ވިޔަފާރި

ކޮށްޓަފަރު މުވައްޒަފުންނަށް މުސާރަ ނުދޭތީ ޝަކުވާ

Dec 6, 2020

ރ. ކޮއްޓަފަރުގައި ހިންގާ ބްރެއިނާ ކޮއްޓަފަރު ރިސޯޓުގެ މުވައްޒަފުންނަށް މުސާރަ ނުދޭތާ ގިނަ ދުވަސް ތަކެއްވެ، މުވައްޒަފުން، ހާލުގައި ޖެހިފައިވާ ކަމަށް ބުނެ، ޝަކުވާ ކުރަން ފަށައިފި އެވެ.

އެ ރިސޯޓުގެ މުވައްޒަފަކު އަވަސް އަށް މިއަދު ބުނި ގޮތުގައި މުސާރަ ނުދޭތާ 10 މަސްވެފައިވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން މުވައްޒަފުން ވަރަށް ހާލުގައި އުޅެމުންދާ ކަމަށް މުވައްޒަފު ބުންޏެވެ.

"އެންމެ ޒަރޫނީ ކަންކަން ކޮއްލާނެ އެއްޗެއްވެސް މިހާރު ނެތް،" ނަން ނުޖެހުމަށް އެދި ވާހަކަ ދެއްކި މުވައްޒަފު ބުންޏެވެ.

މުވައްޒަފުންނަށް މުސާރަ ނުދޭ މައްސަލާގައި ވާހަކަ ދައްކަމުން، އެ ރިސޯޓުގެ އެޗްއާރު މެނޭޖަރު މުސްތަފާ ރަޝީދު މިއަދު ވިދާޅުވި ގޮތުގައި މުސާރަ ނުދެވިގެން އުޅޭ ވާހަކައަކީ ތެދު ވާހަކައެއް ކަމަށާ ނަމަވެސް 10 ނޫނީ 11 މަސް މުސާރަ ނުދީ ނުހުންނާނެ ކަމަަށެވެ.

"މި ރިސޯޓު ފެށިތަނާ މި ކަމެއް [ކޮވިޑް-19] ލައްވައިލީ. އެހެންވީމަ ޓޫރިސްޓުން ނުގެނެވިގެން މުސާރަތައް ލަސް ވެގެން ދިޔައީ،" ދިވެހި މެނޭޖުމަންޓަކުން ހިންގާ ރިސޯޓުގެ އެޗްއާރު މެނޭޖަރު، މުސްތަފާ ވިދާޅުވި އެވެ.

މި ރިސޯޓު ފެށިތަނާ މި ކަމެއް [ކޮވިޑް-19] ލައްވައިލީ. އެހެންވީމަ ޓޫރިސްޓުން ނުގެނެވިގެން މުސާރަތައް ލަސް ވެގެން ދިޔައީ
ކޮއްޓަފަރު ރިސޯޓުގެ އެޗްއާރު މެނޭޖަރު

"ބްރެއިނާ ކޮއްޓަފަރު" ގެ ނަމުގައި 2018 ގެ މާޗް މަހު ހުޅުވި ރިސޯޓުން ވާހަކަ ދެއްކި މުވައްޒަފު ބުނި ގޮތުގައި މުސާރަ ނުދޭތީ ގިނަ މުވައްޒަފުން ތަކެއް ކެނޑިގެން ގޮސްފައިވާއިރު، މިދިޔަ މަހުން ފެށިގެން އެ ރިސޯޓު އަލުން އޮޮޕަރޭޝަނަށް ވަނީ ގެނެސްފައެވެ.

"މިހާރު ވެސް މިތަނުގައި 25 އަކަށް ދިވެހިން އެބައުޅޭ. މީގެ އިތުރުން ދެން މުޅިން ވެސް އުޅެނީ ބަންގްލަދޭޝަން މީހުން،" ނަން ނުޖެހުމަށް އެދި ވާހަކަ ދައްކަމުން ބުންޏެވެ.

200 ކޮޓަރީގެ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރި މި ރިސޯޓުގައި މި ވަގުތު އޮޕަރޭޝަންގައި ހުރީ 102 ކޮޓަރި އެވެ.

އެ ރިސޯޓުގެ އެޗްއާރު މެނޭޖަރު މުސްތަފާ ވިދާޅުވި ގޮތުގައި ޑިސެމްބަރު ފަހު ކޮޅުން ފެށިގެން މުސާރަ ދޭން ފަށާނެއެވެ.

"މުސާރަ ދޭން ފަންޑު ހޯދަންވެސް މަސައްކަތް ކުރިން. އެކަމަކު އެކްސްޕެކްޓް ކުރި ގޮތަށް ފަންޑުވެސް ނުލިބިގެން ނުދެވުނީ،" މުސްތަފާ ވިދާޅުވި އެވެ.

ޓޫރިޒަމް ހީނަރުވުމުގެ ސަބަބުން ރާއްޖޭގެ ގިނަ ރިސޯޓުތަކެއްގެ މުވައްޒަފުންނަށް ނޯޕޭއާއެކު ރަށަށް ފޮނުވާލި އެވެ. ޓޫރިޒަމް އެމްޕްލޮއިމަންޓް އެސޯސިއޭޝަން (ޓީމް) އިން އަންދާޒާ ކުރާ ގޮތުގައި މިގޮތަށް ފޮނުވާލި މުވައްޒަފުންގެ އަދަދު 11،000 އަރާނެ އެވެ. ނަމަވެސް މިހާރު ޓޫރިސްޓުން އަންނަން ފެށުމާއެކު ފޮނުވާލި ގިނަ މުވައްޒަފުންނަށް އަލުން ވަޒީފާ ތަކަށް ދަނީ ނެރެމުންނެވެ.