނޑު ގޯލަށް ވަނީ ސެވިއްޔާގެ ކީޕަރު ޔާސީން ބޯނޫއަށް ހެދުނު މިސްޓޭކަކުންނެވެ. އެހެންވެ އެ ލަނޑު ގުނާފައި ވަނީ ބޯނޫގެ ބައި ގޯލެއްގެ ގޮތުގަ އެވެ.