މާލެ ސިޓީން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 38،000 އަށް އަރާ ކަމަށް ދިރާސާއިން ދައްކައިފި އެވެ. ކޮވިޑް ޖެހުނު މީހުންގެ ހަގީގީ އަދަދެއް ދެނެގަތުމަށް އެޗްޕީއޭ އާއި ގައުމީ ޔުނިވާސިޓީ ގުޅިގެން ވަނީ ދިރާސާއެއް ކުރިއަށް ގެންގޮސްފައެވެ. މި ދިރާސާއަށް ގިނަ ބައެއްގެ ސާމްޕަލް ވަނީ ނަގާފައެވެ. އެންޓިބޮޑީ ޓެސްޓުން މީގެ ކުރިން ކޮވިޑު ޖެހިފައިވާނަމަ ވެސް އެނގޭނެ އެވެ.
އެ ދިރާސާގެ މައުލޫމާތު ހާމަކުރަމުން ގައުމީ ޔުނިވާސިޓީގެ ޑިރެކްޓަރު އޮފް ރިސާޗް ރަހީމާ އަބްދުއްރަހީމް ވިދާޅުވީ މި ދިރާސާގައި ބައިވެރި ކުރި މީހުންގެ ތެރެެއިން 13.4 ޕަސެންޓް މީހުންނަށް ވަނީ ކޮވިޑް ޖެހިފައެވެ. ރަހީމާ ވިދާޅުވީ މާލޭގައި ދެލައްކަ އައްހާސް މީހުން އުޅޭއިރު އޭގެ ތެރެއިން 38،000 މީހުން ކޮވިޑަށް ހުށައެޅިފައިވާކަން އެ ދިރާސާއިން ދައްކާ ކަމަށެވެ.
މިހާތަނަށް 87 ޕަސެންޓް މީހުންނަށް ކޮވިޑް ޖެހިފައި ނުވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރަން ޖެހޭ ކަމަށްވެސް ރަހީމާ ވިދާޅުވިއެވެ. ރަހީމާ ވިދާޅުވީ ދިރާސާއިން ދައްކާ ގޮތުން ދިވެހިންގެ ތެރެއިން ކޮންމެ 11 މީހަކުން އެކަކު ކޮވިޑަށް ހުށައެޅިފައިވާ ކަމަށެވެ. އަދި ބިދޭސީންގެ ތެރެއިން ކޮންމެ ތިން މީހަކުން އެކަކު ކޮވިޑަށް ހުށައެޅިފައިވެއެވެ.
ކޮވިޑަށް ކުރިން ޕޮޒިޓިވްވިކަން އެނގިފައިވާ މީހުންްގެ ތެރެއިން 57.9 ޕަސެންަޓް މީހުންގެ ގައިގައި އަދިވެސް އެންޓިބޮޑީސް އެބަހުރި ކަމަށް ދިރާސާއިން ދައްކައެވެ. އަދި ކުރިން ޕޮޒިޓިވްވިކަން ނޭންގޭ މީހުންގެ ތެރެއިން 10 ޕަސެންޓް މީހުންގެ އެންޓިބޮޑީ ހުރި ކަމަށް ވަނީ ދައްކާފައެވެ.
"މީގެ މާނައަކީ އާބާދީގެ 10 ޕަސެންޓް މީހުންނަށް ނޭންގި އެ މީހުންނަށް ކޮވިޑް ޖެހިފައިވޭ،" ރަހީމާ ވިދާޅުވިއެވެ.
ދިރާސާއިން ދައްކާ ގޮތުން ކޮވިޑަށް ޕޮޒިޓިވްވި މީހުން ދުވަސްވާ މިންވަރަށް އެންޓި ބޮޑީސް ދަނީ މަދުވަމުންނެވެ. އެ ގޮތުން ފުރަތަމަ މަހު އެންޓިބޮޑީ 11 ޕަސެންޓްގައި ހުރި ނަމަވެސް ހަ މަސްވާއިރު އެ އަދަދު ހަ ޕަސެންޓަށް މަދުވެއެވެ. ރަހީމާ ވިދާޅުވީ އެކި ގައުމުތަކުގައި މިހާތަނަށް ކޮށްފައިވާ ދިރާސާތަކުން ބައެއް މީހުންގެ އެންޓިބޮޑީ ހަ މަހަށް ހުންނައިރު ބައެއް މީހުންގެ އެންޓިބޮޑީ ހުންނަނީ ތިން މަހެވެ.