ހަބަރު

އެތެރެހަށީގައި ފޮރުވައިގެން ޑްރަގު ގެނައި މީހަކު ހައްޔަރުކޮށްފި

Dec 6, 2020

އެތެރެހަށީގައި ރައްކާކޮށްގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބްރެޒިލްގެ ރައްޔިތަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ރާއްޖެއަށް އައި ބްރެޒިލްގެ ރައްޔިތެއްކަމުގައިވާ 21 އަހަރުގެ ރެނާޓޯ އަލްފްރެޑޯ ކަމަށެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ އެތެރެހަށީގައި ރައްކާކޮށްގެން މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ކަސްޓަމްސް އޮފިސަރުންނަށް ޝައްކުކުރެވިގެން އޭނާ ހުއްޓުވައި، އެކްސްރޭ ކުރުމުން އޭނާގެ ހަށިގަނޑުގެ ތެރޭގައި އެއްޗެހިތަކެއް ހުރިކަމަށް ފާހަގަ ކުރެވިގެން ކަމަށެވެ.

އެއާއެކު، އެ މީހާ ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދެއްކުމުން އޭނާގެ ހަށިގަނޑުގައި ފޮރިން ބޮޑީސްތަކެއް ހުރިކަމަށް ޔަގީންކުރެވިފައިވާކަމަށް ފުލުހުން ބުންޏެވެ.

އިތުރަށް ބުނީ އޭނާ ހޮސްޕިޓަލުގައި އެޑްމިޓްކޮށް، ފުލުހުންގެ ބެލުމުގެ ދަށުގައި އޮތްއިރު އޭނާ ބޮޑުކަމުދިޔަ ތަކެތީގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 66 ބުލެޓް ފެނިފައިވާ ކަމަށެވެ.

ކްރިމިނަަލް ކޯޓުން މިހާރު ވަނީ، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައި އެވެ.